ބޫޓާން އަތުން އުނދަގަލުން 2-0 އިން މޮޅުވެ ރާއްޖެއިން މިފަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ފެށުން، ރަނގަޅު ފެށުމަކުން މިރޭ ފަށައިފައެވެ.

އިންޑިޔާގެ ބެންގަލޫރުގެ ސްރީ ކަންޓީރަވާ ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި ރާއްޖެއިން ލީޑް ނެގީ މެޗުގެ 6 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. މިލަނޑަށްފަހު ބޫޓާނުން ވަނީ ރާއްޖެއަށްވުރެ ރަނގަޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތް ކޮށްފައެވެ. ބޫޓާނުން އުފެއްދި ނުރައްކާތެރި ދެހަމަލާ ފުރަތަމަ ހާފުގައި ރާއްޖޭގެ ކީޕަރު ހުސައިން ޝަރީފް ވަނީ ދިފާއުކޮށްފައެވެ.

ދެވަނަ ހާފް ފަށައިގެން ނަތީޖާ ހަމަހަމަ ކުރުމަށް ބޫޓާނުން ވަރަށް ބޮޑަށް މަސައްކަތް ކުރިނަމަވެސް ކައުންޓަ އެޓޭކުގައި ރާއްޖެއިން ދިޔައީ ބޫޓާނުގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. ދެވަނަ ހާފުގައި ރާއްޖޭގެ ހަމަލާތައް ނުރައްކާވެގެން ދިޔައީ އަލީ ފާސިރު (ސެންޓޭ) އާއި ނާއިޒް ހަސަން (ދާދު) ކުޅެން އެރުވިފަހުންނެވެ.

ލީޑް ފުޅާ ކުރަން ރާއްޖެއިން 85 ވަނަ މިނެޓުގައި ދާދު ފޮނުވާލި ހަމަލާ ބޫޓާން ކީޕަރު ވަަރަށް ހުށިޔާރު ކަމާއެކު ދިފާއު ކުރިއެވެ. އޭގެ ކުޑައިރުކޮޅެއްފަހުން ބޫޓާނުން ފޮނުވާލި ހަމަލާއެއް އަމާޒުވީ ރާއްޖޭ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

ރާއްޖެއިން ދެވަނަ ލަނޑު ޖަހައި ލީޑް ފުޅާ ކުރީ 89 ވަނަ މިނެޓުގައި ދާދުގެ ލަނޑަކުންނެވެ. ދާދު މިލަނޑު ޖެހީ ބޫޓާނުގެ ކީޕަރާއި ދެޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހުއެވެ. ގޯލުގެ ކަނަށް ދާދު ފޮނުވާލި ހަމަލާ ދިފާއުކުރަން ބޫޓާނުގެ އިތުރު ދެޑިފެންޑަރުން މަސައްކަތްވެސް ކުރިއެވެ.

ރާއްޖެއިން މެޗް ނިންމާލަން ޖެހުނީ މެޗުގެ އިތުރު ވަގުތުގައި ހަސަން ރާއިފް (ހަންނަ) އަށް ދެއްކި ރަތްކާޑުގެ ސަބަބުން އެއްކުޅުންތެރިޔަކު މަދުކޮށެވެ.

ރާއްޖެ ހިމެނޭ (ގްރޫޕް ބީ) ގައި މިއަދު ކުޅުނު ފުރަތަމަ މެޗުގައި މެދުއިރުމަތީގެ ލުބްނާނުން ވަނީ 2-0 އިން ބަންގްލަދޭޝް ބަލިކޮށްފައެވެ. ރާއްޖެއަށް ކުރިއަށް އޮތީ މިމަހުގެ 25 ވަނަ ދުވަހު ބަންގްލަދޭޝްއާ ދެކޮޅަށް ކުޅެންޖެހޭ މެޗެވެ. މިމެޗުން ރާއްޖެ މޮޅުވެއްޖެނަމަ ސެމީފައިނަލުގެ ޖާގަ ކަށަވަރު ވާނެއެވެ.