ޕަރިސްތާނުގެ ތަޅުދަނޑި / ރާނީ ޒަމްރީޝާ ކަމަނާ އަވަހާރަކޮށްލެއްވުން

"އަބީރުލް އަމީރާ ޕަރީޒާދުލް ގިނިކަނދުލް ޝަބީބާ "އެވެ.

އަލްއަބީރުލްމާލިކް ރަސްގެފާނާއި އެމަނިކުފާނުގެ އަނބިކަބަލުން އަލްއަބީރާ ރާނީ ޕަރީޒާދުލް ހުސްނުލް ޒަމްރީޝާ ކަމަނާފުޅު ވަނީ މި އިއްޒަތްތެރި އުފާވެރި ހަފްލާގައި ބައިވެރިވަޑައިގެން ނެވި ކޮންމެ ބޭކަލަކަށާއި ބޭކަނބަލަކަށް ބިއްލޫރި ފޭރާމަކާއި ހުވަނދު ގުޅިއެއް ހަދިޔާކުރައްވާފައެވެ.

ފިނިފެންމާ ގަނޑުވަރު ކޮޅުގެ ރާނީކަމަނާފުޅު ހުސްނުލް ޒަމްރީޝާ ވަނީ އެކަމަނާފުޅު ގެމި ހާއްސަ ބަގީޗާގައި އާދަޔާޚިލާފް މީރުވަހެއް އެކުލެވިގެންވާ ފިނިފެންމަލުގެ އަޖައިބު ކުރުވަނިވި މީރުވަހެއް ހުންނަ ހުވަނދެއް ތައްޔާރުފުޅު ކުރައްވަން އަމިއްލަފުޅަށް ދަސް ކުރައްވާފައެވެ.

ރާނީ ކަމަނާފުޅުގެ ދަރިކަނބަލުން ގިނިކަނދުލް ޝަބީބާ ޕަރީ ކަމަނާ ވަނީ އެކަމަނާގެ މަންމާ ފުޅުގެ އަރިހުފުޅުން މި މީރުވަސް ދުވާ ހުވަނދުގެ ޢަރަގު ތައްޔާރުފުޅު ކުރައްވާ ނޭގޮތް ދަސް ކުރައްވައިފައެވެ. ރާނީ ކަމަނާފުޅު މިހުވަނދު ތައްޔާރުފުޅު ކުރައްވާ ބަގީޗާގައި ވަނީ އެކިވައްތަރުގެ ބިއްލޫރީގެ ބަނޑިޔާތަކާއި ގުޅިތަކާއި ފުޅިތަކާއި ފިނިފެންމަލުގެ ވަށިގަނޑުތައް ވެސް ތައްޔާރުފުޅު ކޮށް ބަހައްޓަވައިނޭ ބޮޑެތި ދަރުބާރުތައް ހައްދަވައިފައެވެ.

މިބަގީޗާގައި ވަރަށް ރީތި ފެންގަނޑެއް އޮވެއެވެ. މިފެންގަނޑުގެ ފުންމިން ވަރަށް ބޮޑު ވާނެއެވެ. މިއީ ރަސްގެފާނު ރާނީ ކަމަނާފުޅަށް ތައްޔާރުފުޅު ކޮށް ދެއްވައިފައިވާ ފެންގަނޑެކެވެ. މިފެންގަނޑު ވަށައިގެން ވަނީ ރަނުން ފާރެއް ލެވިފައެވެ. މިއީ ރާނީ ހުސްނުލް ޒަމްރީޝާ އެކަމަނާގެ ފިނިފެންމާ ގަސްތަކަށް ފެންދިނުމަށްޓަކައި ތައްޔާރުފުޅު ކުރެއްވިފައިވާ ފެންގަނޑެކެވެ. މިބަގީޗާގެ ފާރުތައްވަނީ ސަންގުމަރުމަރު ހިލައިން ބިނާކުރެއްވިފައެވެ. އަދި ބޮޑެތި ކުޅަނދުރު ހަތާތައް އެތަނުގެ ވަށައިގެން ހަރު ކުރެއްވިފައެވެ.

