ކެޕްޓަން ސުނިލް ޗެތުރީގެ ހެޓްރިކުން ވާދަވެރި ޕާކިސްތާން އަތުން ފަސޭކަމާއެކު 4-0 އިން ޗެމްޕިއަން އިންޑިޔާ މިރޭ މޮޅުވެއްޖެއެވެ.

ބެންގަލޫރުގެ ސްރީ ކަންޓީރަވާ ސްޓޭޑިއަމްގައި ކުޅުނު މިމެޗް ފަށައިގެން އިންޑިޔާއިން ވަނީ މެޗް ކޮންޓްރޯލް އަތުލައިފައެވެ. ޕާކިސްތާނުގެ ގޯލު ޗެތުރީ ހުޅުވާލީ 10 ވަނަ މިނެޓުގައެވެ. ދެވަނަ ލަނޑު ޖެހީ އޭގެ ބަރާބަރު 6 މިނެޓް ފަހުން ލިބުނު ޕެނަލްޓީއަކުންނެވެ.

ބޯކޮށް ވެހެމުންދިޔަ ވާރޭ ތެރޭގައި މެޗް ކުޅެމުންދަނިކޮށް ފުރަތަމަ ހާފުން ތިރީހަކަށް މިނެޓް ކުޅެވުނުތަނާހެން ޕާކިސްތާނުން އެއްލަން މަސައްކަތް ކުރި ބޯޅައަކަށް އިންޑިޔާގެ ކޯޗް އިގޯ ސްޓެމިކް ހުރަސް އެޅުމުން ރެފްރީ ވަނީ ސްޓެމިކަށް ރަތްކާޑް ދައްކާ ދަނޑުން ފޮނުވާލިއެވެ. މިހަމަނުޖެހުމުގެ ތެރޭގައި ޕާކިސްތާން ކުޅުންތެރިންނާއި އިންޑިޔާ ކުޅުންތެރިން ކޮންމެވެސް ވަރަކަށް ކުރިމަތިވެސްލިއެވެ.

ދެވަނަ ހާފުގައި ޕާކިސްތާނުން އުފައްދަން މަސައްކަތް ކުރި ހުރިހާ ހަމަލާއެއް އިންޑިޔާއިން ހުއްޓުވިއިރު އިންޑިޔާގެ ފަރާތުން ފެނުނީ މެދުތެރެ އާއި ޑިފެންސްލައިން ވަރަށް ހަމަޖެހިގެން މޮޅަށް ކުޅެމުންދިޔަ މަންޒަރެވެ.

ޗެތުރީ އޭނާގެ ހެޓްރިކް ފުރިހަމަކޮށް ފުރިހަމަ ލީޑެއް އިންޑިޔާއަށް ނަގައިދިނީ ލިބުނު ޕެނަލްޓީއަކުން 74 ވަނަ މިނެޓުގައެވެ. އޭގެ 7 މިނެޓްފަހުން އުދަންދާ ސިންގ ކުމަން ލަނޑެއް ޖަހައި 4-0 އަށް ނަތީޖާ ބަދަލު ކޮށްލިއެވެ.

ގްރޫޕް "އޭ" ގައި ހިމެނޭ ކޮންމެ ޓީމެއް އެއްމެޗް ކުޅެފައިވާއިރު 3 ޕޮއިންޓާއި ފައިދާ 4 ލަނޑާއެކު ގްރޫޕުގެ އެއްވަނައިގައި އޮތީ އިންޑިޔާއެވެ. 3 ޕޮއިންޓާއި ފައިދާ 2 ލަނޑާއެކު ދެވަނައިގައި އޮތީ މިއަދު 3-1 އިން ނޭޕާލް އަތުން މޮޅުވި ކުވައިތެވެ.

އިންޑިޔާއަށް ކުރިއަށް ނޭޕާލް މެޗުން އަދި ކުވައިތަށް ޕާކިސްތާން އަތުން 3 ޕޮއިންޓް ހޯދިއްޖެނަމަ އިންޑިޔާ އާއި ކުވައިތަށް ބާކީ އެއްމެޗް އޮއްވައި ސެމީފައިނަލުގެ ޖާގަ ޔަގީން ކުރެވޭނެއެވެ.