އައްޑޫ ސިޓީ ހިތަދޫގައި މިއަހަރުގެ އަޟްހާ އީދު ފާހަގަކުރުމުގެ ގޮތުން އެމްއެންޑީއެފްއިން ޕެރޭޑެއް ބާއްވައިފިއެވެ.

މި ޕެރޭޑު ފަށާފައިވަނީ އިއްޔެ ހަވީރު ހަތަރެއް ޖެހިއިރު ހިތަދޫ ސުކޫލު ކައިރިންނެވެ. އަދި ނިންމައިފައިވަނީ އެރަށު "ސަރުސަނާ 3" ފިހާރަ ކުރިމައްޗަށެވެ.

މިއަދުވެސް އެ ސީޓީގެ ބައެއް ރަށްރަށުގައި ޕެެރޭޑް ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ. އެއީ މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގައެވެ. އެގޮތުން މިއަދު ހަވީރު 16:00 ހާއިރު މަރަދޫ މުދިންގޭ މަގާ ބޮޑުމަގު ގުޅޭ ކަންމަތިން ފެށުމަށް ހަމަޖެހިފައިވާ ފެރޭޑް ހުއްޓުމަށް ހަމަޖެހިފައިވަނީ ފޭދޫ ޓާފް ދަނޑު ކުރިމައްޗަށެވެ.

އަދި ތިންވަނަ ޕެރޭޑު ބާއްވަން ހަމަޖެހިފައިވަނީ މާދަން ހުޅުދޫ-މީދޫގައެވެ. އެ ދުވަހުގެ ހަވީރު 16:00 ހާއިރު ހުޅުދޫ އޮފީސް މަގާއި ބޮޑުމަގު ގުޅޭ ކަންމަތިން ފެށުމަށް ހަމަޖެހިފައިވާ ފެރޭޑް ހުއްޓުމަށް ހަމަޖެހިފައިވަނީ ކޯގަންނު ގަބުރުސްތާނު ކުރިމައްޗަށެވެ.

މީގެއިތުރުން މިއަންނަ މަހުގެ އެެއްވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ހަތަރު ވަނަ ޕެރޭޑު އޮންނަނީ ޏ. ފުވައްމުލަކުގައި، އެ ދުވަހުގެ ހަވީރު 16:00 ގައެވެ. އައްޑޫ ސިޓީގެ ރަށްތަކާއި ފުވައްމުލަކުގައި ކުރިއަށްގެންދާ ޕެރޭޑުގައި ދިވެހި އަސްކަރިއްޔާގެ ސިފައިންގެ އިތުރުން އައްޑޫ ސިޓީ ސްކޫލުތަކުގެ ކޭޑޭޓުން ވެސް ބައިވެރިވާނެއެވެ. ފުވައްމުލަކުގައި ކުރިއަށްގެންދާ ޕެރޭޑުގައި ފުވައްމުލަކު ސްކޫލުތަކުގެ ކެޑޭޓުންވެސް ބައިވެރިވާގޮތަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މި ދެ ސިޓީގައި ޕެރޭޑް ކުރިއަށްދާ ވަގުތުތަކުގައި އެމްއެންޑީއެފް އާޓްސް އެންޑް ސެރެމޯނިއަލް ސަރވިސްގެ މިލިޓަރީ ބޭންޑުގައި ރާގު ކުޅެވޭނެއެވެ.