ޕެނަލްޓީގައި ލޫކާ މޮޑްރިޗުގެ ކޮރޭޝިޔާގެ މައްޗަށް 5-4 އިން ކުރި ހޯދައި ޔުއެފާ ނޭޝަންސް ލީގުގެ ޗެމްޕިއަންކަން ސްޕެއިނުން ރޭ ހޯދައިފިއެވެ.

ރޭގެ ފައިނަލަކީ ކޮރޭޝިޔާގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ މޮޑްރިޗް، ގައުމީ ޖާޒީގައި ކުޅޭ އެންމެފަހު މެޗް ކަމަށް ބެލެވިފައި އޮތުމުން ގިނައަދަދެއްގެ ކޮރޭޝިޔާ ސަޕޯޓަރުން މެޗް ބަލަން ދަނޑަށްވަދެ ޓީމަށް ވަރަށް ވަރުގަދައަށް ތަރުހީބު ދިނެވެ.

އެކަމަކު ގައުމީ ޖާޒީގައި ފުރަތަމަ ފަހަރަށް ތައްޓެއް ކާމިޔާބު ކުރަން ކެތްމަދުވެފައި ހުރި މޮޑްރިޗާއި ކޮރޭޝިޔާއަށް އެފުރުސަތު ނުދީ ސްޕެއިނުން މެޗް ކާމިޔާބު ކުރީއެވެ.

ފުރަތަމަ ހާފާއި ދެވަނަ ހާފުގައި އަދި އިތުރަށް ކުޅުނު 15 މިނެޓުގެ ދެހާފުގައިވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތައް ކޮރޮއޭޝިޔާއަށް ލިބުނެވެ. އެކަމަކު ޕެނަލްޓީ ޝޫޓްއައުޓުގައިވެސް ދެޕެނަލްޓީ މަތަކުރި ސްޕެއިނުގެ ކީޕަރު ސިމޯންގެ ހުށިޔާރު ސޭވްތަކުން ސްޕެއިން ސަލާމަތް ކުރީއެވެ.

ސްޕެއިނަށްވެސް ލަނޑު ޖަހާނެ ފުރުސުތައް ލިބުނެވެ. މިގޮތުން ފުރަތަމަ ހާފުގައި ޕެނަލްޓީ ލިބެން ޖެހޭ 2 ހާލަތު ދިޔަކަމަށް ރެފްރީއަށް ސްޕެއިން ކުޅުންތެރިން އެޕީލް ކުރިއެވެ. މީގެ އިތުރުން މެޗް ނިމެން ފަސްވަރަކަށް މިނެޓަށްވެފައި ވަނިކޮށް އަންސޫ ފަޓީ ފޮނުވާލި ނުރައްކާތެރި ހަމަލާ ކޮރޮއޭޝިޔާ ކީޕަރު ލިވަކޮވިޗް ދިފާއު ކުރީ ގޯލް ރޮނގުމަތިންނެވެ.

ޕެނަލްޓީ ޝޫޓް އައުޓުގައި ކޮރޮއޭޝިޔާ އަތުން ނާކާމިޔާބުވީ ހަތަރުވަނައަށް ޕެނަލްޓީ ފޮނުވާލި ލޮވްރޯ މޭޖަރ ފޮނުވާލި ޕެނަލްޓީ އާއި ހަވަނައަށް ޕެނަލްޓީ ފޮނުވާލި ބްރޯނޯ ޕެޓްކޮވިކް ފޮނުވާލި ޕެނަލްޓީއެވެ. މިދެޕެނަލްޓީވެސް ސްޕެއިނުގެ ކީޕަރު ސިމޯން ދިފާއު ކުރީއެވެ.

ސްޕެއިން އަތުން ބޭކަރުވީ 5 ވަނަ ޕެނަލްޓީއެވެ. ޑިފެންޑަރު ލަޕޯޓޭ ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލުގެ މަތީ ދަނޑިއަށެވެ. ސްޕެއިނުން ތަށި ކާމިޔާބު ކުރި ޕެނަލްޓީ ޖެހީ ރެއާލްގެ ޑިފެންޑަރު ޑެނީ ކަވަހަލްއެވެ. ޕެނަންކާ ސްޓައިލްގައި ކަވަހަލް ފޮނުވާލި ޕެނަލްޓީ ދިފާއު ކުރުމަށް ކޮރޮއޭޝިޔާ ކީޕަރަށް މާބޮޑު ކަމެއް ނުކުރެވުނެވެ.

މިއީ ކޮރޮއޭޝިޔާގެ ތާރިހުގައި އެގައުމުން ކުޅުނު ބައިނަލްއަގުވާމީ 2 ވަނަ ފައިނަލެވެ. ފުރަތަމަ ފައިނަލަކީ 2018 ވަނަ އަހަރު ވަރލްޑް ކަޕް ފައިނަލެވެ. އެފަހަރު ފްރާންސް އަތުން ބަލިވީއެވެ.

އަނެއްކޮޅުން މިއީ ސްޕެއިނުން ޔުއެފާ ނޭޝަންސް ލީގް ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ. މިދިޔަ އަހަރު ނޭޝަންސް ލީގް ފައިނަލުގައި ސްޕެއިން ބަލިވީ ފްރާންސް އަތުންނެވެ. ސްޕެއިނުގެ މިކާމިޔާބީއާއެކު އެންމެ ބޮޑު އުފަލެއް ލިބޭނެ އެއްކުޅުންތެރިޔަކީ މެންޗެސްޓަރ ސިޓީއާއެކު މިސީޒަނުގައި ތިން ތަށި ހޯދި މިޑްފީލްޑަރު ރޮޑްރީއެވެ.

ސްޕެއިނުގެ މިކާމިޔާބީ އެންމެ ހާއްސަވާ ފަރާތަކީ ކޯޗް ލުއިސް ޑިލަ ފުއެންޓޭ ކަސްޓިއްލޯއަށެވެ. މިދިޔަ އަހަރު ނޮވެމްބަރ-ޑިސެމްބަރުގައި ގަތަރުގައި އޮތް ވަރލްޑް ކަޕުން ސްޕެއިނަށް ލިބުނު ނާކާމިޔާބީއާއެކު އޭރުގެ ކޯޗް ލުއިސް އެންރީކޭ މަގާމުން އިސްތިއުފާ ދިނުމުން ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަނުން ފުއެންޓޭ ކޯޗަކަށް ހަމަޖެއްސީ ޑިސެމްބަރު 8 ގައެވެ. ސްޕެއިނުގެ 19 އަހަރާއި 21 އަހަރާއި 23 އަހަރުން ދަށުގެ ޓީމަށް އޭނާ ވަނީ އިރުޝާދު ދީފައެވެ. 23 އަހަރުން ދަށުގެ ޓީމާއެކު 2020 ވަނަ އަހަރުގެ އޮލިމްޕިކްސްއިން ރިހި މެޑަލް ސްޕެއިނަށް އޭނާ ހޯދައި ދިނެވެ.