ޕީޖީ ތަޖުރިބާއަކަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ މުވައްޒިފުން ހަފްތާއަކު 4 ދުވަހު އޮފީހަށް ނިކުންނަ ގޮތަށް ހަމަޖައްސަވައިފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް މިގޮތަށް ކަނޑައަޅުއްވާފައިވަނީ މިފެށޭ ހަފްތާގެ އާދީއްތަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ ހަތަރުވަނަ ދުވަހައި ހަމައަށެވެ.

މި މުއްދަތުގައި އެއޮފީހުގެ މުވައްޒިފުން އޮފީހަށް ހާޒިރުވެ މަސައްކަތް ކުރާނީ ހަފްތާއަކު 4 ދުވަހުއެވެ.

ޕީޖީ އޮފީހުން ވިދާޅުވީ "ހަތަރު ދުވަހުގެ މަސައްކަތު ހަފްތާ"ގެ މުއްދަތުގައި މުވައްޒަފުންގެ ޕާރފޯމަންސް ދުވަހުން ދުވަހަށް ބަލަމުންގޮސް، މި ތަޖުރިބާއަކީ ނާކާމިޔާބު ތަޖުރިބާއެއްނަމަ، މި ތަޖުރިބާ ހުއްޓާލައި ޢާންމު އުޞޫލުން ފަސްދުވަހު މަސައްކަތްކުރާގޮތަށް އަލުން އިޢާދަކުރެވޭނެ ކަމަށެވެ.

ޕީޖީ އޮފީހުގެ މަސައްކަތްތައް ރޭވިފައިވާގޮތް:

  • ޕީޖީ އޮފީހުން ދޭ ޚިދުމަތްތައް ޢާންމު އުޞޫލުން ހަފްތާގެ 5 ދުވަހު (ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު) ދެމުން ގެންދިއުން
  • ހަފްތާގެ 5 ދުވަހުގެ ތެރެއިން 1 ދުވަސް މުވައްޒަފު އޮފީހަށް ނުކުމެ މަސައްކަތްކުރަން ނުޖެހޭގޮތަށް ހަމަޖެއްސުން
  • މިފަދައިން އޮފީހަށް ނުކުމެ މަސައްކަތް ނުކުރާ ދުވަސް އޮފީހުގެ މަސައްކަތްތަކަށް ހުރަސް ނޭޅޭގޮތަށް މުވައްޒަފުންގެ މެދުގައި ބަހާލުން
  • ގޭގައި މަސައްކަތްކުރާ ދުވަސްތަކުގައިވެސް ޕްރޮސިކިއުޓަރުން ކޯޓަށް ދާންޖެހުންފަދަ، އޮފީހަށް ނުކުމެ މަސައްކަތްކުރަންޖެހޭފަދަ އެނޫންވެސް މަސައްކަތެއް އޮތްނަމަ އޮފީހަށް ނުކުމެ މަސައްކަތްކުރުން. (އެދުވަހަކީ އޮފީހަށް ނުކުމެ ކޮންމެހެން ކުރަންޖެހޭ މަސައްކަތްކޮށް ނިންމުމުން ފުދޭ، ގަޑި ނުޖެހޭ ދުވަހެއް ގޮތުގައި އޮތުން)
  • މި މުއްދަތުގައި މުވައްޒަފު ސަލާމް ނުވަތަ ޢާއިލީ ޒިންމާ ޗުއްޓީއެއް ނަންގަވައިފިނަމަ ޖެހިގެން އަންނަ ހަފްތާގައި ޢާންމު އުޞޫލުން ފަސް ދުވަހު އޮފީހަށް ނުކުމެ މަސައްކަތްކުރުން

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންނަކީ ވަޒީފާއާއި ޢާންމު ދިރިއުޅުމުގައި ބެލެންސެއް ގެންގުޅޭ، ނަފްސާނީ، ރޫޙާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ ތަޞައްވުރެކެވެ. "ހަތަރު ދުވަހުގެ މަސައްކަތު ހަފްތާ" އަކީ މި ތަޞައްވުރު ޙާޞިލްކުރުމަށްޓަކައި، މިކަމަކީ ދާއިމީގޮތެއްގައި ކުރެވިދާނެ ކަމެއްތޯ ބަލައި ތަޖުރިބާ ކުރުމަށްތަކައި ކުރާ ކަމެއްކަމަށް އެއޮފީހުން ވިދާޅުވިއެވެ.

ޕީޖީ އޮފީހުންވާނީ ފާއިތުވެދިޔަ ރަމަޟާންމަހުގެ ތެރޭގައި ހަތަރު ދުވަހުގެ މަސައްކަތު ހަފްތާގެ ފުރަތަމަ ފިޔަވައި ކާމިޔާބުކަމާއެކު ތަޖުރިބާ ކުރައްވާފައެވެ.