މިއަހަރުގެ މިނިވަން ދުވަސް މުޅިރާއްޖޭގައި ކުލަގަދަކޮށް ފާހަގަކުރުމަށް ހިންގާ ހަރަކާތްތަކުގެ ތެރޭގައި ހިމަނައިގެން ފޮޓޯ ނެގުމުގެ މުބާރާތެއް އިއުލާންކޮށް އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ

ހޯމް މިނިސްޓްރީ އާއި ޔުނައިޓެޑް ފޮޓޯގްރާފާސް އެސޯސިއެޝާން ގުޅިގެން ކުރިއަށް ގެންދާ މިމުބާރާތުގެ ތީމަކީ "މިނިވަން އުފާ" އެވެ. މި ތީމަށް ފޮޓޯ ހުށަހެޅޭނެ ދާއިރާތަކުގެ ތެރޭގައި ސަގާފަތާއި އާދަކާދަ އާއި ރާއްޖޭގެ ގުދުރަތީ ރީތިކަމާއި، ކަނޑުއަޑީގެ ރީތިކަމާއި، ގޮނޑުދޮއްތަކާއި، ތާރީޚީ ތަންތަން ވެސް ހިމެނެއެވެ.

އުމުރުން 18 އަހަރު ފުރިފައިވާ ކޮންމެ މީހަކަށް ވެސް މުބާރާތުގައި ބައިވެރިވެވޭނެއެވެ. މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ޖުލައި މަހުގެ 15 ވަނަ ދުވަހުގެ ކުރިން ފޮޓޯ ހުށަހަޅަން ޖެހޭނެއެވެ. އަދި މުބާރާތުގައި ބައިވެރިވާ ކޮންމެ މީހަކު ވެސް ތިން ފޮޓޯ ހުށަހަޅަން ޖެހޭނެއެވެ.

މިމުބާރާތުގެ ފަނޑިޔާރުންގެ ގޮތުގައި ހަރަކާތްތެރިވާނީ ރާއްޖޭގެ ތަޖުރިބާކާރު ފޮޓޯގްރާފަރުންނެވެ. މީގެއިތުރުން މިމުބާރާތުގެ އެއްވަނަ އިނާމަކަށް -/15000 ރުފިޔާ، ދެވަނަ އިނާމަކަށް -/7000 ރުފިޔާ އަދި ތިން ވަނައަށްދާ ފަރާތަކަށް -/3000 ރުފިޔާ ލިބޭނެއެވެ. އަދި މުބާރާތުގެ ދެވަނައަށް ދެފަރާތެއް އަދި ތިންވަނައަށް ތިން ފަރާތެއް ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

މުބާރާތުގައި ބައިވެރިކުރާ ފޮޓޯތަކުގެ އޮންލައިން އެގްޒެބިޝަނެއް ޖުލައި 26 ވަނަ ދުވަހު ޔުނައިޓެޑް ފޮޓޯގްރާފާސް އެސޯސިއެޝަންގެ ވެބްސައިޓުން ފެންނާނެއެވެ. އަދި މުބާރާތުގައި ބައިވެރިކުރާ ފޮޓޯތަކުގެ ތެރެއިން ވަނަތަކަށް ހޮވޭ ފޮޓޯތަކާއި ފާހަގަ ކުރެވޭ އެހެން ފޮޓޯތައް ހިމަނައިގެން ފިޒިކަލް އެގްޒެބިޝަނެއް ބާއްވާނެ ތާރީޚެއް ވެސް ޖުލައި މަހު އިއުލާން ކުރާނެއެވެ.

އަދި މި މުބާރާތާއި ގުޅޭ އިތުރު މައުލޫމާތު ޔުނައިޓެޑް ފޮޓޯގްރާފާސް އެސޯސިއޭޝަންގެ ވެބްސައިޓުން ލިބޭންހުންނާނެއެވެ.