ދިވެހި ހައްޖުވެރިން ހައްޖުގެ އަޅުކަން އަދާކުރަން މިނާއަށް ދަތުރު ފަށާފައިވާ ކަމަށް ހައްޖު ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.

އެ ކޯޕަރޭޝަނުން އިތުރަށް ވިދާޅުވީ ޙައްޖުވެރިން މިނާއަށް ދަތުރު ފަށާފައިވާއިރު ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ ހުރިހާ ހައްޖުވެރިންގެ ހާލުވެސް ރަނގަޅުކަމަށެވެ.

މީގެ އިތުރުން، ސަޢުދީގެ މިނިސްޓްރީ އޮފް އިންޓީރިއާ އަދި ހައްޖުގެ ކަންކަމާއި ގުޅޭ ލީޑަރުން ވިދާޅުވެފައިވަނީ ހައްޖުވެރިންނަށް ދޭން ޖެހޭ ހިދުމަތްތައް އެންމެ ފުރިހަމަ އަށް ދިނުމަށް ތައްޔާރުވެފައިވާ ކަމަށެވެ.

އެގޮތުން ހައްޖު މޫސުމުގައި ކުށްތަކަށް އަރައިގަންނަ މީހުންނަށް، އެ މަގުތައް ބަންދުކުރުމަށް ކުރީ ބައިގައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި އެކަންކަމުގެ ތައްޔާރީތައް ވެސް ވެފައިވާ ކަމަށް ވަނީ ވިދާޅުވެފައެެވެ.

ބައެއް އަރަބް ނިއުސްތަކުން ބުނެފައިވާގޮތުގައި މިއަހަރުގެ ހައްޖު މޫސުމުގައި ދެ މިލިއަން މީހުން ހައްޖުވާނެއެވެ.

ރާއްޖެއިން މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް ސައުދި އަރަބިއްޔާ އިން ދީފައިވަނީ 1000 ކޯޓާއެވެ. މީގެތެރެއިން ހައްޖަށް ގެންދިޔުމުގެ ހުއްދަ ދޫކޮށްފައިވާ ތިން ކުންފުނިން ކޮންމެ ކުންފުންޏަކަށް ދީފައިވަނީ 90 ފުރުސަތެވެ. ދެންހުރި ފުރުސަތުތައް ދިނީ ހައްޖު ކޯޕަރޭޝަނަށެވެ.

ދިވެހި ސަރުކާރުގެ ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ހައްޖު ދުވަހަކީ މާދަމާއެވެ