ސާފް ޗެމްޕިއަންޝިޕުގެ ސެމީފައިނަލުން ޖާގަ ހޯދުމަށްޓަކައި ވަރުގަދަ ލުބްނާނު އަތުން މޮޅުވުން މަޖުބޫރު މެޗަކަށް މިއަދު 15:00 ގައި ބެންގަލޫރުގެ ސްރީ ކަންޓީރަވާ ސްޓޭޑިއަމްގައި ރާއްޖެއިން ނިކުންނާނެއެވެ.

މުބާރާތުގައި އެންމެ ވަރުގަދަކޮށް ފެންނަ 3 ގައުމުގެ ތެރޭގައި ހިމެނޭ ލުބްނާނުން ވަނީ ގްރޫޕް ސްޓޭޖް ފުރަތަމަ މެޗުގައި ބަންގްލަދޭޝް އަތުން 2-0 އިން އަދި ދެވަނަ މެޗުގައި ބޫޓާނު އަތުން 4-1 އިން މޮޅުވެފައެވެ. ދެމެޗުން ލިބުނު 6 ޕޮއިންޓާއި ފައިދާ 5 ލަނޑާއެކު ލުބްނާނު އޮތީ ސެމީފައިނަލާ ފިޔަވަޅެއް ކައިރީގައެވެ. ސެމީފައިނަލަށް ނުގޮސް ލުބުނާން ކަޓާނީ ރާއްޖެ އަތުން ބޮޑު ތަފާތަކުން ބަލިވެ، ބޫޓާން އަތުން ބަންގްލަދޭޝް 5 ލަނޑުގެ ތަފާތަކުން މޮޅުވެއްޖެނަމައެވެ. އެނޫން ކޮންމެ ހާލަތެއްގައި ލުބްނާނަށް ސެމީގެ ޖާގަ ކަށަވަރު ވާނެއެވެ.

ރާއްޖެއަށް ބަލާއިރު، ފުރަތަމަ މެޗުގައި އުނދަގުލުން ބޫޓާން އަތުން 2-0 އިން މޮޅުވެ ހޯދި 3 ޕޮއިންޓާއެކު، ބަންގްލަދޭޝްއާ ދެކޮޅަށް ނިކުމެ 3-1 އިން ރާއްޖެ ބަލިވީއެވެ. ދެމެޗުގައި ބޫޓާނާ ދެކޮޅަށާއި ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖޭގެ ފަރާތުން ފެނުނީ ފަހުގެ ތާރިހެއްގައި ނުފެންނަފަދަ ދަށް ކުޅުމެކެވެ.

ރާއްޖެ އާއި ލުބްނާނު މިހާތަނަށް 3 ފަހަރު ބައްދަލު ކޮށްފައިވާއިރު، މި ތިން މެޗުންވެސް މޮޅުވީ ލުބްނާނެވެ. ފުރަތަމަ ދެކުރިމަތިލުން ލުބްނާނުން ކާމިޔާބު ކުރީ 4-0 އިންނެވެ. ތިންވަނަ ކުރިމަތިލުން ލުބްނާނުން ކާމިޔާބު ކުރީ 2-1 އިންނެވެ.

1997 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ސާފް ޗެމްޕިއަންޝިޕުގެ ތާރިހަށް ބަލާއިރު ރާއްޖެއިން ވަނީ މުބާރާތުގެ ސެމީފައިނަލުގައި، ވާދަކުރި ކޮންމެ ފަހަރަކު ކުޅެފައެވެ.