އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން މައިނޯރިޓީ މުސްލިމުންގެ ހައްގުތައް ހިމާޔަތް ކުރަން ޖެހޭ ކަމަށް ވިދާޅުވެ އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ދެއްކެވި ވާހަކަތަކީ ރަނގަޅު ނިޔަތެއް އޮވެގެން ދެއްކެވި ވާހަކަފުޅުތަކެއް ނޫން ކަމަށް ވިދާޅުވެ، އޮބާމާއަކީ މުނާފިޤެއް ކަމަށް އިންޑިޔާގެ ފިނޭންސް މިނިސްޓަރ ނިރްމަލާ ސިތަރަމަން ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.
މިދިޔަ ހަފްތާގައި އެމެރިކާއަށް މޯދީ ކުރެއްވި ރަސްމީ ދަތުރުފުޅާއިި ގުޅިގެން އޮބާމާ ސީއެންއެން އަށް ވިދާޅުވީ "މެޖޯރިޓީ ހިންދޫން އިންޑިއާގެ މުސްލިމް މައިނޯރިޓީ ހިމާޔަތް ކުރުން" މައުޟޫއަށް ރައީސް ބައިޑެން، ބޮޑުވަޒީރު މޯދީއާ މަޝްވަރާ ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.
ނިރްމަލާ ވިދާޅުވީ ދެގައުމުގެ ގުޅުން ވަރުގަދަ ކުރެއްވުމުގެ އަމާޒުގައި މޯދީ އެމެރިކާއަށް ވަޑައިގަތުމުން އޮބާމާ އެފަދަ ވާހަކަފުޅު ދެއްކެވުމުން ސިއްސައިގެން ދިޔަ ކަމަށެވެ.
"އެމަނިކުފާނު ކޮމެންޓް ކުރައްވަމުން ގެންދެވީ އިންޑިއާގެ މުސްލިމުންގެ ހާލަތަށް. ރަނގަޅަށް ބައްލަވާލައްވާ، ސީރިއާ އިން ފެށިގެން ޔަމަނާއި އެނޫންވެސް މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ގައުމުތަކަށް އޭނާ (އޮބާމާ) ގެ ރިޔާސީ ދައުރުގައި ވަނީ އެތަކެއް ބޮމެއް އަޅާފައި" އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސިތަރަމަން ވިދާޅުވި އެވެ.
“އެފަދަ މީހުންގެ އެއްވެސް ތުހުމަތެއް އެއްވެސް މީހަކު އަޑުއަހާނީ ކީއްވެ؟" ހިތްހަމަ ޖެހިވަޑައި ނުގެން ހުންނަވައި ނިރްމަލާ ވިދާޅުވިއެވެ.