ޔޫރޯ 2024 ކޮލިފިކޭޝަނުގައި މަލްޓާގެ މައްޗަށް އިނގިރޭސިން ފަސޭހަ ކަމާއެކު 4-0 އިން ކުރި ހޯދިއިރު، ފްރާންސުންވެސް ފަސޭހަ ކަމާއެކު ގިބްރަލްޓާ އަތުން 3-0 އިން ރޭ މޮޅުވެއްޖެއެވެ.

ގްރޫޕް "ސީ" ގައި ހިމެނޭ އިނގިރޭސިންގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ ކެޕްޓަން ހެރީ ކޭން އާއި ޓްރެންޓް އާނޯލްޑާއި ކައްލުމް ވިލްސަންއެވެ. އިނގިރޭސިންގެ ފުރަތަމަ ލަނޑަކީ މަލްޓާގެ ފާޑިނަންޑޯ އަޕަޕް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މިގްރޫޕުގައި ރޭ ކުޅުނު ދެވަނަ މެޗުގައި ޔޫކްރައިނާއި ނޯތު މެސަޑޯނިޔާ ބައްދަލު ކުރި މެޗް 3-2 އިން ކާމިޔާބު ކުރީ ޔޫކްރައިނެވެ. މިގްރޫޕުގައި ދެން ހިމެނެނީ އެންމެފަހުގެ ޗެމްޕިއަން އިޓަލީއެވެ.

ވަރުގަދަ ފްރާންސުން ގިބްރަލްޓާގެ މައްޗަށް ކުރި ހޯދީ ފުރަތަމަ ހާފުގައި އޮލިވަރ ޖިރޫޑާއި ކިލިއަން އެމްބައްޕޭ އަދި ދެވަނަ ހާފުގައި ގިބްރަލްޓާގެ އައިމަން އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ.

ގްރޫޕް "ސީ" ގެ އެއްވަނައިގައި އިންގްލެންޑް އޮތީ މިހާތަނަށް ކުޅުނު 3 މެޗުންވެސް މޮޅުވެ 9 ޕޮއިންޓާއެކުއެވެ. ދެވަނައިގައި 3 ޕޮއިންޓާއެކު އޮތީ ޔޫކްރައިނެވެ. ތިންވަނައިގައި އޮތް އިޓަލީ އާއި ނޯތު މެސަޑޯނިޔާއަށްވެސް ވަނީ 3 ޕޮއިންޓް ލިބިފައެވެ.

މިމެޗާއެކު ފްރާންސް ގައުމީ ޓީމަށް ތިންވަނައަށް އެންމެ ގިނަ މެޗް ކުޅެދީފައިވާ ކުރީގެ މަޝްހޫރު ފޯވާޑް ތިއޮރީ އޮންރީގެ ރެކޯޑާއި (123 މެޗް) ޖިރޫޑަށް އެއްވަރު ކުރެވުނީއެވެ. ޖިރޫޑަކީ ފްރާންސް ގައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ ލަނޑު ކާމިޔާބު ކޮށްދިނުމުގެ ރެކޯޑްވެސް އޮތް ކުޅުންތެރިޔާކަން ފާހަގަ ކޮށްލެވެއެވެ.

އެމްބައްޕޭ ޕެނަލްޓީއަކުން ލަނޑު ޖަހަނީ. ފޮޓޯ: ގެޓީ އިމޭޖަސް

ގްރޫޕް "ބީ" ގެ ކުރީގައި ފްރާންސް އޮތީ މިހާތަނަށް ކުޅުނު 3 މެޗްވެސް ކާމިޔާބުކޮށް 9 ޕޮއިންޓާއެކުއެވެ. ދެވަނައިގައި 6 ޕޮއިންޓާއެކު އޮތީ 2004 ވަނަ އަހަރު ޔޫރޯ ކާމިޔާބު ކުރި ގްރީސްއެވެ. ތިންވަނައިގައި 3 ޕޮއިންޓާއެކު އޮތީ ނެދަލޭންޑްސްއެވެ. މިގްރޫޕުގައި ދެން ހިމެނޭ އަޔަރލޭންޑާއި ގިބްރަލްޓާއަށް އަދި މިހާތަނަށް ޕޮއިންޓެއް ނުލިބެއެވެ.