ނިމިދިިޔަ ސީޒަނުގައި ބްރައިޓަނުން ވިދާލި އިކްއެޑޯރުގެ ޒުވާން މިޑްފީލްޑަރު މޮއިސެސް ކައިސޭޑޯ، ޗެލްސީއަށް ބަދަލުވުމަށް އެއްބަސްވެއްޖެ ކަމަށް އިނގިރޭސި މީޑިޔާ ރިޕޯޓުތައް ބުނެފިއެވެ.

ކައިސޭޑޯ،21، ވިއްކުމަށް ބްރައިޓަނުން ކިޔަނީ 100 މިލިޔަން ޕައުންޑެވެ. މީޑިޔާ ރިޕޯޓުތައް ބުނާ ގޮތުން ޗެލްސީން މަސައްކަތް ކުރަމުން ދަނީ 100 މިލިޔަން ޕައުންޑް ދިނުމުގެ ބަދަލުގައި ކޮލްވިލް އާއި ގަލަހާ އަދި ބްރޯޖާ މިޑީލްގެ ދަށުން ބްރައިޓަނަށް ދޫކޮށްލުމަށްފަހު ކުޑަ އަގެއްގައި ކައިސޭޑޯ ގެނައުމަށެވެ.

މިދިޔަ ސީޒަނުގައި ބްރައިޓަނުން ޔުރޮޕާ ލީގުގެ ޖާގައެއް ކަށަވަރު ކުރިއިރު، ޓީމުގެ މެދުތެރޭގައި އާޖެންޓީނާގެ ވަރލްޑް ކަޕް ތަރި މެކް އެލިސްޓާއަށްފަހު އެންމެ މުހިއްމު ދައުރެއް އަދާކުރީ ކައިސޭޑޯއެވެ. ބްރައިޓަންގެ ސީޒަނުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް އެކްލަބުގެ ސަޕޯޓަރުންގެ މެދުގައި ނެގި ވޯޓުގެ ދެވަނަ ހޯދީވެސް ކެއިސޭޑޯއެވެ. އެއްވަނަ ހޯދީ، މިހާރު ލިވަޕޫލަށް ބަދަލުވެފައިވާ މެކް އެލިސްޓާއެވެ.

ކެއިސޭޑޯ ގަތުމަށް ޗެލްސީގެ އިތުރުން މެންޗެސްޓަރ ޔުނައިޓެޑުންވެސް މަސައްކަތް ކުރިއެވެ.