ސައުދީ އަރަބިއްޔާގެ ޖިއްދާގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓަށް މިދިޔަ ބުދަ ދުވަހު ބަޑިން ދިން ހަމަލާގެ ޒިއްމާ އަލް-ޤައެދާ ޖަމާއަތުން އުފުލައިފިއެވެ.

މިހަމަލާގައި ކޮންސިއުލޭޓޫގެ ޕްރައިވެޓް ސެކިއުރިޓީއެއްގެ ގޮތުގައި އެވަގުތު ހަރަކާތްތެރިވަމުން ދިޔަ ނޭޕާލްގެ ރައްޔިތަކު މަރުވިއެވެ. ސެކިއުރިޓީއިންނާ ބަދަލު ކުރި ހަމަލާތަކުގައި ޓެރަރިސްޓް ހަމަލާދިން މީހާވެސް ވަނީ މަރުވެފައެވެ. މިހަމަލާގައި އެމެރިކާގެ އެއްވެސް މީހަކަށް އަނިޔާވެފައިވާ ނުވާކަމަށް އެގައުމުން ވަނީ ބުނެފައެވެ.

ހަމަލާ ދިން މީހާ ހަމަލާދިނީ، ކާރެއްގައި އައިސް ކޮންސިއުލޭޓް ކުރިމަތީގައި ހުރެގެން ކަމަށާއި މިހަމަަލާ ސައުދީގެ ސަލާމަތީ ބާރުތަކުން ތަހްގީގު ކުރަމުން އަންނަ ކަމުގައި އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނެއެވެ.

މީގެ ކުރިން 2004 ވަނަ އަހަރާއި 2016 ވަނަ އަހަރުވެސް ޖިއްދާގައި ހުންނަ އެމެރިކާ ކޮންސިއުލޭޓަށް ހަމަލާ ދިނެވެ. އެމެރިކާގެ ކޮންސިއުލޭޓަށް ހަމަލާ ދިނުމުގެ އިތުރުން ޓެރަރިސްޓް އަލް-ޤައެދާ ޖަމާއަތުން ވަނީ މަސްޖިދުއް ނަބަވީއަށް ޖާނުން ފިދާވެގެން ހަމަލާ ދިނުމަށްވެސް މީގެ ކުރިން މަސައްކަތް ކޮށްފައެވެ.