ޔާމީންއާއި ރިލްވާންގެ މަރުގެ މައްސަލާގައި ހައްޔަރުކުރި އަހްމަދު އިސްމާއިލް (ބުރު އަހަނދު) ބަންދުން ދޫކޮށްލަން ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

އަހަނދުގެ މައްޗަށް ދައުލަތުން ވަނީ ޓެރަރިޒަމްގެ އަމަލެއް ރޭވުމުގެ ކުށުގެ ދައުވާ އަދި ޓެރަރިޒަމްގެ އަމަލެއް ކުރަން އެހީތެރިވުމުގެ ކުށުގެ ދައުވާކޮށްފައެވެ. އޭނާގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ ކޮށްފައިވަނީ ރިލްވާން މަރާލުމުގެ ކަންކަން ރާވައި، އިންތިޒާމުކޮށްފައިވާ ކަމަށް ތުހުމަތުވާތީ އާއި އޭނާ އާއި އޭނާގެ ބައިވެރިން ރާވާފައިވާ ގޮތުގެ މަތިން، އެހެން ބަޔަކު މެދުވެރިކޮށް، ރިލްވާން ރަހީނުކޮށް މަރާލާފައިވާ ކަމަށް ތުހުމަތުވާތީއެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން އޭނާ ހައްޔަރުކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހުއެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. އެގޮތުން މަތިން އަހަނދު ވަނީ މިއަދު އެ ކޯޓަށް ހާޒިރުކޮށްފައެވެ.

އޭނާގެ ބަންދު މުރާޖާކުރުމަށްފަހު ކުރިމިނަލް ކޯޓުން ވަނީ ޝަރުތަކަކާއެކު އޭނާ ދޫކޮށްލަން އަމުރުކޮށްފައެވެ. މި މައްސަލާގައި ދެން ހައްޔަރުކޮށްފައިވަނީ އަހުމަދު މުއާޒް (ގަޓު މުއާ) އާއި އިސްމާއިލް އަބްދުއްރަހީމް (އިސޫ)އެވެ. މި ދެމީހުންވެސް ތިބީ މައްސަލަ ނިމެންދެން ބަންދުގައެވެ. މި ދެމީހުންގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ދެ މައްސަލައެވެ. އަދި ގަޓު މުއާގެ މައްޗަށް ކުރަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ.

އަހަނދު، ގަޓު މުއާ އަދި އިސޫގެ ޝަރީއަތްތައް އެންމެ ފުރަތަމަ ނިންމީ ހުޅުވާލައިގެން ކުރިއަށް ގެންދިޔުމަށެވެ. ނަމަވެސް އެ މައްސަލަ މިހާރު ކުރިއަށް ގެންދަނީ ސިއްރު ކޮށްގެންނެވެ.

ރިލްވާން ގެއްލުވާލާފައި ވަނީ އޮގަސްޓް، 2014 ގައެވެ. އެންމެ ފަހުން އޭނާ ފެނުނީ ހުޅުމާލެއަށް ދާން ފެރީ ޓާމިނަލަށް ވަންނަނިކޮށެވެ. ވަޅިން ބިރުދައްކައި ގަދަކަމުން ކާރަކަށް އަރުވައިގެން ގެންދިޔައީ ހުޅުމާލޭގައި އޭނާ ދިރިއުޅޭ އެޕާޓްމަންޓް ކުރިމަތިންނެވެ.

އަދި ޔާމީން ރަޝީދު މަރާލާފައި ވަނީ، 23 އޭޕްރިލް 2017ގެ ރޭ އޭނާ މާލޭގައި ދިރިއުޅުން ގެންދިޔަ ގޭގެ ސިޑި ގޮޅީީގައެވެ. ޔާމީނަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލައިގައި ދައުލަތުން ދައުވާ ކުރީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. ކުދެހިގޭ ހަސަން ޝިފާޒްގެ އިތުރުން މ. ތާއިފް، އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ.

އެ މީހުންގެ މައްޗަށް ކުރީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއެވެ.އޭގެ ތެރެއިން ކުށް ސާބިތުވީ ހައިޝަމާއި ޒިހާންގެ މައްޗަށެވެ. ދަށު ކޯޓުގައި ކުށް ސާބިތުނުވާ މީހުންގެ ތެރެއިން އިސްމާއީލް ރަޝީދާއި މުހައްމަދު ދިފްރާންގެ މައްސަލަ ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. ދެން ހިމެނޭ ދެ މީހުންގެ މައްސަލަ އިސްތިއުނާފު ނުކުރަން ވަނީ ނިންމައިފައެވެ.