ރިޔާޟް (ސައުދީއަރަބިއްޔާ): ޕްރައިވެޓް ސެކްޓަރގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ކުރިއަށް އޮތް އަޟްހާ ޢީދާއި ގުޅިގެން 4 ދުވަސް ޗުއްޓީގެ ގޮތުގައި ދޭންވާނެ ކަމަށް ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް (އެމްއެޗްއާރުއެސްޑީ) އިން އެގައުމުގެ ޕްރައިވެޓް ސެކްޓަރަށް އަންގައިފިއެވެ.

އެ މިނިސްޓްރީން ޓްވިޓާ އެކައުންޓުގައި ނެރުނު ބަޔާނެއްގައި ބުނީ، އަޟްހާ އީދު ބަންދު ދުވަސް ފެށޭނީ ޢަރަފާތުގެ ދުވަހު ކަމަށެވެ. ޢަރަފާތު ދުވަސް ދިމާވަނީ ކުރިއަށް އޮތް އަންގާރަ ދުވަހަށެވެ. ހަތަރު ދުވަހުގެ ޗުއްޓީ ނިމޭނީ ހުކުރު ދުވަހުއެވެ.

ސައުދީގެ ހިއުމަން ރިސޯސަސް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް (އެމްއެޗްއާރުއެސްޑީ)ގެ ޓްވީޓުގައި ބުނެފައި ވަނީ ޗުއްޓީ ދިނުމުގައި މަކަރު ހަދާފަރާތްތަކާމެދު މަސައްކަތްތެރިންނާ ގުޅޭ ގާނޫނުގެ 24 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ.

ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދުނިޔޭގެ 160 ގައުމަކުން 2 މިލިޔަނަށްވުރެ ގިނަ ހައްޖުވެރިން އަރަފާތު ބިމަށް ޖަމާވާނެ ކަމަށް ސައުދީގެ ކަމާ ގުޅޭ އިދާރާތަކުން ހާމަ ކުރައްވައެވެ.