ސެނަގާލް ގައުމީ ޓީމުގެ ކީޕަރު އެޑްއާޑް މެންޑީ، ޗެލްސީ ދޫކޮށް ސައުދީ އަރަބިއްޔާގެ އަލް އަހްލީއަށް ބަދަލުވުމުގެ ހުރިހާ ކަމެއް ނިމިފައިވާ ކަމަށް ފުޓްބޯޅައިގެ ހަބަރުތައް ގެނެސްދިނުމަށް މަޝްހޫރު ނޫސްވެރިޔާ ފެބްރީޒިއޯ ރޮމާނޯ ބުނެފިއެވެ.

ރޮމާނޯ ރިޕޯޓް ކޮށްފައިވަނީ އަލް އަހްލީއާއެކު މެންޑީ ކޮންޓްރެކްޓް ހެދުމަށް ހަމަޖެހިފައި ވަނީ 2026 ގެ ޖޫންގެ ނިޔަލަށް ކަމަށެވެ. އެކަމަކު އަލް އަހްލީއިން މެންޑީއަށް ހުށަހަޅާފައި ވަނީ ކިހާވަރެއްގެ މުސާރައެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

މެންޑީ، ޗެލްސީއަށް ސޮއި ކުރީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު 5 އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުންނެވެ. ޗެލްސީއާއެކު މެންޑީ ވަނީީ ޔުއެފާ ޗެމްޕިއަންސްލީގާއި ޔުއެފާ ސްޕަރ ކަޕާއި ކްލަބް ވަރލްޑް ކަޕް ކާމިޔާބު ކޮށްފައެވެ.

އިންޑިވިޖުއަލް ކާމިޔާބީތަކަށް ބަލާއިރު، ފީފާއިން 2021 ވަނަ އަހަރު ހޮވި ދުނިޔޭގެ އެންމެ މޮޅު ކީޕަރުގެ މަގާމާއި އެފްރިކަން ކަޕުގެ މޮޅު ކީޕަރުގެ މަގާމް އޭނާ ހޯދިއެވެ.

މެންޑީ، ސައުދީ ލީގަށް ބަދަލުވުމުގެ ހުރިހާ ކަމެއް ނިމިފައިވާއިރު، މަޝްހޫރު ކަރީމް ބެންޒީމާ އާއި އެންގޮލޯ ކަންޓޭ މިފަހަރުގެ ޓްރާންސްފާ މާކެޓުގައި ވަނީ ސައުދީ ލީގަށް ބަދަލުވެފައެވެ.