ކަނޑުގެ އިން ވަކިވުމަކީ ސިފައިންގެ ޒިންމާ ބޮޑުވިކަމެއްކަން ފާހަގަކުރައްވައި ސިފައިންގެ އަސްކަރިއްޔާގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ޔޫއޭވީ ހޯދުމަށް ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެއެވެ.

މިރޭ ކަޅުތުއްކަލާކޮށީގައި، ދިވެހި ސިފައިންގެ 131 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ރަސްމީ ޖަލްސާ ޝަރަފުވެެރިކޮށް ދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހް ވިދާޅުވީ ރާއްޖޭގެ ދެކުނުން އިން ކަނޑައެޅިގެން ދިއުމަކީ ކޯސްޓުގާޑުގެ ޒިންމާ ބޮޑުވިކަމެއްކަމަށެވެ. އެކަމަކީ ސަލާމަތީ އަދި އިގްތިސާދީ ގޮތުންނާއި އަދި ހަމައެހެންމެ އަސްކަރީ ގޮތުންވެސް ދިވެހި އަސްކަރިއްޔާގައި އެޅުނު އިތުރުޒިންމާތަކެއް ކަން ފާހަގަ ކުރައްވައި، ރައީސް ސާލިހު ވިދާޅުވީ އެ މަސައްކަތް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، އަން މޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) ނުވަތަ ޑްރޯން ހޯދުމަށް ނިންމައި، އެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

ދިވެހި ސިފައިންގެ 131 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް މިރޭ ކަޅުތުއްކަލާކޮށީގައި ބޭއްވި ރަސްމީ ޖަލްސާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވާހަކަފުޅު ދައްކަވަނީ

"ރާއްޖޭގެ ދެކުނުން ކަނޑުގެ އިން ކަނޑައެޅިގެން ދިއުމާއެކު، ކޯސްޓް ގާޑްގެ ޒިންމާ އެތައް ގުނައަކަށް އިތުރުވެއްޖެ. އެއީ ސަލާމަތީ ގޮތުންނާއި އިގްތިސާދީ ގޮތުން އަދި އަސްކަރީ ގޮތުން ވެސް، ދިވެހި އަސްކަރިއްޔާގައި އެޅުނު އިތުރު ޒިންމާތަކެއް." ރައީސް ވިދާޅުވި އެވެ.

ރާއްޖެ ހިމެނޭ ކަނޑުގެ ސަރަހައްދު ބޭނުންކޮށްގެން އެކި ފަރާތްތަކުން މަސްތުވާތަކެތީގެ ވަގު ވިޔަފާރި ހިންގަން ވެސް މަސައްކަތް ކުރަމުންދާ ކަންވެސް ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ. އެފަދަ އުޅަނދުތައް ރާއްޖޭގެ ސަރަހައްދަށް ވަނުމުގެ ކުރިން، ނުވަތަ ރާއްޖޭގެ ސަރަހައްދަށް އެތެރެވާ ހިސާބުން ހުއްޓުވުމަށްޓަކައި ކޯސްޓްގާޑްގެ ދައުރު މިހާރަށް ވުރެ ފުޅާކޮށް ހަރުދަނާކުރުން މުހިންމުކަންވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

ރާއްޖޭގެ މަސްކަނޑުތަކުން ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަނިކޮށް، 2019 ވަނަ އަހަރުން ފެށިގެން މިހާތަނަށް، ކޯސްޓް ގާޑުން ވަނީ ބޭރުގެ 64 މަސްބޯޓު ހިފަހައްޓާފައި ކަމަށް ރައީސްގެ ވާހަކަފުޅުގައި ހާމަކުރެއްވިއެވެ.

ސިފައިންގެ އޮޕަރޭޝަނަލް ގާބިލުކަން އިތުރުކުރުމަށް މިހާރު ރޭވިފައިވާ އެއް ކަމަކީ، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ސިފައިންގެ އަސްކަރީ ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ، އެޑްވާންސް ވެޕަން ފަޔަރިން ސިމިއުލޭޓަރު ހޯދުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި މި އަހަރުގެ ތެރޭގައި އެފަދަ ހަތަރު ސިމިއުލޭޓަރު ގެނެވި މަސައްކަތް ފެށޭނެ ކަމަށް ވިދާޅުވި އެވެ.

