އިންޑިޔާގެ ބެންގަލޫރުގައި މިއަދު ފެށި ސާފް ޗެމްޕިއަންޝިޕުގެ ފުރަތަމަ މެޗުގައި ނޭޕާލްގެ މައްޗަށް 3-1 އިން ކުރި ހޯދައި މެދުއިރުމަތީގެ ކުވައިތުން އުއްމީދީ ފެށުމަކުން މުބާރާތް ފަށައިފިއެވެ.

އަރަބް-ގަލްފް ކަޕް 10 ފަހަރު ކާމިޔާބު ކޮށްފައިވާ ކުވައިތުން މިމެޗުގައި ނޭޕާލްގެ ގޯލް ހުޅުވާލަ ދިނީ 23 ވަނަ މިނެޓުގައި ކެޕްޓަން ޚާލިދު އަލް އިބްރާހިމެވެ. ހާފް ނިމުމުގެ ކުރިން ކުވައިތުން ލީޑް ފުޅާ ކުރީ ލަނޑު ޝަބީބް އަލް ޚާލިދީގެ ލަނޑުންނެވެ. އޭގެ ކުރިން ކުވައިތުން ފޮނުވާލި ހަމަލާއެއް ނޭޕާލް ގޯލް ދަނޑީގައިވެސް ޖެހުނެވެ.

ދެވަނަ ހާފް ފަށައިގެން ނޭޕާލުން ކުރިއަށް ޖެހި ލަނޑެއް ޖެހުމަށް މަސައްކަތް ކުރިއެވެ. މިގޮތުން 57 ވަނަ މިނެޓުގައި ނޭޕާލްގެ ސަނީޝް ސްރެސްތާ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ. މެޗް ކޮންޓްރޯލްކޮށްގެން ކުޅެމުންދިޔަ ކުވައިތުން ތިންވަނަ ލަނޑު ޖެހީ 65 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. މިލަނޑު ކާމިޔާބު ކޮށްދިނީ މުހައްމަދު އަބްދުﷲ ދަހަމްއެވެ.

ސާކް ސަރަހައްދުން ބޭރުން މިފަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ކުވައިތުގެ އިތުރުން ދެން ވާދަ ކުރަނީ ލުބުނާނެވެ.

ސާފް ޗެމްޕިއަންޝިޕުގައި މިރޭ ރާއްޖޭ ގަޑިން 19:00 ގައި އިންޑިޔާ ޕާކިސްތާން ބައްދަލު ކުރާނެެއެވެ. ޕާކިސްތާނުން ވަރުގަދައަށް މުބާރާތަށް ތައްޔާރުވެފައިވާއިރު އިންޑިޔާއަކީ ސާފް ޗެމްޕިއަންޝިޕުގެ އެންމެފަހުގެ ޗެމްޕިއަނުންނެވެ.

ރާއްޖެ ހިމެނޭ ގްރޫޕް "ބީ" ގެ ދެމެޗް މާދަމާ ކުޅޭނެއެވެ. ފުރަތަމަ މެޗުގައި ރާއްޖޭ ގަޑިން 15:00 ގައި ވާދަކުރަނީ ބަންގްލަދޭޝް އާއި ލުބުނާއެވެ. ރާއްޖެ އާއި ބޫޓާން ވާދަކުރާ މެޗް ފަށާނީ 19:00 ގައެވެ.