މެންޗެސްޓަރ ސިޓީއަށް 2016 ވަނަ އަހަރުން ފެށިގެން ކުޅެމުން އަންނަ ޖަރުމަނުގެ ތަޖުރިބާކާރު މިޑްފީލްޑަރު އީކާ ގުންޑޮގަން އެކްލަބް ދޫކޮށް ބާސެލޯނާއަށް ބަދަލުވާން ނިންމައިފިއެވެ.
ފުޓްބޯޅައިގެ ޚަބަރުތައް ގެނެސްދިނުމަށް މަޝްހޫރު އިޓަލީގެ ކުޅިވަރު ނޫސްވެރިޔާ ފެބްރީޒިއޯ މީގެ ކުޑައިރުކޮޅެއް ކުރިން ޓްވީޓެއްގައި ބުނެފައި ވަނީ ބާސެލޯނާއަށް ގުންޑޮގަން ބަދަލުވުމުގެ ހުރިހާ ކަމެއް ނިމިފައިވާ ކަމަށާއި ކޮންޓްރެކްޓް ހަދަނީ 2025 ވަނަ އަހަރުގެ ޖޫންގެ ނިޔަލަށް ކަމަށެވެ. އަދި މިއެއްބަސްވުމުގެ ދަށުން 2026 ވަނަ އަހަރުގެ ޖޫންގެ ނިޔަލަށް ކޮންޓްރެކްޓް އައު ކުރުމުގެ ފުރުސަތު ލިބިދެއެވެ. ގުންޑޮގަންގެ ރިލީޒް ކްލައުސްގެ ގޮތުގައި ބާސެލޯނާއިން އެގްރީމެންޓުގައި ހިމަނަން ނިންމާފައި ވަނީ 500 މިލިޔަން ޔޫރޯކަމަށް ފެބްރީޒިއޯގެ ޓްވީޓުގައި ބުނެފައިވެއެވެ.
މެންޗެސްޓަރ ސިޓީގެ ކެޕްޓަންކަންވެސް ކުރަމުން އަންނަ ގުންޑޮގަން ސިޓީ ދޫކޮށްލަން ނިންމީ އެކްލަބުން އޭނާއަށް އައު ކޮންޓްރެކްޓެއްވެސް ހުށަހަޅާފައި ވަނިކޮށެވެ. ސިޓީގެ ތާރިހުގައި އެކްލަބަށް 3 ތަށި ހޯދައިދިން ހަމައެކަނި ކެޕްޓަނަކީ ގުންޑޮގަންއެވެ. ގުންޑޮގަންގެ ކެޕްޓަން ކަމުގެ ދަށުން ސިޓީއިން ވަނީ މިސީޒަނުގައި ޗެމްޕިއަންސް ލީގާއި އިނގިރޭސި ޕްރިމިއަރ ލީގާއި އިނގިރޭސި އެފްއޭކަޕުގެ ޗެމްޕިއަންކަން ހޯދާފައެވެ.
ސިޓީގެ ކޯޗް އަދި ކުރިން ބާސެލޯނާގައި ގިނަ ކާމިޔާބީތަކެއް ހޯދި ޕެޕް ގާޑިއޯލާ ގުންޑޮގަންގެ ޓްރާންސްފާ ކަންތަކާ ގުޅޭ ގޮތުން ބުނެފައި ވަނީ ގުންޑޮގަންއަށް ބާސާގެ ކޯޗް ޒަވީ ހެނާންޑޭޒް ގުޅާ ކަމަށާއި ބާސާއަށް ބަދަލުވުމަށް ގުންޑޮގަން ބޭނުންވެފައި ހުރިކަން އޭނާއަށްވެސް ގަބޫލް ކުރާ ކަމަށެވެ.