މިއަހަރުގެ ތެރޭގައި ސިފައިންގެ ކްރިޓިކަލް އިންފްރާސްޓަކްޗަގެ ސެކިއުރިޓީ ހަރުދަނާކުރުމުގެ ގޮތުން، އެންޓި-ޑްރޯން ސިސްޓަމްތަކެއް ހޯދަން ނިންމާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވަމުން، ކ. ސިފަވަރުގައި ހަދާ އެކަތަ ބަނދަރަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޅ. މާފިލާފުށީގައި މިހާރު ހިންގާ އެމްއެންޑީއެފް ނަދަރން އޭރިއާގެ ހެޑްކުއޯޓަރު، ހދ. ހަނިމާދުއަށް ބަދަލުކުރަންއެ ހެޑްކުއޯޓާރު އެޅުމުގެ މަޝްރޫއު ކޮންޓްރެކްޓަރާ ހަވާލުކޮށްފައިވާ ކަމަށް ވެސް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

"މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ދިވެހި އަސްކަރިއްޔާގެ ތަރައްގީއަށްޓަކައި ކުރި ގިނަ މަސައްކަތްތަކުން، ދިވެހި ސިފައިންގެ ގާބިލުކަން މީގެ ކުރިން އިތުރުކުރެވިފައި ނުވާހާ މަތީ މިންވަރަކަށް މިހާރުވަނީ އިތުރުކުރެވިފައި." ރައީސް ވިދާޅުވި އެވެ.

ކުރިއަށް އޮތް ދުވަސްތަކުގައިތަރައްގީ ކުރަން އިތުރު ސަމާލުކަމެއް ދެއްވަން ގަސްދުކުރައްވާ ދެ ދާއިރާއަކީ ސިފައިންގެ ކޯސްޓް ގާޑްގެ ހިދުމަތްތަކާއި ސިފައިންގެ ފަޔާ އެންޑް ރެސްކިޔުގެ ހިދުމަތްކަންވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

"މި ދެ ދާއިރާއަކީ ވެސް، އިޖްތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުން އާންމު ރައްޔިތުންނާ ސީދާ ގުޅުން ހުރި ދެ ދާއިރާ. މަސްވެރި އުޅަނދުތައް ބޮޑެތިވެ، މަސްވެރިން ކަނޑުމަތީގައި ހޭދަކުރާ މުއްދަތު އިތުރުވަމުން އަންނަ އިރު، ކޯސްޓް ގާޑްގެ ހިދުމަތް ވެސް އެވަރަށް ފުޅާކުރަންޖެހޭނެ ކަމަށް ގަބޫލުކުރެވޭ." ރައީސް ވިދާޅުވި އެވެ.

ސިފައިންގެ ވެލްފެއާ ކަންކަން ހަރުދަނާ ކުރުން ރައީސް ސާލިހު މިރޭ ވިދާޅުވި ގޮތުގައި، ސިފައިންގެ ވެލްފެއާ ކަންތައް އިތުރަށް ހަރުދަނާ ކުރުމަށް މި ވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ ސިފައިންގެ ބޯހިޔާވަހި ކަމަށެވެ. ހުޅުމާލޭގައި ހަދާ ސިފްކޯ ހިޔާ އިމާރާތްތަކުގެ މަސައްކަތް ހުއްޓިފައި ހުންނަތާ ގިނަ ދުވަސްތަކެއް ވުމަށް ފަހު، އެ އިމާރާތްތައް ނިންމުމުގެ މަސައްކަތް ކުރިއަށްދާކަންވެސް ރައީސްގެ ވާހަކަފުޅުގައި ހާމަކުރައްވާފައިވެއެވެ.

ސަރުކާރުން ކުރަމުން އަންނަ ޕޭ ހާމަނައިޒޭޝަންގެ ތެރެއިން ސިފައިންނާއި ފުލުހުންގެ މުސާރައަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށްވެސް އެމަނިކުފާނު މިރޭ ވިދާޅުވިއެވެ.

"ސަރުކާރުން މިހާރު ކުރަމުން އަންނަ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތުގެ ތެރެއިން، ދިވެހި ސިފައިންނާއި ދިވެހި ފުލުހުންގެ މުސާރައަށް ވެސް، އިރާދަކުރެއްވިއްޔާ ހެޔޮ ބަދަލުތަކެއް އަންނާނެ. ޕޭ ކޮމިޝަނުން މިހާރު އެ އަންނަނީ އެކަމާ ބެހޭ ދިރާސާތައް ކުރަމުން." ރައީސް ސޯލިހު ވިދާޅުވި އެވެ.