ގިނަ ބައެއްގެ ކަންބޮޑުވުންތަކެއް މިވަގުތަށް ގައުމީ ޓީމާ ދޭތެރޭ ހުރި ކަމަށް ގަބޫލުކުރައްވާތީވެ، އެކަންބޮޑުވުންތަކާ ގުޅޭގޮތުން، ސުވާލުތަކަށް ޖަވާބުދެއްވުމަށް މީޑިއާއާ ބައްދަލުކުރައްވާނެ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި ބޫޓާން ކައިރިން 2-0 އިން ވަނީ މޮޅުވެފައެވެ. އެހެންނަމަވެސް، އެންމެފަހުން ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުގައި 3-1 އިން ރާއްޖެ ވަނީ ބަލިވެފައެވެ. އަދި ދެން ސެމީ ފައިނަލަށް އޮތް ފުރުސަތު މިވަނީ ކުޑަވެފައެވެ.

ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗު، ފްރެންޗެސްކޯ މޮރިއޭރޯ، ބަންގްލަދޭޝް މެޗަށްފަހު ނޫސްވެރިންނަށް ބަޔާނެއް ދީ ނޫސްވެރިންގެ ބައްދަލުވުންވަނީ ދޫކޮށްލާފައެވެ. އެހެންކަމުން އެފްއޭއެމުން ކޯޗާމެދު ފިޔަވަޅު އެޅުމަށް މަޝަވްރާތަކެއް ދަނީ ކުރަމުންނެވެ.

މާދަމާ ލުބުނާނު މެޗަށް ފަހުގައި، ކޯޗުގެ ކަންކަން ބަލާނެ ކަމަށް އެފްއޭއެމުން ވަނީ ބުނެފައެވެ. ކަންތައް މިހެން އޮތްއިރު، އެފްއޭއެމަށް މީޑިއާގެ ޕްރެޝަރު އޮތީ ބޮޑުވެފައެވެ. މިހެންވުމުގެ ސަބަބުން، ނޫސްވެރިންގެ ގިނަ ސުވާލުތަކެއް އެފްއޭއެމަށް ކުރިމަތިވެފައި ވާތީވެ، މިއަދު މީޑިއާއަށް ހާއްސަ މެސެޖެއް ދެއްވަމުން ބައްސާމް ވިދާޅުވީ މުބާރާތަށްފަހު ޖުލައި މަހުގެ 15 ވަނަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށާއި މާޔޫސްވެފައިވާ ކަންތައްތަކަށް ޖަވާބު ދެއްވާނެ ކަމަށެވެ.

އަދިވެސް އިތުރަށް ބައްސާމް ވިދާޅުވީ ގައުމީ ޓީމުގެ ކުޅުމާއި، ސާފް ޗެމްޕިއަންޝިޕްގެ ނަތީޖާތަކަށް ކަންބޮޑުވުންތަކެއް ހުރެދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އެއީ ގޯހެއްވެސް ނޫން ކަމަށެވެ. މިވަގުތު ގައުމީ ޓީމަށް ހެޔޮ އެދި ދުއާކޮށްދޭން އެދޭ ކަމަށްވެސް ބައްސާމް ވަނީ ވިދާޅުވެފައެވެ. ބައްސާމް ވަނީ ގައުމީ ޓީމަށް ނޫސްވެރިން ދޭ އެއްބާރުލުމަށްވެސް ޝުކުރު އަދާކުރައްވާފައެވެ.