ފަލަސްތީނުގެ ހުޅަނގު އައްސޭރިޔާ އާއި އެހެނިހެން އަވަށްތަކަށް އިސްރާއިލުގެ ސިފައިންނާއި ޔަހޫދީ ވަޒަންވެރިން ދެމުން އަންނަ ހަމަލާތައް ހުއްޓުމެއް ނެތި ކުރިއަށް އެބަދެއެވެ.

ފަލަސްތީނުގެ ރައްޔިތުން ގެދޮރުން ނެރެ، ގެތައް އަންދާ، ވެހިކަލްތަކުގައި ހުޅުޖަހައި ބޮޑެތި ގެއްލުންތަކެއް ދެމުން އަންނަތާ މިހާރު މިވަނީ ހަފްތާއެއްހައި ދުވަސްވެފައެވެ. މިހަމަނުޖެހުންތަކުގައި މިހާތަނަށް ފަލަސްތީނުގެ 16 މީހުން ޝަހީދު ކޮށްލާފައިވާއިރު އިޒްރޭލުގެ 4 މީހުން މަރުވެފައިވެއެވެ.

ފަލަސްތީނުގެ މަސްދަރުތަކުން ހާމަކުރާ ގޮތުގައި ހުޅަނގު އައްސޭރީގައި އިޒްރޭލުން ގާއިމްކޮށްފައިބާ ޗެކްޕޮއިންޓެއްގައި އިއްޔެ ބަޑި ޖަހައި ފަލަސްތީނު އުމުރުން އެންމެ 18 އަހަރުގެ ޒުވާނަކު ޝަހީދު ކޮށްލިއެވެ.

ޔަހޫދީ އަސްކަރިއްޔާއިން ބުނެފައި ވަނީ ބަޑިޖަހަން ޖެހުނީ ފަލަސްތީނުގެ ޒުވާނާ ޔަހޫދީ ސިފައިންނަށް ބަޑިން ހަމަލާ ދިނުމުން ކަމަށެވެ. ޔަހޫދީ ސިފައިންގެ މިފަދަ ވާހަކަތަކަކީ އޭގައި ގިނަފަހަރަށް އެއްވެސް އަސްލެއް ނޯންނަ ވާހަކަ ތަކެކެވެ. މިފަދަ އެއްހެއްކަކީ މީގެ ދެހަފްތާއެއްހައި ދުވަސް ކުރިން އުމުރުން 2 އަހަރުގެ ތުއްތު ކުއްޖެއްގެ ބޮލަށް ބަޑި ޖަހައި އެކުއްޖާ ޔަހޫދީ ސިފައިން ޝަހީދު ކޮށްލުމެވެ.

އިޒްރޭލުން ފަލަސްތީނުގެ އަވަށްތަކަށް ދެމުންދާ ގެއްލުންތަކުގައި ބޮޑެތި ގެއްލުންތައް ދެމުން އަންނަނީ ހުޅަނގު އައްސޭރީގެ އިތުރުން އުއްމު ސަފާ އަވަށަށެވެ. މިއަވަށުގެ ގެތަކަށް ގައު އުކުމާއި ގެތަކުގައި ހުޅުޖެހުގެ ޓެރަރިސްޓް އަމަލުތައް ޔަހޫދީން ގެންދަނީ ހިންގަމުންނެވެ.

ޔަހޫދީން، ފަލަސްތީނުގެ ރައްޔިތުންގެ މުދަލާއި ގެދޮރުގައި ހުޅުޖަހަމުން ގެންދާއިރު ދުނިޔޭގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އުފައްދާފައިވާ އދ. އާއި އަރަބި ދުނިޔެއިން މިކަން ކުއްވެރި ކޮށްލުމުގެ ބަދަލުގައި އިތުރު ކަމެއް ކުރާ މަންޒަރެއް ނުފެނެއެވެ.