މިބަގީޗާގައި ރާނީ ކަމަނާފުޅު އެ ތައްޔާރުފުޅު ކުރައްވާ މި މީރުވަސް ދުވާ ހުވަނދުގެ ސިއްރު އެކުލެވިގެންވާ ތަކެތީގެ ތެރެއިން މުގުރާފައިވާ އިތާމުތުގެ ކުނޑިއާއި ސާމަރާދޫނީގެ ރީތި ފިޔަތަކާއި މާމުޔާއި ކުކުމާއި ގޮމަކަސްތޫރިއާއި ކެލާއާއި ކަޅު އަދި ހުދު މާވަހަރު ހިމެނެއެވެ.

މިހުރިހާ ސާމާނެއް އެތައްހާސްލައްކަ ފިނިފެންމަލަކާއެކު ބޮޑެތިި ބިއްލޫރި ބަނޑިޔާތަކުގައި ބަހައްޓަވައިގެން ދުންނާރާ ހުންނަ ފެހިކުލައިގެ އަލިފާނަކުން ކައްކައި ހައްދަވައެވެ. މި ފިނިފެންމާ ތަކުން ރާނީ ކަމަނާފުޅު އެތައްޔާރުފުޅު ކުރައްވަމުން ގެންދަވާ އަތަރުގެ ހުވަނދުގެ ޢަރަގަކީ ދުވަހަކު ވެސް މީހެއްގެ ނޭފަތަށް ނުދުވާ ފަދަ މީރުވަހެއް އެކުލެއްވިގެންވާ ހުވަނދެކެވެ.

އަދި ތުއްޕުޅު ގިނިކަނދުލް ޝަބީބާ ޕަރީ ކަމަނާ ގެ މުޅި ހަށިކޮޅު ގައްޔާއި އޮރެންޖު ކުލައިގެ ރަން އިސްތަށިފުޅުގައި މި ހުވަނދުގެ ޢަރަގު ތުރު ކުރަށްވައި ހައްދަވައެވެ. އަލްއަބީރުލްމާލިކް ރަސްގެފާނު މި ތައްޔާރުފުޅު ކުރައްވާފައިވާ ރަނުގެ ފާރު ލައިފައިހުންނަ ފެންގަނޑުގެ މެދުގައި ވަރަށް ބިޔަ ކެލާގަހެއް ހުރެއެވެ. މި ކެލާ ގަހަކީ ވަރަށް ބައިވަރު ގޮފިތަކެއް ހުންނަ ގަހެކެވެ.

މި ކެލާ ގަހުގައި ވަރަށް ހާއްސަ އެއްގޮފިގަނޑު ހުރެއެވެ. މިގޮފިގަނޑުގައި އަތްލުން ހުއްދަފުޅު ލިބިވަޑައިގެން ވާނީ ހަމަ އެކަނި ރަސްގެފާނާއި އެމަނިކުފާނުގެ އަނބިކަމަނާ އާއި އަދި ދަރިކަނބަލުން އެކަންޏެވެ. މި ގޮފިގަނޑުގައި އެ މަނިކުފާނު އަތްޕުޅު ބީއްސެވެމުން ޖާދޫގެ ރަންދަނޑި ގަނޑަކަށް މިގޮފިގަނޑު ބަދަލުވެ ލައްވައެވެ.

ސަބަބަކީ މިއީ ހަމައެކަނި ގޮފިގަނޑެއް ނޫނެވެ. ޕަރިސްތާން ގަނޑުވަރުގެ ރަން ތަޅުދަނޑި ވެސް މެއެވެ. މިއީ ޖާދޫގެ އެއްޗެކެވެ. މި ގޮފިގަނޑަކީ ޕަރީންގެ ރަސްގެފާނުގެ ދަރިފަސްކޮޅުން ވާރުފުޅު ވެލައްވައި ވަޑައިގެން ފައިވާ އެއްޗެކެވެ. ކޮންމެ ރަސްކަލެއް ނުވަތަ ރާނީއެއް ޕަރިސްތާންގެ ތަޚްތަށް އަރައިވަޑައި ގަންނަވާއިރު މިޖާދޫގެ ގޮފިގަނޑު ވާރުތަކޮށް ލިބިވަޑައި ގަންނަވާނެއެވެ.

