ހިޔާގެ އެއްކޮށްލި ދެ އެޕާޓްމެންޓު އަލުން ރާނަން ފަށާފައި ވާތީ އެތަން އަތުނުލަން އާބަންކޯއިން ނިންމައިފިއެވެ.

އާބަންކޯއިން ހުޅުމާލޭ ފޭސްދޭއްގައި އިމާރާތްކޮށް ދޫކުރި ހިޔާ ޓަވަރުތަކުގެ ތެރެއިން ދެ އެޕާޓްމަންޓެއް އެއްކޮށްލުމަށް މެދުން ފާރު ވައްޓާލައި ކޮށްފައިވާ އަމަލާ ދެކޮޅަށް އެންގި އެތައް އެންގުމަކާއި ޖޫރިމަނާގެ ދިގުލުންތައް ނިމި އެންމެ ފަހުގެ ނިންމުމަކަށް ވެފައި މިވަނީ އަލުން އެފްލެޓު އަތުނުލުމަށެވެ.

ހިޔާ ފްލެޓް ދޫކުރި އެއްބަސްވުމާ ހިލާފަށް ދެ އެޕާޓްމަންޓް އެއްކޮށްލައިގެން އުޅެނިކޮށް ފަޅާއެރުމުން އާބަންކޯ އިން ވަނީ އެ ދެތަނުގެ ވެރިފަރާތް 100،000ރ. އިން ޖޫރިމަނާ ކޮށްފައެވެ.

އެ ފައިސާ ފަސް ދުވަހުގެ ތެރޭގައި ދައްކައި އެޕާޓްމަންޓް ކުރިން ހުރި ގޮތަށް ބަދަލުކުރަން ދިން މުއްދަތުގައި ވެރި ފަރާތުން އެގޮތަށް އަމަލު ނުކުރުމުން އެ ތަނުގެ އެއްބަސްވުން ބާތިލް ކުރަން އާބަންކޯއިން ނިންމިއެވެ.

އެއްބަސްވުމާއެކު އެއްގޮތައް އެޕާޓްމެންޓު ހުސްކުރުމަށް މިދިޔަ މަހު 18 ވަނަ ދުވަހު ވަނީ 14 ދުވަހުގެ ނޯޓިސްއެއްވެސް އާބަންކޯއިން ދިނެވެ. އަދި އެ މުއްދަތު މި މަހުގެ އެއްވަނަ ދުވަހަށް ހަމަވުމުން އެތަން އަތުލުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދި ފްލެޓްތަކުގެ ވެރިން ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅުނެވެ. އެހެން ނަމަވެސް ކޯޓުން ނިންމީ އަމުރު ނެެރެދެވެން ނެތް ކަމަށެވެ.

އޭގެ ފަހުން ފްލެޓުގެ ވެރިފަރާތުން އެދުނީ ފާރު ރޭނުމަށް ތިން މަސް ދިނުމަށެވެ. ނަމަވެސް އާބަންކޯއިން އެންގީ ހަތް ދުވަސްތެރޭ ފާރު ރޭނުމަށެވެ.

އެ މުއްދަތު މިދިޔަ ބުދަ ދުވަހަށް ވަނީ ހަމަވެފައެވެ.