ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން، އެސްޓީއޯއަކީ ރާއްޖޭގެ އެކި ހިސާބުތަކަށް ކާބޯތަކެތީގެ ތެރެއިން އެންމެ މުހިންމު މައިގަނޑު ބާވަތްތައް ކަމަށްވާ ކާޑުގެ ބާވަތްތައް ފޯރުކޮށްދިނުމުގައި ރައްޔިތުންގެ އިތުބާރު އެންމެބޮޑަށް ލިބިފައިވާ ކުންފުނިކަން ގައިމެވެ. ސަބަބެއް ނެތިއެއް ނޫނެވެ. މިއީ ހަމައެކަނި ބުނެލާ ވާހަކައެއްވެސް ނޫންމެއެވެ. އެސްޓީއޯއިން ފޯރުކޮށްދެމުންދާ ކާޑުގެ ތަފާސްހިސާބަކީ އެނގެން ހާމައަށް ފެންނަން އޮތް އެއްޗެކެވެ. ފާހަގަކޮށް ހާމަކޮށްލަން ބޭނުންވާ އެންމެ ހާއްސަ ކަމަކީ މިއީ ހަމައެކަނި ޖަހާފައިވާ ނަންބަރުތަކެއް ނޫންކަމެވެ.
އަހަރުގެ ކޮންމެ މީލާދީ މަހެއް ނިމުމުން އެސްޓއީއޯއިން އެ މަހެއްގައި ވިއްކި ކާޑުގެ މިންވަރު އެނގޭނެ ތަފާސް ހިސާބު އާއްމު ކުރަމުން ގެންދެއެވެ. އެއް ބަޔަކަށް އެއީ ހަމަ ފެނިލާ ނަމްބަރު ތަކަކަށް ވެދާނެއެވެ. ނަމަވެސް އެއިން ކޮންމެ ނަމްބަރެއްގެ ފަހަތުގައިވަނީ އެތައް ބައެއްގެ ބުރަ މަސައްކަތެވެ. ރެއާދުވާލުގެ ހިންމަތެވެ. ސިކުނޑިއަށް ބާރުލައި ވިސްނައި އަދި ދާއޮހޮރުވައިގެން ކޮށްފައިވާ މަސައްކަތްތަކުގެ ނަތީޖާއެވެ.
ކާޑު ބަސްތާއެއް ރާއްޖެ އެތެރެކުރުމާއި ހަމައިން *ބޯޓުން ބާލައި ކަސްޓަމުން ގުދަނަށް އަދި *ގުދަނުން މާލެތެރޭގެ ފިހާރަތަކާއި އަތޮޅުތަކަށް ފޮނުވުމަށް ބޯޓާ ހަމައަށް ފޮނުވުމާއި *ބޯޓުން ރަށުގެ ފިހާރައާއި ގުދަންތަކަށް ގެންދިއުމާ ހަމައަށް ހިނގަނީ އުފުލުމަށް ކުރެވޭ މަސައްކަތް އެކަންޏެއް ނޫނެވެ. ފަހަތުގައި އިދާރީ އެތައް ކަމެއްވެސް ހިނގައެވެ.
މިހިނގާ 2023 ވަނަ އަހަރުގެ އެންމެ ފަހުން ނިމިގެންމިދިޔަ މެއި މަހު ރާއްޖޭގެ އެކި ހިސާބުތަކަށް ކާޑު ފޮނުވިފައިވާވަރު ބަލާލަމާތޯއެވެ.
މެއި 2023 ގެ އުސްއަލިތައް
- ހަނޑޫ: 40،443 ބަސްތާ
- ހަކުރު: 13،949 ބަސްތާ
- ފުށް: 28،864 ބަސްތާ
އަތޮޅުތެރޭގެ ހުރިހާ ރަށަކުން، މާލެއާ އެއްއަގެއްގައި ހަނޑޫ. ހަކުރު، ފުށް، ލިބޭނޭހެން އިންތިޒާމުކުރެވިފައިވަނީ 2019 ވަނަ އަހަރުގެ އޭޕްރިލް 1 ވަނަ ދުވަހުން ފެށިގެންނެވެ.
