ސްޕެއިނުގެ ސެލްޓަވީގޯގެ ކޯޗް ކަމުގެ މަގާމާ ހަވާލުވުމަށް ރެއާލް މެޑްރިޑާއި ލިވަޕޫލްގެ ކުރީގެ މަޝްހޫރު ކޯޗް ރަފާ ބެނިޓޭޒް އެއްބަސްވެއްޖެއެވެ.

ސްޕެއިނުގެ މިޑިޔާ ރިޕޯޓުތައް ބުނާ ގޮތުން ބެނިޓޭޒް،63، ސެލްޓަވީގޯގެ ކޯޗްކަމާ ހަވާލުވާނީ 3 އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

މިދިޔަ ސީޒަނުގައި ރެލިގޭޓް ނުވެ ކިރިޔާ ސަލާމަތްވި ސެލްޓަވީގޯއަށް ކުރިއަށް އޮތީ ވަރަށް ތާރިހީ ސީޒަނަކެވެ. އެކްލަބް 100 އަހަރު އަންނަ ސީޒަނުގައި ފުރޭނެއެވެ.

ސެލްޓަވީގޯއިން ނެރެފައިވާ ބަޔާނުގައި ބުނީ ކްލަބަށް 100 އަހަރު ފުރޭ ހާއްސަ ސީޒަނުގައި ޓީމުގެ ހުންގާނުގައި ހުންނާނީ ކާމިޔާބު ކޯޗް ބެނިޓޭޒް ކަމަށެވެ. "ކުރިއަށް އޮތީ ކްލަބަށް 100 އަހަރު ފުރޭ ތާރިހީ ސީޒަން. ކްލަބުގެ 100 ވަނަ އަހަރަކީ ހުރިހާ ގޮތުންވެސް އުފާވެރި އަހަރަކަށް ބޭނުން" ކްލަބުގެ ބޯޑުން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.

ބެނިޓޭޒް ވަނީ އޭނާގެ ކޯޗިންގ ކެރިޔަރުގައި ރެއާލް އާއި ލިވަޕޫލްގެ އިތުރުން ޗެލްސީ، އިންޓަމިލާން، ނަޕޯލީ، ވެލެންސިޔާ އަދި ނިއުކާސަލް ޔުނައިޓެޑަށްވެސް އިރުޝާދު ދީފައެވެ. ފާހަގަ ކޮށްލެވޭ ކަމަކީ ރެއާލް ފިޔަވައި އެހެން ކޮންމެ ޓީމަކާއެކުވެސް އޭނާ ވަނީ ތަށި ކާމިޔާބު ކޮށްފައެވެ.