މިގޮފިގަނޑު ހަލާކުވެ ކަމެއްވެއްޖެ ނަމަ މުޅި ޕަރިސްތާން ހަލާކުވެ ނެތި ހިނގައިދާނެއެވެ. އެހެން ކަމުން މި ގޮފިގަނޑު ބެހެއްޓިފައިވަނީ ރައްކާތެރި ކަމާއެކުގައެވެ. މިއީ ކުރިއަށް އޮތް ތާނގައި ގިނިކަނދުލް ޝަބީބާ ޕަރީ ކަމަނާ ޕަރިސްތާނުގެ ތަޚްތަށް ރާނީ ކަމުގައި ވެޑުވުމުން އެކަމަނާއަށް ވާރުތަފުޅު ކުރައްވާނެ ޖާދޫގެ ޚަޒާނާއެކެވެ.

ޕަރިސްތާނުގެ ރަސްގެފާނު އެންމެ ކަންބޮޑުވެ ވަޑައިގެން ލެއްވީ ހަމަ އެންމެ ކަމަކައިއެވެ. އެއީ އެ ގޮފިގަނޑު އެހެން އެއްވެސް ޖިންނިއެއްގެ ބާރުގެ ދަށަށް ހިގައި ދާނެތީއެވެ. އެގޮތަށް އެކަން ވެއްޖެނަމަ މުޅި ޕަރިސްތާން ނެތި ފަނާވެގެން ހިނގައިދާނެއެވެ. ރަން ފަރުބަދައެއް ގެ މަތީގައި މި ހުންނަ ރީތި ފިނިފެންމާ ގަނޑުވަރަކީ އެއްވެސް އެހެން ބާވަތެއްގެ ޖިންނީންގެ ބަޔަކަށް ގާތްވުން ހުއްދަވެގެންވާ ތަނެއްނޫނެވެ. ފިނިފެންމާ ގަނޑުވަރު ހުންނަ މިރަން ފަރުބަދަ ވަނީ ބޮޑު ކަނޑެއްގެ އައްސޭރިއާ މާ ދުރުނޫން ހިސާބެއްގައެވެ.

އެއްދުވަހެއް ގެ ހަވީރުގެ ވަގުތުގައި ރާނީ ޒަމްރީޝާ ކަމަނާފުޅު ތުއްޕުޅު ދަރިކަނބަލުން ޝަބީބާ ކަމަނާ އަވަހާރަފުޅު ލެއްޕެވުން މި ދަރި ކަނބަލުން ގިނިކަންޏާ އެނދު ދާންކޮޅުގައި ބޭއްވެވިއެވެ. އެއަށް ފަހު ރާނީ ކަމަނާފުޅު އެ ވަޑައިގެން ނެވީ އެ ކަމަނާ ގެ ފިނިފެންމާ ބަގީޗާއަށެވެ. ބަގީޗާގައި ފިނިފެންމާ ތަކުގެ ފިޔަތަށް ނައްޓަވަން ހުންނަވަނިކޮށް އެ ކަމަނާ އަށް ޙިޔާލުފުޅެއް ލިބިވަޑައިގަތެވެ. މި ލިބިވަޑައިގެން ނެވި ޙިޔާލުފުޅުން ރާނީ ޒަމްރީޝާ ކަމަނާފުޅު އުފާފުޅުން ހިތްޕުޅާވެ ލައްވައި ހުންނަވައި ރީތި އުފާވެރިކަމުގެ އެކި ލަވަ ވިދާޅުވަން ފެއްޓެވިއެވެ.

އަދި ބަގީޗާގެ ހުރި މާ ވަށިގަނޑެއް ހިއްޕަވައިގެން ވަޑައިގެން ނެވީ ބިޔަ ކެލާގަހުގެ ފަހަތުގައިވާ ތަނަކަށެވެ. މިތާނގައި ކެލާގަހުގެ ގޮފިތަކުގެ އެތެރެއިން ކުޑަ ދޮރެއް ހުއްޓެވެ. ކެލާ ގަހުގެ ފަތް ތަކުގެ ނިވަލުގައި ވަންހަނައި ވެގެންވި މި ދޮރަކީ ގަނޑުވަރުގެ އެތެރެއިން ބޭރަށް ނިކުމެވެން ހުންނަ ސިއްރު ދޮރާއްޓެކެވެ. ސިއްރިޔާތުގައި ރަނީ ކަމަނާފުޅު މި ދޮރުކޮޅުން ގަނޑުވަރުން ބޭރަށް ނިކުމެ އުދުހި ވަޑައިގަތެވެ. އަދި ރާނީ ކަމަނާފުޅު ގިނިކަންޏާ އެ ވަޑައިގެންނެވީ ބިމުގެ ފަރުބަދަ ތަކުގައި ހެދިފައިވާ ގަސްތަކުގެ ތެރެއިން ފޮޅިފައިވާ އިރުދޭމާތަކަށާއި އެހެނިހެން މާ ތަކަށް ބައްލަވާށެވެ.