މި ބަދަލަށްޓަކައި ކުރަން ޖެހުނު ހޭދައަށް ދައުލަތުގެ ބަޖެޓުން ފައިސާ ހޯދުމުގެ ބަދަލުގައި އެ ހޭދަވެސް ކުރަމުންދަނީ އެސްޓީއޯގެ ހިންގުމުގެ ތެރެއިންނެވެ.
މި ބަދަލު ގެނައުމުގެ ކުރިން މާލޭގައި ހަނޑޫ ބަސްތާއެއް 240 ވިއްކިއިރު އައްޑޫ ސިޓީއިން ހަނޑޫ ބަސްތާއެއް ލިބެނީ 325 ރުފިޔާއަށެވެ.
މިއީ ރައްޔިތުންނަށް ލިބިގެންދިޔަ ކުޑަ ފަސޭހައެއް ނޫނެވެ. މިއީ ބޮޑު ހިތްހަމަޖެހުމަކާއި ލުޔެކެވެ. އެއްދުވަހެއްގައި ކާޑުގެ ބާވަތްތައް އަމިއްލަ ޖީބުން ހަރަދުކޮށް، އަދި ދަތުރުފަތުރުގެ އެތައް ރާސްތާއެއް ކަޑައްތުކޮށް މާލެއަށް އައިސް މާލެއިން އަމިއްލަ ރަށާ ހަމައަށް ގެންދަން ޖެހުނު ތަކުލީފަށް އެވަނީ ނިމުން އައިސްފައެވެ. މިއަދު ޔަގީނުންވެސް ހަނޑޫ ބަސްތާއެއް، ހަކުރުބަސްތާއެއް ނޫނީ ފުށްބަސްތާއެއް ގަތުމަށް ކަނޑު ހުރަސްކޮށް މާލެ އަންނާކަށް ނުޖެހެއެވެ.
އަމިއްލަ ގޭގައި ހުރެފައި ކަންމަތީ ފިހާރައިން ކިލޯކިލޯއިން ކުޑައަގެއްގައި ލިބެން ހުންނައިރު ރަށުގެ ގަނޑުކޮށް ވިއްކާ ފިހާރަތަކުން ބަސްތާ ލިބެން އެބަހުއްޓެވެ. އަދި އެސްޓީއޯގެ ގޮތްޕެއް ހުރިރަށެއްނަމަ ސީދާ އެސްޓީއޯގެ އެފިހާރައަކުން މިހިދުމަތް ލިބޭނެއެވެ.
އެސްޓީއޯއަކީ ރައްޔިތުންގެ ގާތް އެހީތެރިޔާއެވެ. ކާބޯތަކެތީގެހިދުމަތުން ފެށިގެން ގެއާއި ބަދިގެއަށް ބޭނުންވާ ސާމާނުތަކާއި ހަމައިން ނިމުނީއެއް ނޫނެވެ. އިލެކްޓްރޯނިކް ސާމާނުތައްވެސްމެއެވެ. ފާހަގަކޮށްލެވޭ ހާއްސައެއް ކަމަކީ ކުރިމަތިވަމުން އަންނަ ހާއްސަ މުނާސަބާތަކަށްވެސް އެސްޓީއޯ ތައްޔާރުވެއެވެ. ދާދިފަހުން ނިމިގެން ދިޔަ އާބަންކޯ ފުޑް ކާނިވަލުގައިވެސް އެސްޓީއޯވަނީ ބައިވެރިވެފައެވެ. އަދި ހަމައެހެންމެ ކުންފުނީގެ މުވައްޒަފުންނާ މެދުވެސް ބަހައްޓަމުންދާ ސަމާލުކަމާއި ހާއްސަކަން ބޮޑެވެ. ގިނަދުވަސްތަކެއްވަން ދެން ކުންފުންޏަށް ހިދުމަތްކުރުމުގައި ވަފާތެރިވެ، ވަގުތުހޭދަކޮށްފައިވާ ފަރާތްތަކަށް ދޭ ސަމާލުކަން ފާހަގަކުރެވެއެވެ.