ކުރިއަށް އޮތް ރިޔާސީ އިންތިހާބު އިންސާފުވެރިވާނެ ކަމުގެ އުންމީދު ކުޑަވެ ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ބުނެފިއެވެ. އެމްއާރްއެމް އިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ގާނޫނު އަސާސީއާއި ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ރޫހާއި ހިލާފަށް އިލެކްޝަންސް ކޮމިޝަނުން ހިންގާ އަމަލުތަކުގެ ސަބަބުން ރިޔާސީ އިންތިހާބު އިންސާފުވެރިވާނެކަމުގެ އުންމީދުކުޑަކަމަށެވެ.

3،000 މެންބަރުން ހަމަނުވާ ކަަމަށް ނިންމާ އެމްއާރްއެމް އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ޝަރީއަތަށް ގެންދިއުމުން އެމްއާރްއެމް އުވާލުމުގެ މަަސައްކަތް ކޯޓުން ވަނީ ހުއްޓުވާފައެވެ. އަދި އުވާލަން ނިންމާފައިވާ ނިންމުން ބަދަލު ކުރެވޭތޯ ނިިންމުން މުރާޖައާކޮށްދޭން އީސީން އެދުނުކަމުގައި ވި ނަމަވެސް ކޯޓުން ނިންމީ އެ ނިންމުން ބަދަލުކުރަން ނުޖެހޭ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ނިންމުމާއި ގުޅިގެން ޖުޑީޝަލް ރިވިއު މައްސަލަ އެއް ކޯޓަށް ހުށަހަޅާފަފައިވާ ކަމަށް މިއަދު އެމްއާރް އެމްއިން ނެރުނު ބަޔާނުގައިވެއެވެ. އީސީން، އެމްއާރްއެމް އުވާލަން އިއުލާންކުރި ކުރުމަކީ ސިޔާސީ މަންފާއެއް ހާސިލްކުރުމަށް ކުރިކަމެއް ކަމަށް ޝައްކުކުރެވޭ ގޮތަކަށް ހިންގި ގާނޫނާއި ހިލާފު ކަމެއްކަމުގައި ދެކޭކަމަށްވެސް ބަޔާނުގައި ވަނީ ބުނެފައެވެ. އަދި އޭގެ ސަބަބުން ޕާޓީއަށް ނުހަނު ގެއްލުންވަމުން އަންނަ ކަމަށްވެސް ބުނެފައިވެއެވެ.

އެމްއާރްއެމް އަކީ މިހާރު ވުޖޫދުގައި ނެތް ޕާޓީއެއް ކަމަށް ދެކެވި ޕާޓީގެ މެންބަރުން އެހެން ޕާޓީތަކަށް ސޮއި ކުރުމާއި ޕާޓީއިން 2023 ގެ ރިޔާސީ އިންތިހާބަށް ވަމުން އައި ތައްޔާރީ ތަކަށްވެސް ވަނީ ހުރަސްއެޅިފައިކަމަށް ވަނީ ބުނެފައެވެ.

"ގާނޫނު އަސާސީ އާއި ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ރޫހާއި ހިލާފަށް އިލެކްޝަންސް ކޮމިޝަނުން ހިންގާ މިފަދަ އަމަލުތަކުގެ ސަބަބުން ކުރިއަށް އޮތް ރިޔާސީ އިންތިހާބު އިންސާފުވެރިވާނެ ކަމުގެ އުންމީދު ކުޑަވެ ރައްޔިތުންގެ އިތުބާރު ވަނީ ގެއްލިފައެވެ،"

އީސީ ގެ މަސައްކަތަށް ސިޔާސީ ނުފޫޒު ފޯރާފައިވާ ކަމަށް ގިނަބަޔަކު ގަބޫލު ކުރުމުގެ ޖާގަ އެބައޮތް ކަމަށް ބުނެފައި ވާއިރު ޕާޓީތަކުގެ ކަންކަން ބެލެހެއްޓުމުގައި ގާނޫނާ ގަވައިދާ، އަމިއްލައަށް ހަދާފައިވާ އުސޫލުތަކާ އެއްގޮތަށް މަސައްކަތް ކުރަން ނުކުޅެދިފައިވާތަން ވެސް ފެންނަ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި މީގެ އިތުރުން ވޯޓު ލާ މީހުންގެ ލިސްޓު ތައްޔާރު ކުރުން ފަދަ މުހިންމު ކަންކަމުގައި ވެސް އީސީގެ ގާބިލްކަމާ މެދު ސުވާލު އުފެދޭ ވަރުގެ ބޮޑެތި މައްސަލަތައް ހުރިކަން ފާހަގަ ކުރެވޭކަމަށް ބުނެފައިވެއެވެ.

އެމްއާރްއެމްއިން ބަޔާނުގައި ބުނެފައިވަނީ ރައްޔިތުންގެ އިތުބާރު ހޯދުމަށްޓަކާ އިލެކްޝަންކޮމިޝަނުން ވަރަށް ބޮޑަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

އަދި ބަޔާން ނިންމާލަމުން ބުނެފައިވެއެވެ. ދިމާވާ މިފަދަ އެންމެހައި ގޮންޖެހުންތަކާއެކުވެސް، ޒިންމާދާރު ފުރިހަމަ ސިޔާސީ ޕާޓީއެއްގެ ގޮތުގައި އިސްލާހަށް މަސައްކަތް ކުރުމުގައި ފަސްޖެހުމެއް ނެތި އެމްއާރްއެމް އޮންނާނެ ކަމުގެ ޔަގީންކަން އެޕާޓީގެ ލޮބުވެތި މެންބަރުންނަށް އަރުވާކަމުގައެވެ.