ރާނީ ކަމަނާފުޅު ފިނިފެންމާ ގަނޑުވަރު ކޮޅުން ނިކުމެ ވަޑައިގެން ނެވި ކަމެއް އެއް ވެސް ޕަރީން ގެ ބަޔަކަށް އެގިފައެއް ނުވެއެވެ. ޚުދް ރަސްގެފާނަށް ވެސް އެ މަނިކުފާނުގެ ލޯބި ފުޅުވެލައްވާ ރާނީ ކަމަނާފުޅު ގަނޑުވަރުން ބޭރަށް ގިނިކަންޏާ ވަޑައިގެން ނެވިކަމެއް އިނގިވަޑައި ނުގަންނަވައެވެ.

އެކަމަނާ އެތަނަށް ޒިޔާރަތްކުރެއްވީ އެކަމަނާގެ ހުވަނދުތަކުގެ ތެރެއިން އިތުރު އެހެން މަލެއްގެ ޢަރަޤުގައި ހުވަނދެއް ތައްޔާރުފުޅު ކުރެއްވުށްޓަކައި ފިނިފެންމާ ނޫން އެހެން މަލެއް ހޯއްދެވުމަށެވެ. ރާނީ ޕަރީ ކަމަނާފުޅު އުދުހިވަޑައިގެން ކަނޑުގެ އައްސޭރިފަށާ ހަމަޔަށް ދެވިއްޖެއެވެ. އެ ހިސާބުގައި ހެދިފައިވާ ބޮޑެތި އިރުދޭ މަލާއި ހުސްނުހީނާމާ ހުރި ބައިވަރު ބޮޑެތި މާ ދަނޑުތަށް ހުއްޓެވެ. އެ މާ ދަނޑު ތަކުގެ ތެރެއިން ވެސް ފަރިވެ ފޮޅިވެފައި ވާ ހުސްނުހީނާ މާ ބޮޑު ދަނޑަކަށް ރާނީ ކަމަނާ ތިރިފުޅު ކުރެއްވިއެވެ. ފަހަރަކު މަލެއްގައި ވަސްފުޅު ބައްލަވަމުން އެ ކަމަނާ ގެންދެވިއެވެ.

އަދި މާތައް ބިންނަވަމުން އެ ކަމަނާ ގެ އަތްޕުޅުގައިވާ ވަށިގަނޑަށް އަޅުއްވަމުން ގެންދެވިއެވެ. މިހެން އެ ކަމަނާ އުފާފުޅާ ހިތްޕުޅާވެލައްވައި ހުރެ އެކި ރީތި ލަވަ ވިދާޅުވަމުން ހިނިފުޅުވަޑުވަމުން މާ ދަނޑުތެރޭގައި އެކި ސަރައްހަދުގައި މިނިވަން ކަންމަތީ އުދުހި އުދުހިވަޑައިގެން އުޅުއްވިއެވެ.

މިހެން އެ ކަމަނާ މާ ގަސްތަކުގެ ތެރޭގައި އިށީނދެ ވަޑައިގެން އިންނަވަނިކޮށް ބާރު ގަދަ ބިރުވެރި އަޑެއް އެ ކަމަނާ ގެ ފަހެއްޕުޅުން އިވި ވަޑައިގަތެވެ. އެ ކަމަނާ އަށް ލިބިވަޑައިގެން ނެވި ކުއްލި ސިހުމާ އެކީ އިންނެވި ތަނުން ތެދުވެ ވަޑައިގަތެވެ. ރާނީ ޕަރީ ކަމަނާފުޅު ފަހެއްޕުޅައް ބައްލަވައި ލެއްވި އިރުގައި ކަނޑުގެ ބިޔަ ރާޅުތަކުން ފޮނުގަނޑުތަށް އުފެދި ބޮކިޖަހައިގެން ދިޔަ މަންޒަރު ފެނިވަޑައި ގެންނެވިއެވެ. ރާނީ ކަމަނާފުޅު އެކަމާވަރައް ބިރުފުޅު ވަޑައިގަތެވެ.

