ރާއްޖެއަށް އުދުވާނީ ހަމަލަ ދިން ނޮވެމްބަރު ތިނެއްގެ ހަމަލައިގެ އިސް މޭސްތިރިކަމަށްވާ، ހެންވޭރު ހާޖަރާގޭ އަބްދުﷲ ލުތުފީއަށް އިއްވި އުމުރު ދުވަހުގެ ޖަލު ހުކުމް ތަންފީޒުކޮށް ނިމިއްޖެއެވެ.

3 ނޮވެމްބަރު 1988ގައި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި، ޕީޕަލްސް ލިބަރޭޝަން އޮގަނައިޒޭޝަން އޮފް ޓެމިލް އީލާމް (ޕްލޯޓް) ޖަމާއަތާ ގުޅިގެން ރާއްޖޭގެ ވެރިކަން ވައްޓާލަން ދިން އުދުވާނީ ހަމަލާއާ ގުޅިގެން އޭރު ހުކުމް ކުރީ ލުތުފީހައްޔަރުކުރުމަށްފަހު މެރުމަށެވެ. އެގޮތަށް ހުކުމް ކުރި ނަމަވެސް ފަހުން އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ އެހުކުމް ބަދަލުކޮށްފައެވެ. އަދި ދެން ލުތުފީގެ އަދަބު ބަދަލުވެފައި ވަނީ އުމުރު ދުވަހުގެ ޖަލު ހުކުމަކަށް، ފަންސަވީސް އަހަރަށް ބަދަލުކޮށް ދެއްވައިފައެވެ.

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާއާ ގުޅިގެން ލުތުފީއަށް ކުރި ހުކުމް ވަނީ ތަންފީޒުކޮށް ނިމިފައި ކަމަށްވީ ނަމަވެސް ބޭސް ފަރުވާއަށް ފޮނުވުމުން އޭނާ ފިލައިގެން އުޅުނު މައްސަލައިގައި އިއްވި ހުކުމް އަދިވެސް އަންނަނީ ތަންފީޒު ކުރަމުންކަމަށްވެއެވެ. އެއީ ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.

ލުތުފީ ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފޮނުވާފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. އެގޮތުން 2010ވަނަ އަހަރުގެ ޖެނުއަރީ 16 ވަނަ ދުވަހު ލުތުފީ ބޭސްފަރުވާއަށް ފޮނުވުމުން އެނބުރި ރާއްޖެ އައިސްފައެއް ނުވެއެވެ.

އެހެންކަމުން، އޭރުގެ ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލުޓޭޝަން ސާވިސް އިން ލުތުފީ ހޯދުމުގެ މަސައްކަތްކޮށް ލުތުފީ ހޯދުމަށްފަހު ހުކުމް ތަންފީޒުކުރުމަށް ކްރެކްޝަން ސާވިސް އާ ހަވާލުކުރުމަށް ވަނީ 2012ވަނަ އަހަރުގެ މާޗް މަހުގެ 26 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅުނެވެ.

ލުތުފީ ރާއްޖެ އަނބުރާ ގެނެވިފައިވަނީ 2019 ވަނަ އަހަރުގެ ޖުލައި 9 ވަނަ ދުވަހުގައެވެ.