ވ.ކެޔޮދޫ ޒުވާނުންގެ ޖަމިއްޔާއިން ބާއްވާ ކޭ.ޒެޑް.ޖޭ ކަޕް 2023 ގައި މިއަދު ހަވީރު ކުޅެވުނު ފުރަތަމަ މެޗް ބޮޑު ތަފާތަކުން އެން.ޖީ ސްޕޯރޓްސް ކާމިޔާބުކޮށްފިއެވެ.

އެން.ޖީ އާއި ގޭދޮށު ޓީމް ވާދަކުރި މިމެޗް އެން.ޖީ އިން ކާމިޔާބުކުރީ 7-2 ގެ ބޮޑު ތަފާތަކުންނެވެ. މިއީ މި މުބާރާތުގައި އެން.ޖީ ސްޕޯރޓްސް ކުޅުނު ފުރަތަމަ މެޗެވެ. މި މެޗްގައި އެން.ޖީ ގެ ދެ ކުޅުންތެރިޔަކު ވަނީ 3 ލަނޑު ހަމަކޮށް ހެޓްރިކް ހަދާފައެވެ. އެއީ މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދި ފުއާދު އާއި އަޙްމަދު ރަޝީދުއެވެ. އަނެއް ލަނޑު ކާމިޔާބުކުރީ އަރީންއެވެ. މި މެޗާއެކު ގްރޫޕް ސްޓޭޖްގެ މެޗްތައް ގޭދޮށު ޓީމް ނިންމާލީ 1 ޕޮއިންޓާ އެކުގައެވެ. މި ގުރޫޕުން ސެމީއަށް ދާނެ ޓީމްތައް ކަނޑައެޅޭނީ މާދަމާ ހަވީރު އެން.ޖީ އާއި ހޮސްކޮވޯ ވާދަކުރާ މެޗުގެ ނަތީޖާ ނުކުންނަގޮތަކުންނެވެ.

މިއަދު ކުޅެވުނު ދެވަނަ މެޗްގައި ވާދަކުރީ މިހާރުވެސް ސެމީއަށް ގޮސްފައިވާ ދެޓީމް ކަމަށްވާ ސްޓެލްކޯ އާއި ސޮލައިދޫ އެވެ. މި މެޗް 1-2 އިން ކާމިޔާބުކުރީ ސްޓެލްކޯ ޓީމެވެ. ސޮލައިދޫގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ ރައްޔާނެވެ. ސްޓެލްކޯ ގެ ލަނޑުތައް ކާމިޔާބުކުރީ އަމްހަދު އާއި މެޗްގެ މޮޅުކުޅުންތެރިޔާގެ މަޤާމް ހޯދި ޝަފާޒުއެވެ.

މާދަމާ ކުޅެވޭ ފުރަތަމަ މެޗްގައި ވާދަކުރާނީ ކްލަބް ބްރޯކާސް އާއި ކަންމަތި ސްޕޯރޓްސް ކްލަބެވެ. ދެވަނަ މެޗްގައި ވާދަކުރާނީ ސްޕޯރޓްސް ކްލަބް ހޮސްކޮވޯ އާއި އެން.ޖީ ސްޕޯރޓްސް އެވެ.

މި މުބާރާތުގެ މީޑިއާ ޕާރޓްނަރ އަކީ ހަލިނިއުސް އެވެ. ހަލިނިއުސް މެދުވެރިކޮށް މުބާރާތުގެ އެންމެ ފަހުގެ މައުލޫމާތު ގެނެސްދެވޭނެއެވެ. މި މުބަރާތުގެ ސްޕޮންސަރުންނަކީ: ނަކާއި ރިޒޯޓްސް، ސްޓެލްކޯ، ހުޅުމާލެ ސޯމިލްސް، އާބަންކޯ، އެލިއާ އިންވެސްޓްމަންޓްސް، މަޑިހާ ކޮމްޕެނީ، އެމް.ޑަބްލިއު.އެސް.ސީ، އެފް.އެސް.އެމް، ވައިޓް މާކަނާ ލޮޖް، ޖުޕިޓަރ ސަންރައިޒް ލޮޖް އަދި ކެފޭ ތާސީރެވެ.