މިއަހަރު އަޟްހާ އީދު ފާހަގަކުރުމުގެ ގޮތުން ސިފައިން އައްޑޫސިޓީ އަާއި ފުވައްމުލަކު ސިޓީގައި ޕެރޭޑެއް ބާއްވަން ދިވެހި ސިފައިން ނިންމައިފިއެވެ. އެމްއެންޑީއެފްއިން ބުނީ ފުރަތަމަ ޕެރޭޑު ފަށާނީ މާދަން ހަވީރު ހަތަރެއް ޖަހާއިރު އައްޑޫސިޓީ ހިތަދޫ ސްކޫލު ކުރިމަތިންނެވެ. އަދި ނިންމަން ހަމަޖެހިފައިވަނީ އެރަށު "ސަރުސަނާ 3" ފިހާރަ ކައިރިއަށެވެ.

ދެވަނަ ޕެރޭޑު ބާއްވަން ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހު މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގައެވެ. މި ޕެރޭޑު ފަށަންވެސް ހަމަޖެހިފައިވަނީ ހަމަ ހަތަރެއް ޖަހާއިރުއެވެ. މަރަދޫ މުދިންގޭ މަގާ ބޮޑުމަގު ގުޅޭ ކަންމަތިން ފެށުމަށް ހަމަޖައްސާފައިވާ ފެރޭޑް ހުއްޓުމަށް ހަމަޖައްސާފައިވަނީ ފޭދޫ ޓާފް ދަނޑު ކުރިމައްޗަށެވެ. އަދި އައްޑޫގައި ބާއްވާ އެންމެ ފަހުގެ ޕެރޭޑު ބާއްވަން ހަމަޖެހިފައިވަނީ ހުކުރު ދުވަހު ހުޅުދޫ-މީދޫގައެވެ. މި ޕެރޭޑު ފަށަން ހަމަޖެހިފައިވަނީ އެދުވަހު ހަވީރު 4:00 ހާއިރު ހުޅުދޫ އޮފީސް މަގާއި ބޮޑުމަގު ގުޅޭ ކަންމަތިންނެވެ. ފެރޭޑް ހުއްޓުމަށް ހަމަޖައްސާފައިވަނީ ކޯގަންނު ގަބުރުސްތާނު ކުރިމައްޗަށެވެ.

ފުވައްމުލައް ސިޓީގައި ޕެރޭޑް އޮންނާނީ އަންނަ މަހުގެ އެއްވަނަ ދުވަހުގެ ހަވީރު 4:00 ގައެވެ. އެމްއެންޑީއެފްއިން ބުނީ އައްޑޫއާއި ފުވައްމުލަކުގައި ބާއްވާ ޕެރޭޑުގައި ދިވެހި އަސްކަރިއްޔާގެ ސިފައިންގެ އިތުރުން އައްޑޫ ސިޓީ ސްކޫލުތަކުގެ ކޭޑޭޓުންވެސް ބައިވެރިވާނެއެވެ. އަދި ފުވައްމުލަކުގައި ކުރިއަށް ގެންދާ ޕެރޭޑުގައި އެ ސިޓީގެ ސްކޫލުތަކުގެ ކެޑޭޓުން ވެސް ބައިވެރިވާ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.މީގެއިތުރުން ބުނީ އެ ދެ ސިޓީގައި ޕެރޭޑް ކުރިއަށްދާ ވަގުތުތަކުގައި އެމްއެންޑީއެފް އާޓްސް އެންޑް ސެރެމޯނިއަލް ސާވިސްގެ މިލިޓަރީ ބޭންޑުގައި ރާގު ކުޅޭނެ ކަމަށެވެ.