ސައުދީއަރަބިއްޔާ: ހައްޖުގެ މަތިވެރި އަޅުކަން އަދާ ކުރުމަށް މައްކާއަށް ގޮސް ހުރި އިރާންގެ އުމުރުން 60 އަހަރުގެ ހައްޖުވެރިއެއްގެ ކުރަން ޖެހުނު ފަސް ގަޑިއިރަށް ދިގުދެމިގެންދިޔަ ހިތުގެ ނާޒުކު އޮޕަރޭޝަން ކާމިޔާބު ކަމަށް ސައުދީގެ ހެލްތު މިނިސްޓްރީއިން އިއްޔެ ބުނެފިއެވެ.
މައްކާގެ ކިންގް އަބްދުالله މެޑިކަލް ސިޓީގައި ހުންނަ ހާޓް ހެލްތު ސެންޓަރުގައި ހައްޖުވެރިޔާގެ ފުރާނަ ސަލާމަތް ކުރުމަށް އޮޕަރޭޝަން ކުރަން ޖެހުނީ ހާޓް އެޓޭކެއް ޖެހުމުންނެވެ. އޮޕަރޭޝަން ކުރުމުގައި ހަރަކާތްތެރިވި މެޑިކަލް ޓީމުން ބުނެފައި ވަނީ ހާޓް އެޓޭކް ޖެހެން މެދުވެރިވީ ހައްޖުވެރިޔާގެ ކޮރޮނަރީ އާޓާރީތައް ހަނިވެ ތަތްވުމުން ކަމަށެވެ. އަދި މިހާރު އޭނާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށެވެ.
ހެލްތު މިނިސްޓްރީން ބުނީ، ހައްޖުވެރިޔާގެ މޭގައި ވަރަށް ބޮޑަށް ރިއްސާ ކަމުގެ މައުލޫމާތު ލިބުމުން ސިއްހީ އިދާރާތަކުން ވަގުތުން އެކަމަށް އެޓެންޑްވި ކަމަށެވެ. އަދި ކުރަންޖެހޭ ޓެސްޓްތަކާއި ތަހުލީލުތަކާއި ސީޓީ ސްކޭންތަކާއި އިކޯކާޑިއޯގްރާމް އަދި ޑައިގްނޯސްޓިކް ކާޑިއަކް ކެތެޓަރައިޒޭޝަން ވަގުތުން ހެދި ކަމަށެވެ. މި ޓެސްޓްތަކުގެ ނަތީޖާއިން ދެއްކީ ކާޑިއަކް ކެތެޓަރައިޒޭޝަނުން ފުޅާ ނުކުރެވޭ ކޮރޮނަރީ އާޓާރީތައް ހަނިވެ ބްލޮކްވެފައި ހުރުމުން ހައްޖުވެރިޔާގެ ފުރާނަ ސަލާމަތް ކުރުމަށް ވީއެންމެ އަވަހަށް އޮޕަރޭޝަން ކުރަން ޖެހޭ ކަމަށެވެ.
މިފަހުން ކޮންމެ އަހަރަކުވެސް ދެމިލިޔަނާ ގާތް ކުރާ އަދަދަކަށް ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސައުދީއަށް ހައްޖުވެރިން ޒިޔާރަތްކުރާއިރު، ހައްޖުވެރިންގެ އެންމެހައި ކަންކަން އެންމެ ފުރިހަމައަށް ބެލެހެއްޓުމަށް ސައުދީއިން ވަރަށް ބޮޑު އިސްކަމެއް ދެއެވެ.