ރިޔާސީ އިންތިހާބު 2023، އަށް ކުރިމަތިލުމުގެ ފުރުސަތު ޖުލައި 23 ގައި ހުޅުވާލައި، އެކަމާ ގުޅޭ ފޯމު ހުށަހަޅަން ސާދަ (14) ދުވަހުގެ މުއްދަތެއް ދޭން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ. ގާނޫނަށް ގެނައި އިސްލާހާއެކު އީސީން ވަނީ، ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފަހުތާރީހު ބަދަލުކޮށް ކުރިން އިންތިހާބަށް ކުރިމަތިލުމަށް އޮޮތް އޮގަސްޓު ތިންވަނަ ދުވަހުގެ ބަދަލުގައި ފަހު ތާރީހަކީ އޮގަސްޓު ހަތެއް ކަމަށް ކަނޑައަޅާފައެވެ.
އީސީ އިން މި ގޮތަށް ނިންމާފައި ވަނީ ރިޔާސީ އިންތިހާބުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު، ރައީސުލްޖުމްހޫރިްޔާ އިބްރާހިމް މުހައްމަދު ސާލިހު ތަސްދީގު ކުރެއްވުމާ ގުޅިގެންނެވެ.
އިލެކްޝަންކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިއަދު ވިދާޅުވީ، ރިޔާސީ އިންތިހާބުގެ މުހިންމު ތާރީހުތައް ކޮމިޝަނުން ކަނޑައަޅާފައި ވަނީ، ގާނޫނަށް ބަދަލު އަތުވެދާނެ ކަމަށް ވިސްނައިގެން ކަމަށެވެ.
ހަބީބު މިއަދު ވިދާޅުވީ ކެންޑިޑޭޓުންގެ ފޯމު، އިންތިހާބާ ބެހޭ މަރުކަޒު ކަމަށްވާ ދަރުބާރުގެއަށް ބަލައި ގަންނާނީ، ޖުލައި މަހުގެ 23 ވާ އާދިއްތަ ދުވަހުން ފެށިގެން އޮގަސްޓުމަހުގެ 7 ވާ ހޯމަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އެހެނެއްކަމަކު ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރާ ތާރީހަށް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި ނަން ތަރުތީބު ކުރާނީ ކުރިން ވެސް އޮތް ގޮތަށް އޮގަސްޓުމަހުގެ ނުވަ ވަނަ ދުވަހުއެވެ.
މީގެ ކުރިން އީސީ އިން ހާމަކުރި ތާރީހުތަކުގައި ވާ ގޮތުން އިންތިހާބުގެ ފުރަތަމަ ބުރު ބާއްވަން ނިންމާފައި ވަނީ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އެވެ. ދެވަނަ ބުރެއް ބާއްވަން ޖެހޭ ނަަމަ ބާއްވާނީ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ.
ކެންޑިޑޭޓުންގެ ގޮތުގައި ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލަން ނިންމާފައި އޮތީ ޖުލައި 23 އިން އޮގަސްޓް 3 އަށެެވެ. ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުމަށްފަހު އިއުލާންކުރަން ނިންމާފައި އޮތީ އޮގަސްޓު މަހުގެ 9 ވަނަ ދުވަހުއެވެ.
އެހެންނަމަވެސް، ކުރިން ގާނޫނުގައި ބުނެފައިވާ 10 ދުވަހުގެ މުއްދަތު ހަތަރުދުވަސް އިތުރުކޮށް، 10 ދުވަހުގެ ބަދަލުގައި، އިންތިހާބުގައި ވާދަކުރަން ބޭނުންވާ މީހުންނަށް ނަން ހުށަހެޅުމަށް 14 ދުވަހުގެ މުއްދަތު ދިނުމަށް ސަރުކާރުގެ ފަރާތުން، ހއ ކެލާދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު، ރިޔާސީ އިންތިހާބުގެ ގާނޫނަށް އިސްލާހެއް ހުށަހެޅިއެވެ. މި ފެބްރުއަރީ 20 ގައި ހުށަހެޅުއްވި މި އިސްލާހު މަޖިލީހުން ފާސްކުރީ މިނިމުނު ހަފުތާގެ ހޯމަދުވަހުއެވެ.
ރައްޔިތުންގެ މަޖިލީހުން، މިދިޔަ ހޯމަ ދުވަހު އެ އިސްލާހު ފާސްކޮށް، މިދިޔަ ބުރާސްފަތި ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވަނީ ތަސްދީގު ކުރައްވާފައެވެ.