އޮލިމްޕިކް ޗެމްޕިއަން، އެމެރިކާގެ ސްޕްރިންޓަރު ޓޯރީ ބޯއީ މަރުވީ ވިހެއުމުގެ ތެރޭގައި ދިމާވި އުދަނގޫތަކުގެ ސަބަބުން ކަމަށް އޭނާގެ އޮޓޮޕްސީ ރިޕޯޓުން ދައްކައިފިއެވެ.
2016 ވަނަ އަހަރުގެ ބްރެޒިލްގެ ރިއޯ ޑި ޖެނީރޯގައި ބޭއްވި އޮލިމްޕިކްސްއިން 400 މީޓަރު ދުވުމުން ރަން މެޑަލް ހޯދި 32 އަހަރުގެ ބޯވީ މަރުވެފައި އޮއްވާ ފެނުނީ މިދިޔަ މަހު އެވެ.
ފްލޮރިޑާގެ އޮރލަންޑޯގައި ހުންނަ މެޑިކަލް އެގްޒެމިނަރުގެ އޮފީހުން ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ މެއި މަހުގެ ދެވަނަ ދުވަހު ބޯވީ އޭނާ ދިރިއުޅޭ ގޭގެ އެނދުގައި މަރުވެފައި އޮއްވާ ފެނުނު އިރު ބަނޑަށް އަށް މަސް ވެފައިވާ ކަމަށް ލަފާކުރެވޭ ކަމަށާއި ވިހެއުމުގެ އަލާމާތްތައް އޭނާގެ ހަށިގަނޑުން ފެނުނު ކަމަށެވެ.
އޮޓޮޕްސީ ރިޕޯޓުގައި ބުނެފައިވަނީ ބޯވީ މަރުވީ ގުދުރަތީ މަރަކުން ކަމަށެވެ.
ބޯވީގެ އެޖެންޓް ކިމްބަލީ ހޮލެންޑް ސީބީއެސް ނިއުސްއަށް ބުނީ، ބޯވީ "އަމިއްލައަށް މަރުވީކަމަށް" އެމެރިކާގެ މީޑިޔާތަކުން ކޮށްފައިވާ ޝައްކުތައް އޮޓޮޕްސީ ރިޕޯޓުގެ ސަބަބުން ކަމަށް ނިމުމަކަށް އަންނާނެކަމަށް ގަބޫލް ކުރާ ކަމަށެވެ.
"މީޑިޔާ ހިމެނޭ ގޮތަށް އެމެރިކާގެ އެތައް ބަޔަކު ބޯވީގެ މަރަށް ޝައްކު ކުރީ، އޭނާ އަމިއްލައަށް މަރުވީ ކަމަށް. އެކަމަކުން ހިތަށް ވަރަށް އަސަރު ކުރި" ބޯވީގެ އެޖެންޓް ކިމްބަލީ ބުންޏެވެ.