ދެން ކަނޑުގެ ބިޔަ ރާޅުގަނޑުގެ ތެރެއިން ބޮޑު ދެޔޯއެއް އެރިއެވެ. އޭތި ހުރީ ގައިން ފެހި ޖަހައިފައެވެ. މި ދެޔޯ ފުރަތަމަ ވެސް އެ މިސްރާބު ޖެހީ ރާނީ ކަމަނާފުޅު ހުންނެވި ހުސްނުހިނާ މާ ދަނޑަށެވެ. ކަނޑުން މި އެރި ދެޔޯ ހުރީ ވަރަށް ރުޅިގަދަވެފައެވެ.

"އަހަރެންގެ މާ ދަނޑުން ވައްކަން ކުރަނީ ކާކު؟" އެ ދެޔޯ ރުޅިވެރިކަމާ އެކީ ބިރުވެރި ބަރު އަޑަކުން ބުންޏެވެ.

ރާނީ ކަމަނާފުޅު މި އަޑު އިވި ވަޑައިގެން ބިރުފުޅުން ތުރުތުރު އަޅުއްވައިގެން ފިއެވެ. އެ ދެޔޯ އެކަމަނާފުޅާ ދިމާއަށް ރުޅިވެރިކަމާއި އެކު ބޮޑެތި ފިޔަވަޅުތަށް އަޅަމުންއައެވެ. އެ ދެޔޯ ފިޔަވަޅު އަޅައި ކޮންމެ ފަހަރަކުމެ ބިންގަނޑު ތެރެއަށް އޭތީގެ ފައި ގަނބައިގަނެ ބޮޑެތި ވަޅުގަނޑު ހެދުނެވެ.

ރާނީ ޕަރީ ކަމަނާފުޅު ބިރުފުޅުން އުދުހިވަޑައި ގަންނަވަން އުޅުއްވަނިކޮށް އެ ދެޔޯ އޭތީގެ ބޮޑު އަތްތިލައިން ވަރަށް ބާރަށް އެކަމަނާގެ ވަރަފުޅު ގައި ޖެއްސެވިއެވެ. އަދި އެކަމަނާގެ އެއް ވަރަފުޅު ބިންދައިގެން ގަދަ ރަތްކުލައިގެ ދުމެއްއަރައި އަލިފާން ކަނި ބުރައިގެން ވެއްޓިވަޑައިގެންފިއެވެ. ރާނީ ކަމަނާފުޅަށް އެ ލިބިވަޑައިގެންނެވި ބޮޑު ވޭނެއްގެ ސަބަބުން ހަޅޭފުޅުލެއްވިގެން ބިންމައްޗަށް ތުރުތުރުފުޅު އަޅުއްވަމުން ވެއްޓިވަޑައިގަތެވެ.

"ދެނެއް ތިޔަ ޕަރީ އަކަށް ސަލާމަތެއް ނުވެވޭނެ!" ބިރުވެރި ބޮޑު ދެޔޯ ރުޅިވެރިކަމާއި އެކު ބުންޏެވެ.

މި ހެން ބުނެފައި އެ ދެޔޯ، ރާނީ ކަމަނާފުޅަށް ހަމަލާދީ އެކަމަނާފުޅު ހައްޔަރުކޮށް ރަހީނު ކޮށްފިއެވެ.

ކަނޑު އަޑިން ނެގިފައިވާ ކަޅުކުލައިގެ އަލިމަހެއް އެ ދެޔޯ ގަދަކަމުން އެކަމަނާފުޅަށް ކާންދެއްވިއެވެ. އެކާން ދެއްވުނު އެއްޗެއްގެ ސަބަބުން ރާނީ ކަމަނާފުޅު ވަނީ ހޭފުޅު ނެތިފައެވެ. އަދި އޭގެފަހުން ވަނީ އެކަމަނާފުޅަށް ގަދަ ހުމެއް ޖެހި ވަޑައިގެންފައެވެ.

