ސާފް ޗެމްޕިއަންޝިޕުގައި ވާދަ ކުރުމަށް ރާއްޖޭ ގައުމީ ފުޓްބޯޅަ ޓީމު އިންޑިޔާގެ ބެންގަލޫރަށް ރޭ ހަނގައްޖެއެވެ.

މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެއިން ވަނީ ޖަޕާނުގައި ކޭމްޕްކޮށް ތިން ހަފްތާއެއްހައި ދުވަހު ޕްރެކްޓިކްސް ކޮށްފައެވެ. އެކަމަކު ޓީމަށް އަނިޔާގެ މައްސަލައެއް ކުރިމަތިވާނެކަމަށް ބަލައި ގައުމީ ޓީމުން އެކުވެރިކަމުގެ އެއްވެސް މެޗެއް މުބާރާތުގެ ކުރިން ނުކުޅެއެވެ.

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ ހިމެމެނީ ލުބްނާނާއި ބަންގްލަދޭޝް އަދި ބޫޓާއެކު ގްރޫޕް "ސީ" ގައެވެ. ބަންގްލަދޭޝް އާއި ލުބްނާނުން ސާފް ޗެމްޕިއަންޝިޕުގެ ކުރިން ބައިނަލްއަގުވާމީ މެޗުތައް ކުޅެފައިވާއިރު ބޫޓާނުން މެޗެއް ކުޅެފައެއް ނުވެއެވެ.

ރާއްޖެއިން ކުޅެން ޖެހޭ ފުރަތަމަ މެޗުގައި މިމަހުގެ 22 ވަނަ ދުވަހު ނިކުންނާނީ ބޫޓާނާ ދެކޮޅަށެވެ. ހަމައެދުވަހު މިގްރޫޕުގައި ހިމެނޭ ލުބްނާނާއި ބަންގްލަދޭޝް ބައްދަލު ކުރާނެއެވެ. ރާއްޖެ ކުޅެން ޖެހޭ ދެވަނަ މެޗުގައި މިމަހުގެ 25 ވަނަ ދުވަހު ނިކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. ބަންގްލަދޭޝްގެ ކޯޗް ސްޕެއިނުގެ ހަވިޔާ ފެނާންޑޭޒް ކަބްރޭރާ ބުނެފައި ވަނީ ސެމީފައިނަލުން ޖާގަ ހޯދުމަށް އެގައުމަށް އޮތް ހުރަހަކީ ރާއްޖެކަމަށް ގަބޫލް ކުރެވޭ ކަމަށެވެ. އެހެން ކަމުން ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލު ކުރާ މެޗް ވެގެންދާނީ ފޯރިގަދަވާނެ މެޗަކަށެވެ.

އެންމެފަހުގެ ޗެމްޕިއަން އިންޑިޔާއެކު ގްރޫޕް "އޭ" ގައި އޮތީ ކުވެއިތާއި ނޭޕާލް އަދި ޕާކިސްތާނެވެ. މިފަހަރު ސާފް ޗެމްޕިއަންޝިޕަށް އެންމެ ފުރިހަމައަށް ތައްޔާރުވެފައިވާ ދެގައުމަކީ އިންޑިޔާ އާއި ޕާކިސްތާންކަން ފާހަގަ ކޮށްލެވެއެވެ.