އިދިކޮޅު ޕީޕީއެމް ޕީއެންސީގެ މަޖިލިސް މެންބަރުން މާދަމާ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ވަންނަވަން ނިންމަވައިފިއެވެ. އިދިކޮޅުން މި ނިންމުން ނިންމަވާފައިވަނީ ރައްޔިތުންގެ މަޖިލިސް ރައީސްއާ މަޝްވަރާ ކުރެއްވުމަށްފަހު ގައެވެ. އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ އިން މަޖިލިސް ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު މަޝްވަރާ ކުރެއްވުމަށް ބޭއްވި މި ބައްދަލުވުން ކުރިއަށް ދިޔައީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ކުޑަ ދަށުގައެވެ. ކުޑަދަށުގައި ކުރެއްވި މަޝްވަރާ ބައްދަލުވުމަށްފަހު މަޖިލީހުގެ އިދާރާގައި މިއަދު ވަނީ ނިއުސްކޮންފަރެންސެއްވެސް ބާއްވާފައެވެ.

"އަޅުގަނޑުމެން މާދަމާ ތަޅުމަށް ވަންނާނަން، މިތާ ސެކްރެޓަރީ ޖެނެރަލަށްވެސް ދަންނަވާފައިވާނެ ތަޅު އަޅުވާފައި ހުއްޓަސް އަޅުގަނޑުމެން އިދިކޮޅު ޕާޓީން ގަސްތު ކުރަނީ މަޖިލިސް ތަޅުމަށް ވަންނަން ކަމަށް، އެހެންވީމާ މަޖިލިސް ތަޅުލައިފައެއް ނުބެހެއްޓޭނެ،"
މުހައްމަދުސައީދު

މި ކޮންފަރެންސްގައި، ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ އާއި ޕީއެންސީގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ މާދަމާ ތަޅުމަށް ވަންނާނޭކަމަށެވެ. އަދި މަޖިލިހުގައި ތަޅުއަޅުވާފައި ހުއްޓަސް އިދިކޮޅުން ގަސްތުކުރަނީ ތަޅުމަށް ވަނުމަށް ކަމަށާއި އެހެންކަމަށްވުމުން މަޖިލިސް ތަޅުލާފައި ނުބެހެއްޓޭނެ ކަމަށްވެސް ސައީދު ވަނީ ވިދާޅުވެފައެވެ.

މަޖިލިސް ހުއްޓިފައިވާ ކަމުގެ ތުހުމަތު ކުރައްވައި، މަޖިލިސް ތަޅުލާފައި ޖުޑީޝަރީ ކޮމިޓީ ހުއްޓުވުމާއި ޖޭއެސްސީއަށް ނުފޫޒު ފޯރުވައި، ރައީސް ޔާމިން ޖަލުގައި ބޭއްވުމާ، މިހުރިހާ ކަމަކީވެސް އިންތިހާބު ކާމިޔާބު ކުރެއްވުމަށް ރައީސުލްޖުމްހޫރިްޔާ އިބްރާހިމް މުހައްމަދު ސާލިހު ކުރައްވަމުން ގެންދަވާ ކަންކަން ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.

މި ކޮންފަރެންސްގައި ވާހަކަ ދަައްކަވަމުން ޕީޕީއެމްގެ ޕީޖީ ލީޑަރު އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވަނީ މާދަމާ މަޖިލިސް ތަޅުމަށް ވަޑައިގެން ކުރައްވާނެ ކަންތައްވެސް ހާމަކުރައްވާފައެވެ. އެގޮތުން މަޖިލިސް ހުއްޓުމަށް ދިމާވެފައިވާ ކަންކަމާބެހޭ މައުލޫމާތު ރައްޔިތުންނަށް އޮޅުން ފިލުއްވައިދެއްވާނެ ކަމަށް ސަލީމް ވިދާޅުވިއެވެ.

ކުޑަދަަށުގައި މަޖިލިސް ރައީސްއާ ކުރެއްވި މަޝްވަރާތަކާ ގުޅިގެން ސަލީމް ވިދާޅުވީ، އެމަނިކުފާނާ ބައްދަލު ކުރެއްވީ ނޫން ކަމަށެވެ. އެހެނެއްކަމަކު އެތަނުން މަޖިލިސް ރައީސްއާ ދިމާވީ ކަމަށެވެ. އަދި މަޖިލިސް ހުއްޓިފައި އޮތުމުން އެމަނިކުފާނު ހުންނެވީ ވަރަށް ދެރަފުޅުވެ ލަދުގެންފައި ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.

މަޖިލިސްއިދާރާގެ ކުޑަދަށުން، މަޖިލިސް ރައީސް ނަޝީދާ ދިމާވިކަމަށާއި، ރައީސް ނަޝީދު މަޖިލިސް ހުއްޓިފައި އޮތުމުން ދެރަފުޅުވެފައި، މަޖިލިސް ކުރިއަށްދާނެ ގޮތެއް ހައްދަވައިދެއްވުމަށް އެ ބޭފުޅުންގެ ކިބައިން އެދިވަޑައިގެންނެވި ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.