ރާނީ ކަމަނާފުޅު ބޮޑު އާލާސްކަންފުޅެއް ޖެހިވަޑައިގެން ވޭނުގައި އޮންނަވަނިކޮށް އެ ކަމަނާގެ އެތެރެ ހަށިކޮޅަށް ވިހަގަދަ ޒަހަރެއްގެ އަސަރުފުޅު ކުރުއްވިއެވެ. އެކަމަނާ އެ ގޮތަށް ކުކުރައި ވޭނުގައި ގިނިކަންޏާ މިހެން އޮންނަވަނިކޮށް އެ ކަމަނާގެ ހަށިކޮޅުގައި ފެތުރިގެން ދިޔަ ވިހަ ކަޅުއަލިމަހުގެ ޒަހަރުގެ ސަބަބުން އެ ކަމަނާގެ ދެވަރަފުޅު އެއްކޮށް ވިރިގެން ފޭބިއެވެ.

އަލްއަބީރުލްމާލިކް ރަސްގެފާނަށް އެމަނިކުފާނުގެ އަނބިކަނބަލުން ގަނޑުވަރުތެރެއިން ފެނިވަޑައި ނުގަންނަ ވައިތާ ގިނައިރުފުޅު ވެއްޖެއެވެ. އެ މަނިކުފާނު މި ކަމަކާއި ވަރަށް ކަންބޮޑުވެ ވަޑައިގެންފިއެވެ. ހާސްފުޅު ވާން ފެއްޓެވިއެވެ. އެކަމަނާފުޅު ހޯއްދަވަން ޕަރީންގެ ހާދިމުންގެ ސާޅީސްހާސް ބޮޑު ލަޝްކަރެއް ޖަމާކުރެއްވިއެވެ.

އެމަނިކުފާނު އަމުރުފުޅު ކުރައްވައި ލަޝްކަރުގެ ވެރިން ގަނޑުވަރުކޮޅު ހުންނަ ފަރުބަދައިން ބިމަށް ފޮނުއްވައި ތިރި ކުރެއްވިއެވެ. ރަސްގެފާނު ވެސް ރާނީ ޒަމްރީޝާ ކަމަނާފުޅު ހޯއްދަވަން ލަޝްކަރުގެ ވެރިންނާއި އެއްކޮށް ގަނޑުވަރުން ބޭރަށް ނިކުމެ ވަޑައިގަތެވެ.

މި ލަޝްކަރުގެ ވެރިން ބިމުގެ އެތަން މިތަން ބައްލަ ވަނިކޮށް ރާނީ ކަމަނާފުޅު ގެ ބޮލުގައި ތުރުކުރައްވައި ފައިވާ ފިނިފެންމަލުގެ ރަނުގެ ތާޖާއި އެކަމަނާފުޅު ފިނިފެންމާ އަޅުއްވަން ގެންގުޅުއްވި މާ ވަށި ގަނޑުފެނުނެވެ. މި ތަކެތި ވަނީ ކަނޑުގެ އައްސޭރިފަށުގައި ހުރި ހުސްނުހީނާމާ ދަނޑަކަށް ވެއްޓިފައިއެވެ. އަދި މިފެނުނު ވަށިގަނޑުގައި ވާ ހުސްނުހީނާމާތަށް ވަނީ މުޅިން ހަލާކު ވެފައެވެ.

އެހިސާބުގައިވާ އާދަޔާއި ޚިލާފު ބޮޑެތި ފިޔަވަޅުތައް ބަލަމުން ރަސްގެފާނުގެ ލަޝްކަރަށް ކަނޑުގެ އައްސޭރިފަށަށް ދެވިއްޖެއެވެ.

ކަނޑުގެ އައްސޭރިފަށް ބަލައި ހޯދަމުން ދަނިކޮށް ވިހަކަށި ކުނބުރު ބޮޑު ޖަންގައްޔެއް ހެދިފައިވާ ބޮޑު ހޮހަޅައެއް ފެނިއްޖެއެވެ. ރަސްގެފާނުގެ މުޅި ލަޝްކަރު ހަތިޔާރާއެކު މި ހޮހަޅައަށް ވަނުމުން އެތަނުން ބޮޑު ދެޔޯއެއް ފެނިއްޖެއެވެ. ރަސްގެފާނުގެ އަމުރުފުޅަށް މިދެޔޯއަށް އަލިފާނުގެ ހިލިހިލާއަކުން ކަސްތަޅު އަޅުވައި ހައްޔަރުކޮށް ދަރުބާރަށް ހާޒިރު ކޮށްފިއެވެ.

