ވ.ކެޔޮދޫ ޒުވާނުންގެ ޖަމިއްޔާއިން ބާއްވާ ކޭ.ޒެޑް.ޖޭ ކަޕް 2023 އަށް ސްޓެލްކޯ ކްލަބް ކެޔޮދޫ ދަތުރުކޮށްފިއެވެ.

ސްޓެލްކޯ ޓީމް މި މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ސެމީފައިނަލް ގެ ފުރަތަމަ މެޗްގައި މިއަދު ހެނދުނު ސްޕޯރޓްސް ކްލަބް ހޮސްކޮވޯ އާ ބައްދަލުުކުރި މެޗް ކާމިޔާބުކޮށްގެނެވެ.

މި މެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން ދެ ޓީމް އެއްވަރުވެފައިވާތީ ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. މި މެޗްގައި ސްޓެލްކޯގެ ލަނޑުތައް ކާމިޔާބުކުރީ ސާމީ އަދި އަމްހަދު އެވެ. ހޮސްކޮވޯ ގެ ލަނޑުތައް ކާމިޔާބުކުރީ އަޙްމަދު ރަޝީދު އަދި އާދަމް ރަޝީދު އެވެ.

ސެމީ ފައިނަލުން ސްޓެލްކޯ ޖާގަ ހޯދީ ގްރޫޕް ސްޓޭޖްގައި އެ ޓީމް ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްގެންކަން ފާހަގަކުރެވެއެވެ. އެ ޓީމާ ވާދަކުރި ހޮސްކޮވޯއަށް ސެމީ ފައިނަލުން ޖާގަލިބުނީ ގްރޫޕް ބީ ގެ ދެވަނަ ކަނޑައެޅުމުގައި ގޭދޮށު ޓީމާ ޕޮއިންޓްގެ ގޮތުން އެއްވަރުވެ ފައިދާ ގޯލުގެ ތަފާތުންނެވެ. އިއްޔެ ހަވީރު ހޮސްކޮވޯ އާއި އެން.ޖީ ސްޕޯރޓް ވާދަކުރި މެޗް އެން.ޖީ އިން ކާމިޔާބުކުރީ 3-2 އިންނެވެ. ގްރޫޕް އޭ އިން ކަޓާފައިވާ ދެ ޓީމް ކަމަށްވާ ބްރޯކާސް އާއި ކަންމަތި އިއްޔެ ހަވީރު ކުޅުނު މެޗް 7-4 ގެ ބޮޑު ތަފާތަކުން ކާމިޔާބުކުރީ ބްރޯކާސް އެވެ.

ސެމީ ފައިނަލްގެ ދެވަނަ މެޗް މިއަދު ހަވީރު 4:00 ގައި ކުޅެވޭނެއެވެ. މި މެޗްގައި ވާދަކުރާނީ ގްރޫޕް ބީ ގެ އެއްވަނަ ޓީމް އެން.ޖީ ސްޕޯޓްސް އާއި ގްރޫޕް ބީ ގެ ދެވަނަ ސޮލައިދޫ އެވެ. މި މެޗް ނިމުމާ އެކު އަންހެން ޑިވިޝަން ކާމިޔާބު ކުރާ ޓީމެއް ކަނޑައެޅުމަށް ކުޅެވޭ މެޗް އޮންނާނެއެވެ. މި މެޗްގައި ވާދަކުރާނީ ކްލަބް ބްރޯކާސް އާއި ސްޕޯޓްސް ކްލަބް ހޮސްކޮވޯ އެވެ. މި ދެ ޓީމް ކުޅުނު ފުރަތަމަ މެޗް 2-0 އިން ކާމިޔާބުކުރީ ބްރޯކާސް އެވެ.

މި މުބާރާތުގެ މީޑިއާ ޕާރޓްނަރ އަކީ ހަލިނިއުސް އެވެ. ހަލިނިއުސް މެދުވެރިކޮށް މުބާރާތުގެ އެންމެ ފަހުގެ މައުލޫމާތު ގެނެސްދެވޭނެއެވެ. މި މުބަރާތުގެ ސްޕޮންސަރުންނަކީ: ނަކާއި ރިޒޯޓްސް، ސްޓެލްކޯ، ހުޅުމާލެ ސޯމިލްސް، އާބަންކޯ، އެލިއާ އިންވެސްޓްމަންޓްސް، މަޑިހާ ކޮމްޕެނީ، އެމް.ޑަބްލިއު.އެސް.ސީ، އެފް.އެސް.އެމް، ވައިޓް މާކަނާ ލޮޖް، ޖުޕިޓަރ ސަންރައިޒް ލޮޖް އަދި ކެފޭ ތާސީރެވެ.