ވ.ކެޔޮދޫ ޒުވާނުންގެ ޖަމިއްޔާއިން ބާއްވާ ކޭ.ޒެޑް.ޖޭ ކަޕް 2023 ގައި އިއްޔެ ކުޅެވުނު މެޗްތައް ކާމިޔާބުކޮށް ސެމީ ފައިނަލްގެ ފުރަތަމަ ދެ ޖާގަ ސްޓެލްކޯ ކްލަބް ކެޔޮދޫ އާއި ސޮލައިދޫ ސްޕޯޓްސް ކްލަބް މިހާރު ވަނީ ހޯދާފައެވެ.

މި ދެ ޓީމް ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރު ކުރިއިރު މި ގްރޫޕްގައި އެންމެ އަވަހަށް ދެން އޮންނާނީ މި ދެ ޓީމް ވާދަކުރާ މެޗެވެ. މި ދެ ޓީމް ވަނީ މިހާތަނަށް އެ ދެ ޓީމް ކުޅުނު މެޗްތައް ކާމިޔާބުކޮށް 6 ޕޮއިންޓް ހޯދާފައެވެ. ސްޓެލްކޯ ޓީމް މިހާތަނަށް ކުޅުނު 2 މެޗުން 5 ލަނޑު ކާމިޔާބު ކޮށްފައިވާއިރު ސޮލައިދޫ ޓީމް ވަނީ މިހާތަނަށް ކުޅުނު 2 މެޗުން 10 ލަނޑު ކާމިޔާބުކޮށްފައެވެ. މި ދެ ޓީމް ނިޞްބަތްވާ ގްރޫޕް އޭ ގެ އެއްވަނަ އަދި ދެވަނަ ކަނޑައެޅޭނީ މިއަދު ހަވީރު މި ދެ ޓީމް ކުޅޭ މެޗް ނިމުމުންނެވެ.

ސްޓެލްކޯ އާއި ސޮލައިދޫ އާއެކު ސެމީ ފައިނަލްގައި ކުޅޭނެ އަނެއް ދެ ޓީމް ކަނޑައެޅޭނެކަމަށް ބެލެވެނީ ޢީދު ދުވަހު (މާދަމާ) ހަވީރު ކުޅޭ ހޮސްކޮވޯ އަދި އެން.ޖީ ސްޕޯރޓްސްގެ މެޗް ނިމުމުންނެވެ. މި ގްރޫޕްގެ ފުރަތަމަ މެޗް ގައި އިއްޔެ ހެނދުނު ގޭދޮށު ފުޓްބޯޅަ ކްލަބް އާއި ސްޕޯރޓްސް ކްލަބް ހޮސްކޮވޯ ކުޅުނު މެޗް 1-1 އިން އެއްވަރުވުމުން މި ގުރޫޕްގެ ފޯރި މިވަނީ ގަދަވެފައެވެ. އެހެންކަމުން މި ގްރޫޕްގެ ބާކީ އޮތް ދެ މެޗަކީވެސް ވަރަށް ފޯރިގަދަ އަދި މުހިއްމު 2 މެޗްކަމުގައި މިވަނީ ވެފައެވެ.

މި މުބާރާތުގެ ސެމީފައިނަލް މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ 29 ޖޫން ވާ ބުރާސްފަތި ދުވަހުގެ ހެނދުނާއި ހަވީރުއެވެ. ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ 30 ޖޫން ވާ ހުކުރުދުވަހު ހަވީރުއެވެ.

މި މުބާރާތުގެ މީޑިއާ ޕާރޓްނަރ އަކީ ހަލިނިއުސް އެވެ. ހަލިނިއުސް މެދުވެރިކޮށް މުބާރާތުގެ އެންމެ ފަހުގެ މައުލޫމާތު ގެނެސްދެވޭނެއެވެ. މި މުބަރާތުގެ ސްޕޮންސަރުންނަކީ: ނަކާއި ރިޒޯޓްސް، ސްޓެލްކޯ، ހުޅުމާލެ ސޯމިލްސް، އާބަންކޯ، އެލިއާ އިންވެސްޓްމަންޓްސް، މަޑިހާ ކޮމްޕެނީ، އެމް.ޑަބްލިއު.އެސް.ސީ، އެފް.އެސް.އެމް، ވައިޓް މާކަނާ ލޮޖް، ޖުޕިޓަރ ސަންރައިޒް ލޮޖް އަދި ކެފޭ ތާސީރެވެ.