ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކުރާ މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާގެ އަޑުއެހުންތައް ފުލުފުލުގައި ބޭއްވުމަށް ތާވަލުކޮށްފިއެވެ. އީދު ބަންދަށްފަހު ދެދުވަހުން އެއްދުވަހު ކަހަލަ ގޮތަކަށް ޔާމީންގެ ޝަރީއަތްތައް ވަނީ ތާވަލުކޮށްފައެވެ. އެގޮތުން ޖުލައި މަހުގެ 2، 4، 6، 9، 11، އަދި 13 ވަނަ ދުވަހަށް ވަނީ އަޑުއެހުންތަައް ތާވަލުކޮށްފައެވެ.
ފުއްގިރި މައްސަލަގައި ރައީސް ޔާމީންގެ އިތުރުން ރިޝްވަތު ހިފުމަށް މެދުވެރިވުމުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ދައުވާ މއ. ކުރިކީލަހިޔާ/ އަހުމަދު ކްރިކް ރިޒާގެ މައްޗަށްވެސް އުފުލާފައިވެއެވެ. އަދި ސަން ކޮންސްޓްރަކްޝަނާއި ސަން އިންވެސްޓްމަންޓަށްވެސް މަނީ ލޯންޑަރިންގެ ދައުވާ ވަނީ އުފުލައިފައެވެ. މިހުރިހާ ދައުވާއެއްވެސް ކުރިއަށް ގެންދަނީ އެކުއެކީގައި އެއްމަޖިލީހެއްގައި ގެންދާ އަޑުއެހުންތަކެއްގެ ގޮތަށެވެ.
ކްރިމިނަލް ކޯޓުގައި މި މައްސަލައިގައި ކުރިއަށްދާ ދައުލަތުގެ ހެކިބަސް ނެގުމުގެ މަރުހަލާގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި މި ހިޔާނާތް ހިންގިއިރު އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރުކަމުގައި ހުންނެވު އަބްދުﷲ ޒިޔަތު ގެ އިތުރުން އަދި އެހެން ދެފަރާތެއް ހިމެނޭހެން ޖުމްލަ ފަސް މީހެއްގެ ހެކިބަސް ވަނީ ނަގައިފައެވެ.
އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ހެކިބަސް ނެގީ ކްރިކްރިޒާގެ ފިންގާ ޕްރިންްޓް ތަހުލީލު ކުރި އޮފިސަރުގެ ހެކިބަހެވެ.
ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމެވެ.