ޖެނީވާ، ޖޫން 20، /ޓާސް/: އަފްޣާނިސްތާނުގައި އެމެރިކާއާއި ނޭޓޯއިން ހިންގި ހަނގުރާމައިގެ ޖަރީމާތަކުގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރިއަށް ގެންދަންޖެހޭ ކަމަށް އދ. ހިއުމަން ރައިޓްސްގެ 53 ވަނަ ކައުންސިލް ބައްދަލުވުމުގައި ރަޝިޔާގެ ފަރާތުން ތަޤްރީރު ކުރެެއްވި ރަރޮސްލާވް ޔެރިއޮމިން ގޮވާ ލައްވައިފިއެވެ.

"އެމެރިކާ އާއި ނޭޓޯގެ އަސްކަރިއްޔާއިން އަފްޣާނިސްތާނުގައި 20 އަހަރު ހޭދަކުރި ހަނގުރާމައިގެ ޖަރީމާތައް ބައިނަލްއަގްވާމީ މުޖުތަމައު ހަނދާން ކުރަން ޖެހޭ" ސެޝަންގައި ވާހަކަ ދައްކަވަމުން ޔަރޮސްލާވް ޔެރިއޮމިން ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އަފްޣާނިސްތާނުގައި އެމެރިކާ އާއި ނޭޓޯއިން ހިންގާ ޖަރީމާތައް މައުލޫމާތު އެއްކުރުމާއި ހާމަކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ އިތުރުން އެކަންކަން ދުނިޔެއަށް ހާމަ ކުރުން މުހިންމު" އޭނާ ފާހަގަކުރެއްވި އެވެ.

ޔެރިއޮމިން ފާހަގަކުރެއްވި ގޮތުގައި އަފްޣާނިސްތާނުގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުން ސިޔާސީކޮށް، އެމެރިކާއާއި އެގައުމުގެ އެކުވެރިން ކުރާ މަސައްކަތްތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. "އަފްޣާނިސްތާނުގެ ހަމަޖެހުމާއި ސަލާމަތަށް މަގުފަހިކުރުމަކީ ރަޝިޔާގެ އިސްކަމެއް ދީގެން ދެމިއޮންނާނެ ކަމެއް" ޔެރިއޮމިން ފާހަގަކުރެއްވި އެވެ.

މިސެޝަންގައި ވާހަކަފުޅު ދައްކަވަމުން ޔެރިއޮމިން ވަނީ އަފްޣާނިސްތާނުގައި ވެރިކަން ކުރަމުން ގެންދާ ތާލިބާނުންނަށްވެސް އަފްޣާނިސްތާނުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި އަސާސީ ހައްގުތައް ފޯރުކޮށްދިނުމުގައި ދެމިތިބުމަށް ގޮވާލައްވާފައެވެ.

"އަޅުގަނޑުމެން އަފްޣާނިސްތާނުގެ ވަގުތީ ސަރުކާރަށް ގޮވާލަމުން މިދަނީ، ނަސްލުތަކާއި ސިޔާސީ ޖަމާއަތްތަކުގެ މަސްލަހަތަށް ރިއާޔަތްކޮށް، ޓެރަރިޒަމާއި މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް ކުރާ މަސައްކަތަށް ކުރިއެރުވުމާއި، އަސާސީ ހައްގުތަކާއި މިނިވަންކަން ކަށަވަރުކޮށްދިނުމަށް ވެފައިވާ ވައުދު ފުއްދުމަށް" ޔެރިއޮމިން ވިދާޅުވިއެވެ.