ރަޝިޔާ އަސްކަރިއްޔާގެ މަދަދު ލިބިގެން ހަނގުރާމައިގެ ކުރީ ސަފުގައި ޔޫކްރައިނާ ދެކޮޅަށް ހަނގުރާމަ ކުރަމުންދިޔަ ކުލީ ސިފައިންގެ ވަރުގަދަ "ވެގްނަރ ގްރޫޕް" އިން ރަޝިޔާއާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށް ދިފާއީ ވުޒާރާ އާއި އަސްކަރީ މަރުކަޒުތަކާ ދިމާއަށް ދަތުރު ކުރަމުން އަންނަކަން އެގްރޫޕުގެ ވެރިޔާ ޔެވްގެނީ ޕްރިގޮޜިން އިއުލާން ކުރުމުން މުޅި ރަޝިޔާއަށް ކުއްލި ސިހުމެއް ލިބިއްޖެއެވެ.

މިކަމާ ގުޅިގެން ގައުމާ މުހާތަބު ކުރެއްވުމަށް ރައީސް ވްލަޑިމިއަރ ޕުޓިން މިހާރު ތައްޔާރުވެ ވަޑައިގަންނަވަމުންދާ ކަމަށް ރަޝިޔާގެ ދައުލަތުގެ މީޑިޔާ "ޓަސް" އިން ވަނީ ރިޕޯޓް ކޮށްފައެވެ.

ވެގްނާ ގްރޫޕަކީ ޔޫކްރައިނާ ދެކޮޅަށް ރަޝިޔާއިން ކުރަމުން އަންނަ ހަނގުރާމައިގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަމުން އަންނަ ފައުޖެވެ. ޔޫކްރައިނުގެ ބަޚްމުތު ހިފުމަށް ކުރި 10 މަސްދުވަހުގެ ދިގު ހަނގުރާމައިގައި ވެގްނާ ގްރޫޕުން ވަނީ ޔޫކްރައިނުގެ ފައުޖުތަކާ ދެކޮޅަށް ހަނގުރާމައިގެ ކުރީ ސަފުގައި ތިބެގެން ވަރުގަދަ ހަނގުރާމައެއް ކޮށްފައެވެ.

ވެގްނާ ގްރޫޕުގެ ކުލީ ސިފައިން، ރޮސްޓޯވްގެ މަގުތައް ޕެޓްރޯލް ކުރަނީ. ފޮޓޯ: އޭޕީ

ވެގްނާ ގްރޫޕުގެ ވެރިޔާ އަދި ޕުޓިންގެ ވަރަށް ގާތް ރަހްމަތެރިއެއްގެ ގޮތުގައި ހުރި ޕްރިގޮޜިން ރަޝިޔާއާ ދެކޮޅަށް ހަނގުރާމަ އިއުލާން ކުރީ ރަޝިޔާގެ އަސްކަރިއްޔާއިން އޭނާގެ ޖަމާއަތަށް ހަތިޔާރު ފޯރުކޮށް ނުދޭ ކަމަށް ބުނެއެވެ. މީގެ އެތައް މަހެއް ކުރިން ފެށިގެން އޭނާ ގެންދިޔައީ ބޭނުންވާ މިންވަރަށް ހަތިޔާރު ނުލިބޭ ކަމަށް ބުނެ ޝަކުވާ ކުރަމުންނެވެ. ޕްރިގޮޜިންގެ ރުޅިގަނޑު ފަޅައިގެން ގޮސް ރަޝިޔާއަށް ބަޣާވާތެއް ގެންނަން މަސައްކަތް ފެށިކަން އިއުލާން ކުރީ ރަޝިޔާގެ ވައިގެ ސިފައިންގެ ހަމަލާތަކުގައި ވެގްނާ ގްރޫޕުގެ ގިނައަދަދެއްގެ ކުލީ ސިފައިން މަރުވުމާއި ގުޅިގެންނެވެ.

ވެގްނާ ގްރޫޕުގެ ވެރިޔާ ޕްރިގޮޜިން، ރޮސްޓޯވްގައި ހުންނަ ރަޝިޔާގެ އަސްކަރީ މަރުކަޒުތެރޭގައި ހުރެގެން ވީޑިއޯ މެސެޖެއް ފޮނުވަނީ. ފޮޓޯ: އޭޕީ

މިއަހަރުގެ އޭޕްރީލް މަހު ޕްރިގޮޜިން ބުނެފައި ވަނީ ބަޚްމުތު ހަނގުރާމައިގައި ކޮންމެ ދުވަހަކު އޭނާގެ 100 ސިފައިން މަރުވަމުން އަންނަ ކަމަށާއި ޔޫކްރައިނުގެ އަސްކަރީ ފައުޖުތަކާ ކުރިމަތިލުމަށް އެކަށީގެންވާ ހަތިޔާރު ޕުޓިންގެ ސަރުކާރުން ފޯރުކޮށްދެމުން ނުދާ ކަމަށެވެ. އެކަމަކު ޕްރިގޮޜިންގެ މިވާހަކަތައް ރަޝިޔާ ސަރުކާރުން ދޮގު ކުރެއެވެ.

ރަޝިޔާގެ އަސްކަރިއްޔާގެ ނައިބް ޖެނެރަލް ސަރްގޭ ސުރޮވިކިން، މިއަދު ވެގްނާ ގްރޫޕުގެ ސިފައިންނަށް ގޮވާލެއްވީ ޕްރިގޮޜިންގެ އަމުރަށް ކިޔަމަންވެ ރަޝިޔާގެ އަސްކަރިއްޔާއާ ދެކޮޅަށް ހަތިޔާރު ނުއުފުލުމަށަވެ. އަދި ޔޫކްރައިންގައިވާ ރަޝިޔާގެ އަސްކަރީ މަރުކަޒުތަކަށް ގޮސް އަސްކަރިއްޔާއާ ހަވާލު ވުމަށްވެސް ސުރޮވިކުން، ވެގްނާ ގްރޫޕުގެ ކުލީ ސިފައިންނަށް ގޮވާލެއްވިއެވެ.

ޕްރިގޮޜިން އެންމެ ފަހުން އާންމު ކުރި ވީޑިއޯ މެސެޖުގައި ބުނީ އޭނާ އާއި އޭނާގެ ލަޝްކަރުގައި ހިމެނޭ 25،000 ކުލީ ސިފައިން މިހާރު ތިބީ ރަޝިޔާގެ ދެކުނު ސިޓީއެއް ކަމަށްވާ ރޮސްޓޯވް އޮން ޑޮންގައި ހުންނަ ރަޝިޔާގެ އަސްކަރިޔާގެ ހެޑްކުއާޓާޒް ހިފައިގެން ކަމަށާއި އޭނާ ހުއްޓުވަން ނިކުންނަ ކޮންމެ މީހަކު ނައްތާލާނެ ކަމަށެވެ. ޕްރިގޮޜިން އާއި އޭނާގެ ލަޝްކަރަށް ރޮސްޓޯވްއަށް ވަދެވުނީ ކިހިނެއް ކަމެއް އޭނާވެސް އަދި ރަޝިޔާ އަސްކަރިއްޔާއިންވެސް ހާމަ ކޮށްފައެއް ނުވެއެވެ.