ގެދޮރުވެރިޔާ އާއި ބިންވެރިޔާ މަޝްރޫއުގެ ދަށުން ގޯތި ލިބޭ މީހުންގެ ލިސްޓް އާންމު ކުރުމަށް ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ބިންވެރިޔާ ޕްރޮގްރާމް"ގެ ދަށުން ގޯއްޗަށް އެދުނު މީހުންގެ ތެރެއިން ގޯއްޗަށް ޝަރުތު ހަމަވާ އެންމެންނަށްވެސް ގޯތި ލިބޭނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މި މަޝްރޫއުގެ ދަށުން ގޯއްޗަށް އެދުނު މީހުންގެ ތެރެއިން 10،314 މީހުންނަކީ ޝަރުތުހަމަވެ، ގޯތި ލިބޭނޭ މީހުންކަމަށްވާއިރު، މިއަދު މި އިއުލާން ކުރަނީ ވަގުތީ ލިސްޓެވެ. އެއީ ސިންގަލް އެޕްލިކަންޓާއި ޖޮއިންޓް އެޕްލިކޭޝަންތައް ހިމެނޭހެން ޖުމުލަ 15،164 ފޯމު (23،801 މީހުން) ކަމަށް މިއަދުގެ ބައްދަލުވުމުގައި ހާމަކޮށްފައިވެއެވެ. އޭގެ ތެރެއިން ޝަރުތު ހަމަވީ 12،794 ފޯމް (19،857 މީހުން) ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ޝަރުތު ހަމަވާ އެންމެނަށް ގޯތިދިނުމަކީ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ނިންމެވުމެއް ކަމަށްވި ނަމަވެސް ފުރަތަމަ ބުރުގައި ދޫކުރާނީ 5،000 ގޯތި ކަމަށް މިއަދު މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ފުރަތަމަ ބުރުގައި ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓު މިއަދު ގެޒެޓު ކުރައްވާނެ ކަމަށާއި އެއީ 10،314 މީހުންނަށް ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ. ދެވަނަ ބުރުގައި ދޫކުރާ ގޯއްޗަށް 9،544 ފަރާތެެއް ޝަރުތު ހަމަވާ ކަމަށާއި އެފަރާތްތަކަށް ދީފައިވާ ފުރުސަތުތަކާއެކު ޖޮއިންޓް ވުމަށް އެދެވޭނެ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ. ސަބަބަކީ ވަކިވަކި ފަރާތްތަކަށް ދޭ ގޯތީގެ ބޮޑުމިނަކީ 1،250 އަކަފޫޓު ކަމަށްވާއިރު ޖޮއިންޓް އެޕްލިކޭޝަނެއް ނަމަ، އިތުރުވާ ކޮންމެ މީހަކަށް 400 އަކަފޫޓު އިތުރުވެގެންދާނެކަމަށެވެ. އެހެންކަމުން ވީހާވެސް ގިނަ ފަރާތްތަކަށް ގޯތި ދެވޭނެ މަގު ފަހިވާނީ މިއުސޫލުގެ ދަށުންކަމަށްވެއެވެ.

ކުރިއަށް ޖުލައި މަހުގެ 15ވަނަ ދުވަހާ ހަމައަށް އެއްވެސް ޝަކުވާއެއް އޮތްނަމަ ހުށަހަޅަން އަންގާފައިވާއިރު، ބަލަން ޖެހޭ އެންމެހައި ކަންތައް ބެލުމަށްފަހު ގޯތިލިބޭ ފައިނަލް ލިސްޓެއް އިއުލާން ކުރެވި ހުރިހާ ކަމެއް ނިމިގެން ދިއުމަށް ނަގާނީ ދެތިން މަދު ހަފުތާއެއް ކަމަށްވެސް އަސްލަމް ވަނީ ވިދާޅުވެފައެވެ.

މިބައްދަލުވުމުގައި މިނިސްޓަރ އަސްލަމް ތަކުރާރުކޮށްވިދާޅުވި އެއްވާހަކައަކީ މާލޭގެ ރައްޔިތުންނަށް ބަންޑާރަގޯތިން ބިންދޫނުކުރާތާ އެތައް އެތައް ޒަމާނެއްވެފައިވާއިރު، މާލޭ ރައްޔިތުންނަށް ލިބިފައިވާ ގޯތިތައް ބައިބައިކޮށް، ކަފިކަފިކޮށް، ފޮތިކޮށް، އިންސާނުން ދިރިއުޅެވޭވަރަށް ވުރެވެސް ޖާގަ ހަނިވެ ހުސްވެފައިވާއިރު، ނޭވާލެވޭނެ ގޮތެއް ހެދުމަށް ކުރެވޭ މިމަސައްކަތަކީ، މިކަން ނުކޮށް އެއްވެސް ވަރަކަށް ބިމުގެ ކަންތައް ހަމައަކަށް އެޅުވޭނެ މަގެއް ނުފެންނާނެކަމެއްކަމަށެވެ.