އިންޑިޔާ އޮތީ ފީފާ ރޭންކިންގެ ކޮން ވަނައެއްގައިތޯ ބެލުން މުހިއްމު ނޫން ކަމަށާއި މުބާރާތުގެ ސަޕްރައިޒް ޓީމަށް ޕާކިސްތާން ވުމަކީ ދުރުގައި އޮތް ކަމެއް ނޫން ކަމަށް އިންޑިޔާގެ ކޯޗް އީގޯ ސްޓިމެކް ބުނެފިއެވެ.
ސްޓިމެކް މިހެން ބުނީ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ހުޅުވުމުގެ ގޮތުން މާދަމާ އިންޑިޔާގެ ބެންގަރޫލުގެ ސްރީ ކަންޓީރަވާ ސްޓޭޑިއަމްގައި ޕާކިސްތާނާ ދެކޮޅަށް ކުޅެން ޖެހޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފީފާ ރޭންކިންގައި ދެގައުމުގެ ތަފާތާއި ގުޅޭ ގޮތުން ނޫސްވެރިން ކުރިމަތިކުރި ސުވާލުތަކަށް ޖަވާބު ދެމުންނެވެ.
"ރޭންކިން ހަނދާން ނައްތާލާ. އަހަރެމެން ބެލިން ޕާކިސްތާނުން ކެންޔާއާ ދެކޮޅަށް (މޮރިޝަސް ފޯރނޭޝަން ކަޕް) ކުޅުނު މެޗް. ޕާކިސްތާނުން ކެންޔާއަށް ވުރެ ރަނގަޅަށް ކުޅުނު. އެމީހުން ރަނގަޅު ފުރުސަތުތަކެއް އުފެއްދި، އެމީހުންގެ ހަމަލާތައް މާނުރައްކާތެރި. އަދި ވަރަށް ސާފުކޮށް އެނގޭ ޕާކިސްތާނުން ގެންގުޅެނީ ޑީޕްކޮށް ޑިފެންސިވް ކުރުމުގެ ޓެކްޓިކްސްއެއްކަން. އަހަރެންގެ ނަޒަރުގައި ޕާކިސްތާން ވެގެންދާނީ މިފަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ސަޕްރައިޒް ޓީމަށް" ސްޓިމެކް ބުންޏެވެ.
މީގެ އިތުރުން ސްޓިމެކް ވަނީ ޕާކިސްތާން ޓީމުގައި ތިބި ޔޫރަޕުގައި ކުޅޭ 7 ކުޅުންތެރިންގެ ނުރައްކަލާ ގުޅޭ ގޮތުންވެސް ވާހަކަ ދައްކާފައެވެ.
"ޕާކިސްތާން ޓީމުގައި ހައެއް ނުވަތަ ހަތް ކުޅުންތެރިން އެބަތިބި ޔޫރަޕުގައި އުޅެބޮޑުވެ އެތަނުގައި ތަމްރީންތައް ހަދައި ތަޖުރިބާ ހޯދި. އެކުޅުންތެރިންނާއެކު ޕާކިސްތާން އޮތީ ވަރަށް ވަރުގަދަކޮށް ކަމަށް އަހަރެން ގަބޫލް ކުރަނީ. މިހާލަތުގައި އިންޑިޔާ އޮތީ ޕާކިސްތާނާ ބަލާއިރު ރޭންކިންގެ މާމަތީގައި ކަމަށް ވާހަކަ ދެއްކުމަކީ އަހަރެން ގަޔާވާ ކަމެއް ނޫން. އަހަރެން އެދެނީ ނޫސްވެރިން {އިންޑިޔާ ނޫސްވެރިން} އެވާހަކަ ނުދެއްކުމަށް" އެންމެފަހުގެ ސާފް ޗެމްޕިއަންޝިޕް އިންޑިޔާއަށް ކާމިޔާބު ކޮށްދިން ކޯޗް ސްޓިމެކް ބުންޏެވެ.
އިންޑިޔާ އާއި ޕާކިސްތާނުގެ އިތުރުން ދެން މިގްރޫޕުގައި އޮތީ ނޭޕާލާއި ކުވައިތެވެ.
އިންޑިޔާ އާއި ޕާކިސްތާން ބައްދަލު ކުރާ މެޗް ފަށާނީ ރާއްޖޭ ގަޑިން މާދަމާ ރޭ 19:00 ގައެވެ. ނޭޕާލާއި ކުވައިތު ބައްދަލު ކުރާ މެޗް ފަށާނީ ރާއްޖޭ ގަޑިން މާދަމާ ހަވީރު 15:00 ގައެވެ.