އެ ދެޔޯއާ ސުވާލުކޮށް ހެދުމުން އެނގުނީ އެދެޔޯ ވަނީ ރާނީ ކަމަނާފުޅަށް ވިހަގަދަ އަލިމަސް ޖަވާހިރެއް ގަދަކަމުން ކާންދެއްވައިފާ ކަމުގައެވެ. އަދި އެ ކަމަނާގެ އެތެރެހަށިފުޅު ވޭން ހުރި ވިހައަކުން ފެތުރިގެން ދިޔަކަމުގައެވެ.

އެ ކަމަނާގެ އެތެރެހަށިކޮޅު އަންދާލައި އަވަހާރަކޮށްލިއެވެ. އެއަށްފަހު އެދެޔޯ އެކަމަނާފުޅު ކާލައިފައި ވާކަމުގައެވެ. މި ލިބިވަޑައިގެން ނެވި ޚަބަރުގެ ހިތް ދަތި ހިތާމަފުޅުން ރަސްގެފާނު ވޭން ހުރި އަޑުފުޅަކުން ހަޅޭފުޅުލައްވައި ވަރަށް ބޮޑަށް ކީރިތި ކުރައްވަން ފެއްޓެވިއެވެ.

އެ މަނިކުފާނުގެ ލޯފުޅުން ހުއްޓުމެއް ނެތި ކަރުނަ ފޮދު އޮހޮރެއްވެމުން ދިޔައެވެ. ފިނިފެންމާ ގަނޑުވަރު ކޮޅުގެ އިއްޒައްތެރި ރާނީ ކަމަނާފުޅުގެ ފަޅި ސިކުންތެއްގައި ކުއްލިއަކަށް އަވަހާރަވެ ވަޑައިގަތުން ވެގެން ދިޔައީ މުޅި ޕަރިސްތާނު ގައި ތިއްބެވި ހުރިހާ ބޭފުޅުން އިންތިހާ އަށް ހިތާމަފުޅު ލިބިވަޑައި ގެންނެވި ކަމެއް ކަމުގައެވެ.

ދުވަހަކު ވެސް ރަސްގެފާނު މުޅި ހަޔާތްޕުޅުގައި ނުވާފަދަ ކޯފާފުޅެއް އިސްކުރެއްވިއެވެ. އެ މަނިކުފާނު ކޯފާފުޅު ވެވަޑައިގެން ހުންނެވި ވަރުން އެ އަމުރުފުޅު ކުރެއްވީ ރާނީކަމަނާފުޅުގެ ޤާތިލް ކަމުގައިވާ އެ ރަހުމްކުޑަ ދެޔޯ ގަތުލު ކުރެއްވުމަށެވެ. ކޯފާފުޅު އިސް ވެލައްވައިފައިވާ ރަސްގެފާނު އަމުރުފުޅު ކުރެއްވީ ހަމަ އެހިނދުން އެ ހިނދަށް އެ ދެޔޯ ގެ މަރުގެ ތަންފީޒެވެ. އެ ދެޔޯ ޤަތުލު ކުރެއްވުމަށެވެ.

ޕަރިސްތާން ގަނޑުވަގެ ބޮޑުދަރުބާރުގެ މެދުގައި ޕަރީންގެ އެންމެހައި ކުދިބޮޑު ހުރިހައި މީސްތަކުންގެ ކުރިމަތީގައި ރަސްގެފާނު ގަދަ ކޯފާފުާޅާއިއެކު ޝާހީ ރަން ކަނޑިކޮޅުނަންގަވައި ޚުދް އަލްއަބީރުލްމާލިކް އެމަނިކުފާނުގެ ދެއަތްޕުޅުން ކަނޑިން ޖައްސަވައި އެ ދެޔޯގެ ބޯބުރިކޮށްލެވުނެވެ. އެ ދެޔޯ ޤަތުލު ކުރެއްވުމަށް ފަހު އޭތީގެ ހަށިގަނޑު ކަނޑު ފެއްތިއެވެ.

(ނުނިމޭ)