ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުގެންދެވޭނޭ ގޮތަށް މަރުތަޅު އެޅުވުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް އޮވެގެންނުވާނޭ ކަމަށް މަރަދޫ ދާއިރާގެ މަޖިލީސް މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.

އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މިހިސާބަށް ދިއުމުން ދައުލަތުގެ އެންމެ އިސްވެރިޔާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު، ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅުއްވަންޖެހޭ ހިސާބަށް ހިނގައްޖެ ކަމަށެވެ. "މަޖިލީހުގައި މަރުތަޅު އެޅުވުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ދެވިގެންނުވާނެ. މިހިސާބަށް ކަން ދިއުމުން ދައުލަތުގެ އެންމެ އިސްވެރިޔާ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން އަޅުއްވަންޖެހޭ ފިޔަވަޅު އަޅުއްވަންޖެހޭ ހިސާބަސް މިދިޔައީ،" ޝަރީފް ވިދާޅުވެފައިވެއެވެ.

އޭނާ ވިދާޅުވެފައިވަނީ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ މަޖިލީސް ހިސާރު ކުރައްވާފައި ކަމަށެވެ. އެ ގޮތަށް އެހެން މުއައްސަސާތަކުން ކަންކުރަން ފަށްޓަވައިފި ކަމަށްވާނަމަ ނިކުމެދާނޭ ނަތީޖާއެއް ހިތަށް ވެސް ގެންނަން އުނދަގޫ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ. "މުޅި ނިޒާމް ބޮއްސުންލައި ޤާނޫނީވެރިކަމެއް ނޯންނާނެ. އެއްވެސް މީހަކު މަޖިލީސް ހިސާރު ކުރުމަށް ދޫނުކުރެވޭނެ،" ޝަރީފް ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދު މިހާރުވަނީ މަޖީލިގެ ރައީސްކަމުގެ މަޤާމުގައި ގަދަބާރުން ހިފަހައްޓަވާފައި ކަމަށް ވެސް ޝަރީފް ވިދާޅުވެފައިވެއެވެ. "މަޖިލިސް ރައީސް ކަމުގެ މަޤާމުގައި ގަދަބާރުން ހިފަހަށްޓައިގެން އުޅުއްވާ މުޙައްމަދު ނަޝީދު މަޖިލިސްގެ އިމްތިޔާޒަށް ވެސް އަރައި ވަޑައިގެންފައި، ޤާނުނުއަސާސީގެ ބާރު ކަނޑުވާލުމުގެ އިތުރުން. މިޔަކީ ރޫލްއޮފް ލޯ ރާއްޖެއިން ނެތިގެން ހިނގައިދާނޭފަދަ ނުރައްކާތެރި އަމަލެއް،" އޭނާ ވިދާޅުވެފައިވެއެވެ.

ޝަރީފް ވަނީ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޓުވީޓު ކުރައްވައިފައެވެ. އޭނާ ވިދާޅުވެފައިވަނީ "ފަންސާސް މެމްބަރުން އިތުބާރުނެތް ކަމަށް ހުށަހެޅުމުން ގަދަބާރުން މުޙައްމަދު ނަޝީދު މަޤާމުގައި ދެމިހުންނަވަނީ ޤާނޫނާ ޚިލާފަށް،" ކަމަށެވެ. އެހެންމުން "މަޖިލިސް ރައީސަކަށް އޮންނަ ހުރިހާ އިނާޔަތެއް ކަނޑާލަންޖެހޭ. މަޤާމުގައި އިތުރަށް ދެމިހުރުމުގެ އެއްވެސް ޙައްގެއްނެތް،" ޝަރީފް ވިދާޅުވިއެވެ.