ރައްޔިތުންގެ މަޖިލީހުގެ ރައީސް ހުންނަވާ ގެ މ.މުރައިދޫ ގެއިން އަންނަ ހޯމަ ދުވަހު ނުކުމެވަޑައިގަންނަވާނެކަމަށް ރައީސް މުހައްމަދު ނަޝީދު މަޖިލީހަށް އަންގަވައިފިއެވެ. އެމަނިކުފާނުގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލައިގެ 14 ދުވަހުގެ ނޯޓިސް ހަމަވާންވާ އިރަށް މުރައިދޫ ގެއިން ނިކުމެވަޑައިގަންނަވާނެކަމަށް ދެ ދުވަސް ކުރިން ވަނީ ވިދާޅުވެފައެވެ.

އެ 14 ދުވަހުގެ ނޯޓިސް ހަމަވަނީ އަންނަ ހޯމަ ދުވަހަށެވެ. މީގެއިތުރުން "ދެން އަޅުގަނޑު ސެކިއުރިޓީ ބަލަހައްޓާނެތޯ ނޫންތޯ، ދެން ނުބަލަހައްޓައިގެން މަރާލައިފިއްޔާ ދެން މަރުވެފަ ދެއްތޯ އޮންނާނީ އޭރުން. މިހާރުވެސް ކިރިޔާ އަޅުގަނޑު މިހުރީ،" މަޖިލީހުގެ އިދާރާގައި މީގެ ދެ ދުވަސް ކުރިން ބޭއްވި ޕްރެސް ކޮންފަރެންސްގައި ނަޝީދު ވިދާޅުވިއެވެ.

މަޖިލީސްގެ އަމީން އާންމު ފާތިމަތު ނިއުޝާއަށް އެޑްރެސް ކުރައްވައި ރައީސް ނަޝީދުގެ ޗީފް އެގްޒެކެޓިވް އަހުމަދު މައުސޫމް ފޮނުއްވި ސިޓީގައި ވަނީ މަޖިލީހަށް ހުށައެޅިފައިވާ ނަޝީދުގެ އިތުބާރުގެ ނެތްކަމުގެ މައްސަލައާ ގުޅިގެން ފޮނުވި ނޯޓިސްގެ މުއްދަތު ހަމަވާނީ މިމަހުގެ 26 ވަނަ ދުވަހު ކަމަށެވެ. އެހެންކަމުން މަޖިލީހުގެ ރައީސް ހުންނަވާ މ. މުރައިދޫގެ އިން ގ. ބޭރުވެލިއަށް ބަދަލުވާނެކަން ހާމަކުރައްވައި މިކަމާއި ގުޅިގެން އަންގަވަންޖެހޭ ދައުލަތުގެ މުއައްސަސާތަކަށް އަންގަވައި ދެއްވުމަށް އަހުމަދު މައުސޫމު ވަނީ މަޖިލީހުގެ އަމީން އާންމުގެ ކިބައިން އެދިވަޑައިގެންފައެވެ.

މަޖިލީހުގެ ރައީސަށާއި އުއްތަމަ ފަނޑިޔާރަށް ދައުލަތުން ގެކޮޅު ހަމަޖައްސަން ނިންމީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މޭ މަހު ދިން ނިރުބަވެރި ހަމަލާއަށް ފަހުގައެވެ. އެ ހަމަލާގެ ކުރިން އެމަނިކުފާނު ދިރިއުޅުއްވަމުން ގެންދެވީ، އަމިއްލަ ގެކޮޅު ކަމަށްވާ ގ. ކެނެރީގޭގައެވެ.