ލަކްޒަމްބަރގް، ޖޫން 26. /ޓާސް/. އީޔޫގެ 27 މެމްބަރު ގައުމުގެ ފޮރިން މިނިސްޓަރުން، ޔޫރަޕިއަން ޕީސް ފެސިލިޓީގެ ދަށުން ޔޫކްރައިނުން ހަތިޔާރު ގަތުމަށް 3.5 ބިލިއަން ޔޫރޯގެ ފައިސާގެ އެހީ ދިނުމަށް އިއްޔެ ރުހުން ދީފިއެވެ.
މިފައިސާ ބޭނުންކޮށްގެން ޔޫކްރައިނަށް ހަތިޔާރު ފޯރުކޮށްދެނީ ބެލްޖިއަމްގެ ބްރަސަލްސް މެދުވެރިކޮށެވެ. އަދި މިފަންޑުން ހަތިޔާރު ގަތުމަށް ޔޫކްރައިނަށް ފައިސާ ދޫކުރާނީ ކޮންމެ 15 ދުވަހަކުންނެވެ. އެކަމަކު މި މާލީ އެހީ ބޭނުންކޮށްގެން އެފް-16 ހަނގުރާމަ މަތީ މަތިންދާބޯޓް ގަނެވިދާނެތޯ އަދިވެސް އޮތީ ޖަވާބެއް ނުލިބު ސުވާލު މާކެއްގެ ތެެރޭގައެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ރަޝިޔާއިން ޔޫކްރައިނަށް އެއްގަމާއި ކަނޑާއި ވައިގެ މަގުން ހަމަލާ ދެމުން އަންނައިރު ރަޝިޔާގެ ހަމަލާތަކަށް އެއްގަމު މަގުން ވަރުގަދަ ރައްދެއް ޔޫކްރައިނުން ދެމުންދިޔަނަމަވެސް، ވައިގެ މަގުން އެންމެ ރައްދެއްވެސް ނުދެވެއެވެ. ރަޝިޔާގެ ވައިގެ ސިފައިން ވަނީ ޔޫކްރައިނުގެ ކަނޑުގެ އަސްކަރީ މަނަވަރުތައް އެއްކޮށް ހަލާކު ކޮށްލާފައެވެ.
ޔޫކްރައިނުގެ ރައީސް ޒެލެންސްކީ ވިދާޅުވެފައި ވަނީ ރަޝިޔާއާ ދެކޮޅަށް ހަނގުރާމަ ކުރުމަށް މިވަގުތު ޔޫކްރައިނަށް އެންމެ މުހިއްމީ އެފް-16 ހަނގުރާމަ މަތީ މަތިންދާ ބޯޓް ކަމަށެވެ. އެމެރިކާގެ އުފެއްދުމެެއް ކަމަށްވާ އެފް-16 މަތިންދާ ބޯޓް، ޔޫކްރައިނަށް ވިއްކުމުގެ ހުއްދަ އެމެރިކާއިން ވަނީ ޔޫރަޕުގެ ގައުމުތަކަށް ދީފައެވެ. އެމެރިކާގެ ގާނޫނު ބުނާ ގޮތުން އެމެރިކާއިން އެހެން ގައުމަކަށް ވިއްކާފައިވާ ހަތިޔާރެއް، އެގައުމުން އެހެން ގައުމަކަށް ވިއްކުމުގެ ކުރިން އެމެރިކާގެ ހުއްދަ ހޯދަން ޖެހެއެވެ.