އެޓްލާންޓިކް ކަނޑަށް ފެތިފައިވާ މަޝްހޫރު ޓައިޓޭނިކް އޮތް ސަރަހައްދަށް މިދިޔަ އާދިއްތަ ދުވަހު ފީނިތާ މާގިނައިރުތަކެއްނުވެ ގެއްލުނު "ޓައިޓަން" ސަބްމެރިންގެ ބައިތައް ރޭ ދަންވަރު ފެނުމާއެކު، އޭގެއިން ދަތުރު ކުރި 5 މީހުން މަރުވެފައިވާކަން އެމެރިކާގެ ކޯސްޓް އިއުލާން ކޮށްފިއެވެ.
ޓައިޓޭނިކް ކައިރިއަށް ފީނަން ބޭނުންވާ ފަތުރުވެރިން ގޮވައިގެން ދަތުރު ކުރުމަށް ހާއްސަކޮށްގެން އެމެރިކާގައި 2009 ވަނަ އަހަރު އުފެއްދި އޯޝަން ގޭޓް ކުންފުނިން އޮޕަރޭޓް ކުރަމުން އަންނަ "ޓައިޓަން" ގެ ބައިތައް ފެނުނީ ރެސްކިއު މިޝަންގައި ހަރަކާތްތެރިވި ކެނަޑާގެ ބޯޓަކަށެވެ.
މިހާދިސާގައި މަރުވެފައި ވަނީ އޯޝަން ގޭޓް އެއްބާނީ އަދި ސީއީއޯ އެމެރިކާގެ ބިލިޔަނަރ ސްޓޮކްޓޮން ރުޝް އާއި އިނގިރޭސިވިލާތުގެ ބިލިޔަނަރ ހެމިޝް ހާޑިންގ، ފްރާންސް ކަނޑުގެ ސިފައިންގެ ކުރީގެ ތަޖުރިބާކާރެއް ކަމުގައިވާ އަދި އެތައް ފަހަރަކު ޓައިޓޭނިކް އޮތް ސަރަހައްދަށް ފީނާފައިވާ ޕާލް ހެންރީ ނާގިއޯލެޓް (މަޝްހޫރުނަމުންނަމަ މިސްޓަރ ޓައިޓޭނިކް) އަދި ޕާކިސްތާން ދަރިކޮޅަށް ނިސްބަތްވާ އިނގިރޭސިވިލާތުގެ މިލިޔަނަރ ޝެހްޒަދާ ދޫއޫދާއި އޭނާގެ 19 އަހަރުގެ ފިރިހެން ދަރިފުޅު ސުލައިމާން ދޫއޫދެއެވެ.
މިހިތާމަވެރި ހާދިސާއާ ގުޅިގެން އޯޝަންގޭޓުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ ހިތާމަވެރި މިހާދިސާއާ ގުޅިގެން އުކުންފުނީގެ ހިތްފަޅައިގެން ގޮސްފިކަމަށެވެ. މީގެ އިތުރުން މިހާދިސާގައި ފުރާނަ ގެއްލުނު އާއިލާތަކަށް އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓްހައުސްއިން ވަނީ ހަމްދަރުދީގެ މެސެޖް ފޮނުވައި ވައިޓްހައުސް އޮތީ ހިތްދަތިކަން ލިބުނު އާއިލާތަކާއި އެކުގައިކަން ހާމަކޮށްފައެވެ.
ކާބަން ފައިބާ އަދި ޓައިޓޭނިއަމް ބޭނުންކޮށްގެން 144 މިލިމީޓަރުގެ ބޯމިނުގައި ހަދާފައިވާ "ޓައިޓަން" ސަބްމެރިން ދުއްވަނީ އޭގެ އެތެރޭގައިވާ ޖޮއިސްޓިކަކުންނެވެ.