މާލެ ސިޓީގައި ހުރި ޕާކު ތަކާއި މައިޒާންތައް މަރާމާތު ކުރުމަށް ބޮޑެތި މަސައްކަތް ކުރަން ފަށައިފިއެވެ.
އެ ސިޓީ ކައުންސިލުން ވިދާޅުވީ މާލެ ސިޓީގެ މައިޒާންތަކާއި ޕާކުތައް އާބާތުރަ ފިލުވުމުގެ ގޮތުން މުއިވެޔޮ މައިޒާނާއި ރައިވެރިބޭ މައިޒާނާއި އިސްކަންދަރު މައިޒާނުގައި އަންނަނީ މަރާމާތުގެ ބޮޑަތި މަސައްކަތް ކުރަމުން ކަމަށެެވެ.
އެގޮތުން މުއިވެޔޮދޮށު މައިޒާނުގައި ކުޑަކުދިންނަށް ކުޅެވޭނެ އައު ސެޓެއް ހަރުކުރުމުގެ މަސައްކަތާއި ލައިޓްތައް ބަދަލުކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން ކަމަށާއި އަދި ރައިވެރިބޭ މައިޒާނުގައި ހަލާކުވެފައި ހުރި ކުޑަކުދިން ކުޅޭ ސާމާނުތައް ބަދަލުކޮށް އައު ކުޅޭ ސެޓު ބަހައްޓާ ކުޑަ ކުދިން ކުޅޭ ސަރަހައްދުގައި ކާޕެޓް އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުން ކަމަށްވެސް އެ ކައުންސިލުން ވިދާޅުވިއެވެ.
މީގެ އިތުރުން އިސްކަންދަރު މައިޒާނުގައި ވެސް ހަލާކުވެފައި ހުރި ކުޑަކުދިން ކުޅޭ ސާމާނުތައް ބަދަލުކޮށް އައު ކުޅޭ ސެޓު ބަހައްޓާ ކުޑަ ކުދިން ކުޅޭ ސަރަހައްދުގައި ކާޕެޓް އެޅުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންކަމަށް އެ ފަރާތުން ވަނީ ވިދާޅުވެފައެވެ.
މި މައިޒާންތަކަކީ 2015 ވަނަ އަހަރު ހުޅުވި މައިޒާން ތަކެކެވެ. މި މައިޒާންތައް މަރާމާތު ކުރަން ފަށާފައި މިވަނީ އެ މައިޒާންތައް ހުޅުވިފަހުން ފުރަތަމަ ފަހަރަށެވެ.