ޤާހިރާ، ޖޫން 17، /ޓާސް/: ސޫދާނުގައި ހިނގަމުން އަންނަ ހަނގުރާމަ މާދަމާއިން ފެށިގެން 2 ދުވަހަށް ހުއްޓާލުމަށް ސޫދާން ސަރުކާރު ސިފައިންނާއި ބާޣީން އެއްބަސްވުމެއް ހަދާފައިވާ ކަމަށް ސްކައި ނިއުސް އަރަބިއްޔާ ޓީވީ ޗެނަލުން ހޮނިހިރު ދުވަހު ރިޕޯޓްކޮށްފި އެވެ.

އަސްކަރީ މަސްދަރުތަކާ ހަވާލާދީ ސްކައި ނިއުސް އަރަބިއްޔާއިން ބުނީ ސޫދާނުގެ ސިފައިންނާއި އެގައުމުގެ ކުރީގެ ޖެނަރަލް މުހައްމަދު ހަމްދާން ދަގެލޯ (ހެމަދުތީ) އަށް ތަބައަވެ ސަރުކާރާ ދެކޮޅަށް ހަތިޔާރު އުފުލާފައިވާ ބާޣީން ހަމަލާތައް ބަދަލު ކުރުން ދެދުވަހަށް ހުއްޓާލަން އެއްބަސްވީ "އިންސާނީ އެހީ" ފޯރުކޮށްދިނުމަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ.

ސޫދާނުގެ ހާލަތު ގޯސްވީ ވެރިކަން ކުރާ ސޮވަރިންޓީ ކައުންސިލްގެ އިސްވެރިޔާ އަބްދުލް ފައްތާހު އަލް ބުރުހާން އާއި ޕެރަމިލިޓަރީ ރެޕިޑް ސަޕޯޓް ފޯސަސް (އާރުއެސްއެފް) ގެ ވެރިޔާ މުހައްމަދު ހަމްދާން ދަގަލޯ (ހެމަދުތީގެ ނަމުން މަޝްހޫރު) އާއި ދެމެދު ޚިޔާލުތަފާތުވުންތަކެއް އުފެދި ހެމަދުތީއަށް ވަފާތެރި ސިފައިން ސަރުކާރާ ދެކޮޅަށް ހަތިޔާރު ނެގުމުންނެވެ.

ސޫދާނުގެ ހަނގުރާމައަށް 2 މަސްދުވަސް ވެފައިވާއިރު މިހާތަނަށް ހަސަތޭކައަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި 1.9 މިލިޔަން މީހުން ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ވަނީ ބަދަލުވެފައެވެ. އދ. އިން ހާމަ ކޮށްފައިވާ ގޮތުގައި ސޫދާނުގެ ހަނގުރާމަ ހިނގަމުން އަންނަ ސަރަހައްދުގައި ހުރި ސިއްހީ ހިދުމަތްދޭ ތަންތަނުގެ %67 ހަލާކުވެ، އެސަރަހައްދު ތަކުން ސިއްހީ ހިދުމަތް ވަނީ މެދުކެނޑިފައެވެ.