އިންޑިޔާގެ ބެންގަލޫރުގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް "ބީ" ގެ ފަހު މެޗުގައި މިރޭ ބޫޓާން އަތުން 3-1 އިން ބަންގްލަދޭޝް މޮޅުވުމުން، ގްރޫޕް ސްޓޭޖުން ރާއްޖެ ކަޓައިފިއެވެ.
މިއީ 1997 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ސާފް ޗެމްޕިއަންޝިޕް (ދެކުނު އޭޝިޔާގެ ސަރަހައްދީ ފުޓްބޯޅަ މުބާރާތް) ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުން ރާއްޖެ ކެޓި ފުރަތަމަ ފަހަރެވެ. އަދި މިއީ 18 އަހަރު ތެރޭގައި ބަންގްލަދޭޝްއަށް ސާފް ޗެމްޕިއަންޝިޕުގެ ސެމީފައިނަލުން ޖާގަ ލިބުނު ފުރަތަމަ ފަހަރެވެ.
ގްރޫޕް ސްޓޭޖުގައި ރާއްޖެއިން މިފަހަރު ކުޅުނު 3 މެޗުގެ ތެރެއިން މޮޅުވީ ހަމައެކަނި ބޫޓާން އަތުންނެވެ. މިއަދު ހަވީރު ލުބްނާން އަތުން 1-0 އިން ރާއްޖެ ބަލިވިއިރު މީގެ ދެދުވަސް ކުރިން ބަންގްލަދޭޝް އަތުން ބަލިވީ 3-1 އިންނެވެ. ބަންގްލަދޭޝް އަތުންވީ ބައްޔަކީ މިދިޔަ 20 އަހަރު ތެރޭގައި ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވި ފުރަތަމަ ފަހަރެވެ.
ސެމީފައިނަލުގައި ބަންގްލަދޭޝް ބައްދަލު ކުރަން ޖެހެނީ ގްރޫޕް "އޭ" ގެ އެއްވަނަ ހޯދި ކުވައިތާއެވެ. އެންމެފަހުގެ ޗެމްޕިއަން އިންޑިޔާ ނިކުންނާނީ ރާއްޖެ ހިމެނުނު ގްރޫޕުގެ އެއްވަނަ ހޯދި ލުބުނާނާ ދެކޮޅަށެވެ.
ރާއްޖޭގެ ގައުމީ ޓީމުން ނެރެމުން އަންނަ ދަށް ނަތީޖާތަކުގެ ސަބަބުން ގައުމީ ޓީމުގެ ކޯޗް އިޓަލީގެ މޮރިއޭރޯ އާއި ކޯޗިންގ ސްޓާފުންނަށް އަދި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ރައްޔިތުން ދަނީ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އަދި ރާއްޖޭގެ ފުޓްބޯޅައިގެ މުސްތަގުބަލު ސަލާމަތް ކުރުމަށްޓަކައި ހެޔޮ ބަދަލުތަކެއް އެފްއޭއެމްއަށް ގެންނަން ޖެހޭ ކަމަށް ފުޓްބޯޅައިގެ ތަޖުރިބާކާރުން ގެންދަނީ ވިދާޅު ވަމުންނެވެ.