ރާއްޖޭގެ މަޝްހޫޜު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާޤް (ދަގަނޑޭ) އަށް ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީއިން މިއަހަރުުގެ ހައްޖުގެ އަޅުކަން އަދާ ކުރުމުގެ ފުރުސަތު ދީފިއެވެ.

ދަގަނޑޭގެ އިތުރުން، ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒްގެ ހަރަދުގައި ރާއްޖެއިން 10 މީހަކަށް ހައްޖަށް ދިޔުމުގެ ފުރުސަތު ދެއްވިއެވެ. ދެކުނު އޭޝިޔާގައިވެސް މިހާތަނަށް އުފެދުނު އެންމެ މޮޅެތި ފުޓްބޯޅަ ކުޅުންތެރިންގެ ގުނާލެވޭ ދަގަނޑޭ ހައްޖަށް ފުރުމަށް ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހުއެވެ.

ދަގަނޑޭ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސައުދީއަށް ދިޔުމަށް ތައްޔާރު ވަމުން އަންނައިރު، ރާއްޖޭގެ ގައުމީ ޓީމު ދަނީ ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕުގައި ވާދަ ކުރުމަށް ތައްޔާރު ވަމުންނެވެ.

ދަގަނޑޭއަކީ 2008 ވަނަ އަހަރު ރާއްޖެއިން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރިއިރު އެމުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއެވެ. މީގެ އިތުރުން ދަގަނޑޭއަކީ ސާފް ޗެމްޕިއަންޝިޕުގެ ތާރިހުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާވެސްމެއެވެ.