ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް، މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރައްވައިފިއެވެ.

ރައްޔިތުން މަޖިލީހުގެ ރިޔާސަތު މިވަގުތު ބަލަހައްޓަވަމުން ގެންދަވާ ވިލުފުށީ ދާއިރާގެ މެންބަރު ހަސަންއަފީފް މިއަދު ރައީސް ސާލިހާ ބައްދަލުކުރައްވާފައިވަނީ އަފީފުގެ އެދިވަޑައިގަތުމަކަށެވެ.

ރައީސް ސާލިހާ އަފީފު ބައްދަލުކުރެއްވީ މިހާރު މަޖިލީހުގެ މަސައްކަތްތައް ހުއްޓިފައި އޮތުމާ ގުޅިގެން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަފީފް ރައީސް ސާލިހާ ބައްދަލު ކުރެއްވުމުގެ ހަގީގީ މަގުސަދަކީ މިހާރު މަޖިލިސްގެ މަސައްކަތްތައް ހުއްޓިފައި އޮތުމާ އެ މަސައްކަތްތައް ކުރިއަށް ގެންދެވޭނީ ކިހިނެއްތޯ މަޝްވަރާ ކުރެއްވުމަށް ކަމަށްވެއެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވަނީ ހުށަހަޅާފައެވެ. އެހެންކަމުން އެމަނިކުފާނު ވަނީ ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވެވަޑައިގެންފައެވެ. ހަމަ މިއާއެކު ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތް ކަމުގެ މައްސަލަވެސް މަޖިލީހަށް ވަނީ ހުށަހަޅާފައެވެ. ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާނަމަ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ރައީސް ކަމަށް މަޖިލިސް ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) ގައި ބަޔާންވެގެންވެއެވެ.

އެހެންނަމަވެސް މަޖިލީހުގެ ރައީސް ގެ އިތުބާރު ނެތްކަމުގެ މައްސަލަވެސް މަޖިލީހަށް ހުށަހެޅިފައިވުމާއި މަޖިލީހުގެ ރައީސް ނަޝީދު މަޖިލީގެ ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވެވަޑައިގެންފައި ވުމުގެ ސަބަބުން މިދުވަސްތަކުގައި މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވަނީ އަފީފެވެ. އަދި މިގޮތުގެ މަތީން މިހާރު އަފީފު ވަނީ މަޖިލީހުގެ ތިން ދުވަހުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަަވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި މަޖިލީހުގެ ނައިބު ރައީސް، މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވެއްޖެ ހާލަތެއްގައި ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނެ މެމްބަރެއް ގާނޫނު އަސާސީގެ 82 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މަޖިލީހުގެ ރައީސް ކަނޑައަޅަންވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައި ބަޔާންކޮށްފައި ވާނެއެވެ.

އަދި މިގޮތަށް ކަނޑައަޅާއިރު މަޖިލީހުގައި މެދުނުކެނޑި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި މެމްބަރުންގެ ތެރެއިން ޖުމްލަ ފަސް މެމްބަރަކު ކަނޑައެޅޭނެއެވެ. މިއިން ކޮންމެ މެންބަރަކަށްވެސް މަޖިލިހުގެ ރިޔާސަތު ބެލެހެއްޓޭނީ ވިދިވިދިގެން ތިންޖަލްސާއެއްގައެވެ. އެހެންކަމުން މިގަވާއިދުގައި ކަނޑައަޅާފައިވާ ގޮތަށް ބަލާއިރު އަފީފަށް ދެނެއް ރިޔާސަތު ބެލެހެއްޓުމުގެ ޒިންމާއާ ހަވާލެއް ނުވެވޭނެއެވެ. ސަބަބަކީ ވިދިވިދިގެން ތިން ޖަލްސާއެއްގެ ރިޔާސަތު އަފީފް ބަލަހައްޓަވާފައިވުމެވެ. އެހެންކަމުން ދެން އަންނަ މަޖިލިސް ޖަލްސާއެއްގައި ރިޔާސަތު ބަލަހައްޓަަވާނީ އަފީފެއް ނޫނެވެ.