ޔޫކްރޭންގެ ސައިބަރ ސެކިއުރިޓީ ވަރުގަދަ ކުރުމަށް ކުރިއަށް އޮތް ދެ އަހަރު ތެރޭގައި 25 މިލިއަން ޕައުންޑް (ގާތްގަނޑަކަށް 32 މިލިއަން ޑޮލަރު) އެގައުމަށް ދޭނެ ކަމަށް އިނގިރޭސިވިލާތުން ބުނެފިއެވެ.

އިނގިރޭސި ބޮޑުވަޒީރު ރިކީ ސުނަކް ސޮއި ކުރައްވައި މިދިޔަ ހޮނިހިރު ދުވަހު ނެރުއްވާފައިވާ މިބަޔާނުގައި ވިދާޅުވީ މިފައިސާގެ ސަބަބުން ޔޫކްރޭންގެ ސައިބަރ ސެކިއުރިޓީ ކެޕޭސިޓީތައް ވަރުގަދަކޮށްގެން ޔޫކްރޭންގެ މުހިންމު އިންފްރާސްޓްރަކްޗަރާއި މުހިންމު ހިދުމަތްތައް ހިމާޔަތް ކުރެވޭނެ ކަމަށާއި އެކަމުގެ ސަބަބުން ރަޝިޔާއިން ކުރިމަތިވެދާނެ ސައިބަރ ނުރައްކާތައް ދެނެގަނެ އެކަމަށް ރައްދު ދިނުމުގެ ފުރުސަތު ޔޫކްރައިނަށް ލިބިގެންދާނެ ކަމަށެވެ.

ޔޫކްރޭން ސައިބަރ ޕްރޮގްރާމް (ޔޫސީޕީ) އަކީ އިނގިރޭސިވިލާތުގެ މަޝްރޫއެކެވެ. މިދިޔަ އަހަރު މިމަޝްރޫއު ކުރިޔަށް ގެންދިޔުމަށް އިނގިރޭސިވިލާތުން ފުރަތަމަ ދޫކުރީ ގާތްގަނޑަކަށް 8.14 މިލިއަން ޑޮލަރެވެ. ފައިސާގެ ދެވަނަ މަރުހަލާގައި އިނގިރޭސިވިލާތުން 16 މިލިއަން ޕައުންޑް ފޯރުކޮށްދޭއިރު، ކިއެވްގެ ހުޅަނގުގެ އެހެން އެކުވެރި ގައުމުތަކުން 9 މިލިއަން ޕައުންޑް ފޯރުކޮށްދޭނެ ކަމަށެވެ.

އިނގިރޭވިލާތުން ތުހުމަތު ކުރާ ގޮތުގައި ރަޝިޔާއިން އެންމެ ބޮޑަށް މަސައްކަތް ކުރަމުން ދަނީ ޔޫކްރައިނުގެ ސައިބަރ ސެކިއުރިޓީ ފޫއަޅުވާލުމަށެވެ. ރަޝިޔާއަކީ ސައިބަރ ސެކިއުރިޓީ ފޫއަޅުވާލުމުގައި މަޝްހޫރު ގައުމެކެވެ.